އެންމެން ބަލަން ތިއްބާ ދިރާގު ޓީވީ "ގިނި ހިލަ"އެއްގަ ޖެހި ނިވެނީ

މީޑިއާނެޓަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ "ދާދާ" ގެ ގޮތުގައި ވެފައި ވަނީ ހަމަ އޮވަފައެއް ވެސް ނޫނެވެ. އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑަށް ބަލައިލުމުން ފެންނަނީ ރާއްޖޭގެ ވިޔަފާރީގައި އެންމެ ވަރުގަދަ ވަރުގަދަ ބްރޭންޑް މޫނު ތަކެވެ.

ދިރާގު ޓީވީގެ ހިދުމަތެއް ތައާރަފު ކުރުމުގެ ހަފުލާއެއް ކުރިޔަށް ދަނީ: މި ޓީވީގެ ހިދުމަތް އަންނަ މަހު ހުއްޓާލަން ވަނީ ނިންމާފައި -- މިހާރު ނޫހުގެ ފޮޓޯއެއް

މީގެ ހަތް އަހަރު ކުރީގައި ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން އޮތީ "މީޑިއާނެޓް" ކުންފުންޏަށް ހިތަކަށް ދީފަ އެވެ. މީޑިއާ ނެޓަށް އެ ބޮޑު ވިޔަފާރި ކުރާނެ ގޮތަކަށް ކުރަން ދީީފައި އޮއްވާ "ޓީވީގެ ހިދުމަތަ" ށް ދިރާގު ވަނުމުން މީޑިއާނެޓްގެ ލަގޮނޑިއަކަށް ކެތެއް ނުވި އެވެ. އާ ބަޔަކު ވަދެ އާ ބަދަލެއް ގެންނާނެ ކަމުގެ ކޮޅުމަތި ދިރާގުން ޓީވީއާއެކު ފެނުމުންނެވެ.

މުޅި ރާއްޖެއަށް ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ މުއާސަލާތީ އެ ކުންފުނީގެ މި ހިދުމަތާއެކު ޓީވީގެ މަންޒަރު ބަދަލުވާން ވެސް ފެށި އެވެ. ކުރިން އަހަރު ދެކޮޅު "ޑީކޯޑަރު" ގަންނަން އާ ކުރަން ޖެހޭތީ ޝަކުވާ ކުރަމުން ދިޔަ މީހުންގެ ގިނަ ބަޔަކު ދިރާގު ޓީވީއަށް ޓީވީ ބަދަލު ކުރި އެވެ. މީޑިއާނެޓަކީ "ޑީކޯޑަރު ވިއްކައި ކައިގެން ބޮއެގެން އުޅޭ ބައެއް" ކަމަށް ބުނި ގިނަ ބަޔަކަށް ދެވަނަ ޗޮއިހެއް ވެސް ލިބުނެވެ. އެހެންވެ ދިރާގު ޓީވީ ބަލާ މީހުންގެ އަދަދު އިތުރު ވާން ފެށި އެވެ. އެ އަދަދު އުފުލޭން ފެށި އެވެ. ދިރާގު ޓީވީގެ އާބާދީ އިތުރުވަމުން ދިޔައީ ވެސް ހަމަ ބާރަށެވެ. ދިރާގު ޓީވީގެ ތަރި އަރައި އުދަރެހުގައި ހަމަޖެހިލައި ފިޔަ ޖަހާން ފެށިތާ ހަތް އަހަރު ފަހުން ދިރާގު ޓީވީ މިވަނީ ބޮޑު "ގިނި ހިލަ" އެއްގައި ޖެހި ބޮޑު ގޮވުމަކުން ގޮވާފަ އެވެ.

ދިރާގު ޓީވީގެ ތަރި ނިވި، އެތައް ބައެއްގެ ހައްގު ގެއްލުމުނު ނަމަވެސް މި ނިންމުން އައީ މިނިވަން ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލާފައި ތިވި ރަނގަޅަށް ތަންދޮރު ވަކިވާ މެންބަރުން ހެދި ގަވާއިދެއްގައި އޮތް އެންމެ ތިން ފޮޅުވަތުގެ ޖުމްލަތަކަކުންނެވެ. އެ ފޮޅުވަތްތައް ބުނަނީ ރާއްޖޭގައި ބޭރުގެ ހިއްސާވާ އެއްވެސް ބަޔަކަށް ރީބްރޯޑްކާސްޓެއް ނުކުރެވޭނެ އެވެ. -- ދެޓްސް އިޓް! ހުރިހާ ކަމެއް ނިމި އަވަދިވީ އެވެ.

