މާލޭގެ ފެމެލީ ކޯޓުގައި މިއަދު 58 ކައިވެންޏެއް ކުރާނެ އެވެ. ރަސްމީ ގަޑީގައި 25 ކައިވެންޏެވެ. ނުރަސްމީ ގަޑީގައި 33 ކައިވެންޏެވެ.
ކޮންމެ އަހަރަކުވެސް ވަރަށް ރީތި ތާރީހުތައް އާދެ އެވެ؛ އެފަދަ ތާރީހުތަކުގައި ރަށްރަށުގެ ކޯޓުތަކަށް، ހާއްސަކޮށް މާލޭގެ ފެމެލީ ކޯޓަށް ވަރަށް ބާރު ބޮޑުވެ އެވެ. އެފަދަ ދުވަސްތައް ހާއްސަ ވަނީ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވެފައި ތިބި މީހުންގެ އުންމީދުތަކާ ގުޅިފައިވާ ދުވަސްތަކަކަށްވާތީ އެވެ. ރީތި ތާރީހެއްގައި ކައިވެނީގެ ގޮށް ޖަހާލަން ބޭނުން ވާތީ އެވެ.
މިއަދަކީ ވެސް އެފަދަ ދުވަހެކެވެ. ވަރަށް ރީތި ވެސް ތާރީހެކެވެ. ބާވީސް، ބާރަ، ބާވީހެވެ. އެތައް ކައިވެންޏެއް މުޅި ރާއްޖޭގައި ކުރާނެ ދުވަހެކެވެ. މާލޭގެ ފެމެލީ ކޯޓުގައި މިއަދު 58 ކައިވެންޏެއް ކުރާނެ އެވެ. ރަސްމީ ގަޑީގައި 25 ކައިވެންޏެވެ. ނުރަސްމީ ގަޑީގައި 33 ކައިވެންޏެވެ.
މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ ބާވީސް، ދޭއް، ބާވީހެވެ. އެދުވަހު ރެކޮޑު އަދަދަކަށް ކައިވެނި ކުރި އެވެ. އެއީ 87 ކައިވެންޏެވެ.
މިފަދަ ދުވަސްތަކަކީ އާއިލާތައް ފެމިލީ ކޯޓު ކުރިމަތީގައި ހޭދަ ކުރާނެ ދުވަހެކެވެ. ފެމެލީ ކޯޓު ދޮރުމަތީގައި މިއަދު ވެސް އެކި އާއިލާތައް ޖަމާވެ ތިބީ އުފަލުންނެވެ. ކޯޓުގެ ދޮރުން ބޭރަށް ނުކުތްއިރު ބައެއް މީހުންނަށް އުފަލުން ރޮވިފަ އެވެ. އަނެއްބައި މީހުންގެ މޫނު މަތިން ހިނިތުންވުން ފިލައި ނުދެ އެވެ
ރީތި ތާރީހެއްގައި ގިނަ ކައިވެނިތަކެއް ކުރެވޭތީ ފެމެލީ ކޯޓުން ވެސް މިއަދަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެއްސި އެވެ. އެގޮތުން އެ އާއިލާތަކަށް ލުއި ފަސޭހަ ކޮށްދިނުމަށް ކޯޓު ދޮރުމަތީގައި ޓެންޓް ޖަހައި، ގޮނޑިބަރި ޖަހާފައިވެ އެވެ. ކައިވެނި ކޮށްގެން ނުކުންނަންދެން އެއްބަޔަކު ގޮނޑިބަރީގައި އިންތިޒާރުގައި ތިބެ އެވެ. އަދި އެއްބަޔަކު ކައިވެނިކޮށްގެން ނިކުންނަދެން، ދެން ކައިވެނި ކުރަން ތިބި ޖޯޑުތައް ވެސް މަޑުކޮށްލައިގެން ތިބެ އެވެ.
ރީތި ތާރީހެއްގައި ކައިވެނި ކުރަން ގިނަ މީހުން ބޭނުންވަނީ އެ ދުވަހަކީ ހަޔާތުގައި އަންނަ ވަރަށް ހާއްސަ ދުވަހަކަށް ވާތީ އެވެ. އެ ތާރީހަކީ އަބަދުމެ، ހަނދާނުގައި ހުންނާނެ ދުވަހެއްކަމުން ރީތި ތާރީހަކަށް ވާން ގިނަ މީހުން ބޭނުންވެ އެވެ.