ރާއްޖެއިން މީހުން ގެއްލޭ ހާދިސާތައް މަދެއް ނޫނެވެ. ގެއްލޭ މީހުން ހޯދަން ފަށައި މަސައްކަތްތަކެއް ކުރި ނަމަވެސް އެފަދަ ހާދިސާތަކުގައި މީހުން ހޯދުމުގެ މަސައްކަތް ކުރާ ގޮތާމެދު އާންމު ސުވާލުތައް އޮވެއެވެ. އާންމުން ބުނާ ގޮތުން ނަމަ އަބަދުވެސް އޮންނަނީ ފަށާކޮޅު ފަލަކޮށް، ނިމޭކޮޅު ހިމަކޮށެވެ. ސުވާލު އުފެދެ އެވެ.
ނ. އަތޮޅުގައި 800 މީހުން ހަމަ ނުވާ ކުޑަކުޑަ އާބާދީއަކާއެކު އޮންނަ ހެނބަނދޫން ޒުވާނަކު ގެއްލިގެން ހޯދަ އެވެ. އޭނާއެއް އަދި ނުފެނެ އެވެ.
އެ ޒުވާނާ / ހެނބަދޫ ކުންނާރުގޭ، އިބްރާހިމް ރާޒިމްޒް ދަތުރެއް ކުރާން ބޭނުން ކުރި ކަމަށް ބެލެވިފައިވާ ކެނޯއެއް އަތޮޅުގެ ކެނދިކޮޅުދޫ ކައިރިން ވަނީ ފެނިފަ އެވެ. ކެނދިކުޅުދޫ އަކީ ހެނބަދޫ ކައިރިން ބަނޑުދޮށުގައި ޖެހިގެން ކަހަލަ ގޮތަކަށް އޮންނަ ރަށެކެވެ.
ހެނބަދޫ ކައުންސިލުގެ އިދާރާއިން ބުނާ ގޮތުންނަމަ ކެނޯ ފެނިގެން ފުލުން އެ ބަލައި އިންވެސްޓިގޭޝަނެއް ހަދާފައި ވެއެވެ.
* ރާމިޒް ގެއްލުނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ
* ގެއްލުނުކަން ރިޕޯޓް ކޮށްފައި ވަނީ އެރޭގެ އިރާކޮޅު
* ރާމިޒް އެންމެ ފަހުން ފެނުނީ ބުރާސްފަތީގެ ހެނދުނު
* ރާމިޒް އާދަވެ އަތްމަތީ ގެންގުޅޭ ތަކެތި ހުރީ ގޭގައި
___________________________________________
ރާމިޒް ހޯދަން ސިފައިންނާއި ފުލުސް އިދާރާ ހަވާލު ވުމުގެ ކުރިން، ހެނބަދޫ ކައުންސިލާއި ރައްޔިތުން ނުކުމެ ރާމިޒް ހޯދުމުގެ މަސައްކަތް ފުޅަލަށާއި ދިގަށް ރަށުގައި ކުރި އެވެ. އެ މަސައްކަތުން މިހާތަނަށް އެނގިފައިވަނީ އެ ރަށުގެ ގޮނޑުދޮށުގައި އޮތް ކެނޯއެއް މޫދަށް ބާލާފައިވާ ކަމަށެވެ. އަދި ޝައްކު ކުރެވިފައި ވަނީ އުމުރުން 28 އަހަރުގެ ރާމިޒު ދަތުރެއް ކޮށްފައި ވަނީ އެ ކެނޯގަ އެވެ. އޭނާ މޫދަށް ބާލާފައި ވަނީ ރާމިޒްގެ ބައްޕަގެ ޑިންގީއަކާއި ކެނޯއެއްގެ ތެރެއިން ކެނޯ އެވެ. އެތާނގެ ކައިރީގައި އޭނާގެ ފައިނެއް ވެސް ހުއްޓެވެ.