"ބްރޯޑްކޮމް" ގެ މި ނިންމުން ހުރިހާ ކަމެއް މީޑިއާނެޓަށް ފަހިވާ ގޮތަށް ދީލާލައި ދިން އިރު މި ނިންމުގެ މޮޅު ލިބޭ "މީޑިއާނެޓް" ކުންފުންޏަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ވަރުގަދަ، ބުރަދަން ހުރި އެންމެ މުއްސަނދި އެއް ކުންފުނިކަން ޔަގީން ވެއެވެ. ހިސާބެއް ހަދައިފިއްޔާ މަތީ ފެންވަރުގެ ރިސޯޓެއްގެ އާމްދަނީއަށް ވުރެ މީޑިއާ ނެޓްގެ މަހެއްގެ އާމްދަނީ ހުންނާނީ އުހުގަ އެވެ.

ދިވެހިރާއްޖޭގައި އެކަނި މާއަކަނި ބޮޑު ބާޒާރެއް ބަނޑުދަށުލައިގެން އޮތް މީޑިއާ ނެޓްގެ "ބާރުގައި" ޖެހި ދިރާގު ޓީވީ ވިއްސައިގެން ދާން ދިމާވި ހާދިސާގެ އެތެރެއަށް ވަދެ ފީނައި ގަތުމުން ފެންނާނީ ވެސް މީޑިއާނެޓުގެ ވަރުގަދަ ކަމާއި ބާރާއި ނުފޫޒެވެ.

މީޑިއާނެޓަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ "ދާދާ" ގެ ގޮތުގައި ވެފައި ވަނީ ހަމަ އޮވަފައެއް ވެސް ނޫނެވެ. އެ ކުންފުނީގެ ޑިރެކްޓަރުގެ ބޯޑަށް ބަލައިލުމުން ފެންނަނީ ރާއްޖޭގެ ވިޔަފާރީގައި އެންމެ ވަރުގަދަ ވަރުގަދަ ބްރޭންޑް މޫނު ތަކެވެ. ރާއްޖޭގައި ކޮންމެ ކަމެއް ވެސް ބަދަލު ކޮށްލެވޭ ފަދަ ބާރުގަދަ ސިޔާސީ ފަރާތްތައް އެ ބޯޑުގައި އެބަތިއްބެވެ. ފައިސާގެ ގޮތުން ބަލާނަމަ ބޭނުން ކޮންމެ އެއްޗެއް ބޭނުން ކޮންމެ ވަގުތަކު ގަނެލެވޭނެ މަހުޖަނުން އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އިށީނދެ އެބަތިއްބެވި އެވެ.

ބޯޑަށް ބަލާއިރު އެންމެ ބޮޑު ހިއްސާދާރެއްގެ ގޮތުގައި ބޯޑު ތަމްސީލް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިލާ ގްރޫޕްގެ ވެރިޔާ ގާސިމް އިބްރާހިމެވެ. ދެން ޖެހިގެން އިންނަވަނީ ނުފޫޒާއި ބާރު ގަދަ، "ވަރުގަދަ" ދުލެއް ވެސް އޮންނަ އަކްރަމް ކަމާލުއްދީނެވެ. އޭނާއަކީ ޕްލޭނިން މިނިސްޓްރީގެ ނައިބެވެ. އެ ދެ ބޭފުޅުންގެ ފަހަތްޕުޅުން ދެން އިންނަވަނީ ބިޔަ ބޮޑު އޭޑީކޭ ކުންފުނީގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި އާދަމް ނަސީރު ހުސެއިން އާއި އަހުމަދު ޝަފީއު އެވެ. ދޫކުރާނެ ބޭފުޅަކު ނެތެވެ.

މީޑިއާ ނެޓަކާ ނުކުޅެވޭނެ

  •  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
  •  ޕްލޭން މިނިސްޓްރީގެ ނައިބު އަކްރަމް ކަމާލުއްދީން
  •  އޭޑީކޭ ހޮސްޕިޓަލްގެ ވެރިޔާ އަހުމަދު ނާޝިދު
  •  އާދަމް ނަސީރު ހުސެއިން
  •  އަހުމަދު ޝަފީއު

މަޖިލީހުން އެންގި، ކޯޓަށް ވެސް ދިޔަ، ވީކަމެއް ނެތް!

ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކޮމުން ގެނައި ކުޑަ ބަދަލަކުން ދިރާގު ޓީވީގެ ސްވިޗް އޮފްކޮށްލައި ފުރުސަތު ގެއްލުވައިލާއިރު ދިރާގަކީ ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި 41 ޕަސެންޓް ދިވެހި ސަރުކާރުގެ ހިއްސާ އަދި ބާކީ ހަތް ޕަސެންޓް ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށްވާތީ އެވެ.

