ހަނގުރާމައާއި އިގްތިސޯދީ ދަތިތަކާއި ދުނިޔެ ހޫނުވުމުގެ އަސަރުތަކާއި ކޮވިޑް ވެސް ހިމެނުނު ދަތި އަހަރަކާ ދުނިޔެ އަލްވަދާއު ކިއުމަށް އާ އަހަރަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.
ކޮވިޑްގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އާންމު ދިރިއުޅުމަށް ބުރޫ އެރިތާ ދެ އަހަރު ފަހުން ދުނިޔޭގެ ގިނަ ގައުމުތަކުގައި އާ އަހަރަށް މަރުހަބާ ކިޔައި އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ އެއްވުންތަކާއި އީދުތަކާއި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސް 2023 ފަށައިފި އެވެ.
އޮސްޓްރޭލިއާގައި ފުރަތަމަ ފަހަރަށް ހުރަހަކާ ނުލައި އާ އަހަރުގެ އީދު ފާހަގަ ކުރި އެވެ. އާ އަހަރަށް މަރުހަބާ ކިޔާ ދުނިޔޭގެ ފުރަތަމަ ބޮޑެތި ސިޓީތަކުގެ ތެރެއިން އެއް ސިޓީ ކަމަށްވާ ސިޑްނީގައި އެކަން ކުރީ އާންމުކޮށް އޮންނަ ހަމައިގައި އަނދިރި ކޮށްލައި ފަޔާވޯކްސް ޑިސްޕްލޭ ކޮށްގެނެވެ. ޔޫކްރޭންގެ ހަނގުރާމަ އާއި އިގްތިސޯދީ ދަތިތަކާއި ދުނިޔެ ހޫނުވުމުގެ އަސަރުތައް ގިނަ ބަޔަކަށް ފާހަގަ ކުރެވުނު އަހަރަކާ ދުނިޔެ އަލްވަދާއު ކިއުމަށް ފަހު އޭޝިއާގައި ޗައިނާއިން ފެށިގެން ފިލިޕީންސް އާއި ހަމައަށް ތައިލެންޑާ ހަމައަށް މުޅި އޭޝިއާގައި އާ އަހަރުގެ އީދު ފާހަގަކުރި އެވެ. އަދި ޔޫރަޕްގެ ބައްރުގައި ވެސް އީދު ކުރިޔަށް ގެންދިޔަ އެވެ.