ރާމިޒަކީ އައްޑު އަތޮޅުން މީހަކާ އިނދެ އެ އތޮޅުގައި ގާއިމުކޮށްފައިވާ ފެނަކައިގެ އޮފީހެއްގައި ވަޒީފާ އަދާ ކުރަމުން ދިއުމަށް ފަހު ކުއްލި ގޮތަކަށް ރަށަށް އައި މީހެކެވެ. ބައެއް މީހުން ބުނާ ގޮތުން އޭނާ އައީ ވަޒީފާ ދޫކޮށްލާފަ އެވެ. އަދި ބައެއް އެހެން މީހުން ބުނާ ގޮތުން ނަމަ ރަށަށް އައިސް އުޅެން ފެށީ ފުލުހުން އޭނާއަށް ތުހުމަތުކޮށް ބަލަމުން ގެންދާ މައްސަލައެއްގެ ތެރެއިން ކުރު ޗުއްޓީއެއް ހޯދައިގެން އީދަށެވެ. އެކަމަކު އެ ކަންކަން ވެސް އަދި އޭނާއަށް ތުހުމަތު ކުރާ މައްސަލަ ވެސް ސާފެއް ނުވެއެވެ.
ކުށުގެ ވެށި ވަރަށް ކުޑަ ހެނބަދޫގެ ބައެއް އެކައުންޓްތައް ބުނެދޭ ގޮތުން ރާމިޒަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ. ރާމިޒް ގެއްލިއްޖެ ކަމަށް ބެލެވި ހޯދަން ފެށި އިރު އޭނާ އާދަވެ އަތްމަތީގައި ގެންގުޅޭ ފޯނާއި މުހިންމު ކާޑުތަކާއި ސިނގެރޭޓް ފޮއްޓެއް ގޭގައި ބާއްވާފައި އޮތެވެ.
އާންމު އެހެން މީހުން ވެސް ގެއްލުމުން އެ މީހަކު ހޯދާން ފަށަ އެވެ. އެކަމަކު އަބަދުވެސް އޭގެ ދެ ދުވަހަކަށް ފަހު ދެން މާ ބޮޑު މައުލޫމާތެއް ނޯވެ ގެއްލުމުގެ ހާދިސާ އޮބިގެން ހިނގައި ދެއެވެ. އެ ދެމެދުގައި ސިފައިންނާއި ފުލުހާ ހަވާލާދީ މީޑިއާއަށް ބައެއް ސުރުހީ އަރަ އެވެ. "އަދިވެސް ހޯދަނީ" އާއި "އަދިވެސް ނުފެނޭ" އާއި "ކަނޑާއިގެ ވައިގެ މަގުން ބޮޑު ސަރަހައްދެއް" ބަލައިފި" ކަމަށް ބުނެދޭ ސުރުހީތަކެވެ. ހަފުތާ ދުވަސްތެރޭގައި ގިނަ މައްއްސަލަކުގެ "ސާޗް" އޮބިގެން ދިއުމަކީ އާންމު ހޯދުން އޮންނަ ގޮތުގެ ސިފަ އެވެ.
މިދިއަ ބުރާސްފަތި ދުވަހު ހެނދުނު ރާމިޒު ހެނބަދޫގައި ހުއްޓެވެ. މީހުން އޭނާ ދުއްޓެވެ. އޭރު ހުރި ކަމަށް ވަނީ އަޅި ކުލައިގެ ޓީޝާޓަކާއި ނޫ ކުލައިގެ ސޯޓެއްގަ އެވެ. އެމްއެންޑީއެފް އިން ބުނާ ގޮތުން ސިފައިންގެ ނޯދަން އޭރިއާ ކޯސްޓް ގާޑާއި ފުލުހުންނާ ގުޅިގެން ރާމިޒް ހޯދުމުގެ މަސައްކަތް ބާރަށް ކުރެ އެވެ. އޭނާ ހޯދަން ހެނބަދޫގެ އިތުރުން، ކެނދިކުޅުދޫ އާއި ކައިރީގައި ހުރި އެހެން ރަށްރަށުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު ވަނީ ބަލާފަ އެވެ. އަދި އެމްއެންޑީއެފް ޑޯނިއާ މަތިންދާބޯޓުގައި ވައިގެ މަގުން ވެސް ކަނޑުގެ ސަރަހައްދެއް ވެސް ވަނީ ބަލާފަ އެވެ.
މީހުން ގެއްލުމުން ހޯދަން ފަށައި މަސައްކަތްތަކެއް ކުރި ނަމަވެސް އެފަދަ ހާދިސާތަކުގައި ހޯދުމުގެ މަސައްކަތް ކުރާ ގޮތާމެދު ސުވާލުތައް އޮވެ އެވެ. އަބަދުވެސް އޮންނަނީ ފަށާކޮޅު ފަލަކޮށް، ނިމޭކޮޅު ހިމަކޮށެވެ.