މި މައްސަލައިގެ ތެރެއަށް ރައްޔިތުން މަޖިލީސް ވެސް ވަނެވެ. އަދި މި މައްސަލަ ކޯޓަށް ވެސް ވެއްދި އެވެ. ރައްޔިތުން މަޖިލީހުން ބްރޯޑްކޮމްއަށް އެންގީ ދިރާގު ޓީވީ ހުއްޓާލަން ޖެހޭ ގޮތަށް ހެދި ގަވައިދު ބަދަލު ކުރާށެވެ. އެ މައްސަލަ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ގަވައިދު ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި ބްރޯޑްކޮމްގެ މެންބަރުންނާއި ދިރާގާއި އެހެނިހެން ފަރާތްތައް ވެސް ހާޒިރު ކުރި އެވެ. އަދި ގަވައިދު ބަދަލު ކުރަން ވެސް އެންގި އެވެ. އެކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. މަޖިލީހުން އެންގި އެންގުމަށް ވެސް އަމަލެއް ނުކުރި އެވެ.

މީޑިއާ ނެޓާ ވާދަ ކުރަން ނުކުތް ދިރާގު ޓީވީ ނިއްވާލަން ޖެހި އަންނަ މަހުގެ 29 އިން ފެށިގެން އަނެއްކާ ވެސް މީޑިއާނެޓަށް "ޓީވީ" ހިތަކަށް ލިބި މޮނޮޕޮލައިޒް ކުރަން ފުރުސަތު ލިބޭނެ އެވެ. މި ބަދަލާއެކު 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަންގައި ރާއްޖޭގެ 85 ޕަސެންޓް އާބާދީގެ 90 ރަށަށް ފޯރުކޮށްދޭ ކުންފުނީގެ އެ ހިދުމަތް ނިމުމަކަށް ދާނެ އެވެ. މިއީ އާބާދީގެ ނިސްބަތުން ބޯ ގުނާނަމަ 60،000 އަށްވުރެ ގިނަ މީހުންނެވެ. އެ އެންމަނަށް ޓީވީ ނިވި މަންޒަރު ގެއްލޭނެ އެވެ.

  •  ރީބްރޯޑްކާސްޓް ކުރުވޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތަކަށް ކަމަށް ހެދި
  •  ދިރާގަކީ ބަޓެލްކޯގެ 52 ހިއްސާ އޮންނަ ކުންފުންޏަކަށްވުން
  •  ދިރާގުން ރާއްޖޭގެ އެކި ހިސާބުތަކަށް ޓީވީގެ ހިދުމަތް ދޭ
  •  90 ރަށަށް ޓީވީ ކެނޑި، 60،000 އާބާދީއަށް މަންޒަރު ގެއްލޭ

ދިރާގު ޓީވީ ވިއްކާލަނީ ސަން ނެޓަށް

ދިރާގުން ބުނެފައިވާ ގޮތުން ދިރާގު ޓީވީ އަދި "ދިރާގު ޕްލޭ" ހިދުމަތް ފޯރު ކޮށްދިނުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހެވެ. އެހެންވެ އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް މަސް ދުވަހުގެ ނޯޓިސް އެއް ދީފަ އެވެ.

އެ ކުންފުނިން މި ނިންމުން އައުމާ ގުޅިގެން ވަނީ މި ހިދުމަތް ހުއްޓުމުން މިހާރު ވަނީ "އައިޕީ ޓީވީ" ގެ ހިދުމަތް ދޭން ނިންމާފަ އެވެ. އެކަން ކުރަން ދިރާގުޓީވީ ހުއްޓާލާ މަޝްހޫރު ވިޔަފާރިވެރިޔާ ސަން ސިޔާމްގެ ސަން ޝިޔާމް ނެޓަށް ވިއްކާލަން ވަނީ ނިންމާފަ އެވެ.

ހަތް އަހަރު ފަހުން އަންނަ މި ބޮޑު ބަދަލާއެކު އަނެއްކާ ވެސް މީޑިއާނެޓުގެ ބާރު މި ދާއިރާގައި ގަދަވެގެންޗދާނެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ބަޔަކު ޓީވީ ބަލަން ތިއްބައި ދިރާގު ޓީވީ ނިވިގެން މި ދަނީ ވަރުގަދަ ބައެއްގެ ނުފޫޒުންންނެވެ. އެ މީހުންގެ ގައިގައި ޖެހުމުމުން ފޮޅާލަނީ އެވެ. މުޅި މައްސަލާގައި ދިރާގު ޓީވީ އަކީ ގިނި ހިލައިގައި ޖެހުނު ކުޑަ ތަރިއެކެވެ.

ކޮމެންޓް

1
450
ހުސައިން803
1 year ago

ރައްޔިތުންނާއި ސަރުކާރަށްވުރެ ބާރުގަދައީ މަހުޖަނުންތާ.. އަސްލު މިވާގޮތަކީ ރައްޔިތުންނާއި ސަރުކާރަށް ދިރާގުންލިބޭ ފައިދާއަށްވުރެ ބޮޑަށް ސަރުކާރާއި ވެރިން މިބަލަނީ ވެރިކަން ދަމަހައްޓަން މަހުޖަނުންދޭ ފައިސާކޮޅަށް، ސަރުކާރުމިއޮތީ މަހުޖަނުންގެ ފައިބުޑަށް ވެއްޓިފައި..

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.