ކަރަންޓް ނެތި ދިއުމާއި އޭސީތައް ނުޖައްސާ "ހޫނު އަވަނަކަށް" ސަލްމާން މިސްކިތް ހަދާފައި އޮނަން މައްސަލަތައް ދިމާވާއިރު މިސްކތުގެ ދޮރުތަކުގެ ޑޯ ކްލޯޒަރުތައް އެޖެސްޓް ނުކޮށް ހުރުމުން އަބަދު "ބަންބަންލާފައި" ޖެހޭ އަޑުގަދަވެފައި ވެސް ހުރެ އެވެ.
އިއްޔެގެ ހުކުރު ނަމާދަށް ހެންވޭރު ސަލްމާން މިސްކިތަށް ދިޔަ އެތައް ހާސް މީހުން މިސްކިތުގައި ތިބީ ދާހިއްލާ ފޯވެގެނެވެ. އެއީ ހަމަ އެކަނި އިއްޔެ އާއި އިއްޔެ ހުކުރު ނަމާދުގައި އަކަންޏެއް ނޫނެވެ. މިދިއަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ މިސްކިތަށް ދާ މީހުން ތިބެނީ ގަދަ ހޫނު "އަވަނެއް" ގައި ތިބޭހެނެވެ. މިހާރު ވެސް އެ ގޮތުގައި މަހަކާއި 26 ދުވަސް ދިޔައީ އެވެ.
ސަލްމާން މިސްކިތުގައި ފިނި ކަމެއް ނޯންނަ އިރު މިހާތަނަށް ރަސްމީ ހުޅުވުމަކާ ނުލައި ބޭނުން ކުރަމުން އަންނަ މިސްކިތަށް ފަހަކަށް އައިސް ބައެއް ނަމާދު ވަގުތު ވަނީ ކަރަންޓު ނެތި އެވެ. އަދި ތާޅަފިލިތަކުގެ އަޑު މަޑު ކުރުމާއި އަޑު ކަނޑާފައި ހުންނަ މައްސަލަތައް ވެސް ފާހަގަ ކުރާ މީހުން އުޅެ އެވެ.
އިއްޔެ ވެސް ހުކުރަށް ދިޔަ މީހުންގެ ތެރޭން އާދަވެ އެ މިސްކިތަށް މެންދުރު ބަންގީގެ ކުރީން ދާ މީހަކު ބުނި ގޮތުގައި "ފިނި ކަމެއް ނޯންނަތަ ކިތަންމެ ދުވަހެއް ވެއްޖެ" އެވެ.
"މިތާ އުޅޭ މީހުން ގާތުގައި އަހާލާއިރަށް ބުނާނެ އަދި ތިން މަސްވަރު ނަގާނޭ... އަނެއް ބައިފަހަރު ބުނާނެ ރޯދަ މަހަށް ފިނިވާނާނެއޭ. އަނެއް ބައިފަހަރު ބުނާނެ މާދަމާއޭ... ތެދެއްމެ މާދަމާއޭ ބުނި ދުވަހު ފަންކާތަކެއް ގެނެސް އެބަހުރި މައި މިސްކިތުގައި އަތުރާފައި... މިކަން ހިނގާ ގޮތެއް ނޭނގޭ،" އުމުރުން ދޮށީ އެ މީހާ ބުންޏެވެ.
އޭނާ އަދި ސަމާސާއަށް އެހެން ވާހަކައެއް ވެސް ބުންޏެވެ: "މިސްކިތަށް އައިސް ނަމާދުގައި ކިޔަންޖެހޭ ތަކެއްޗަށްވުރެ މި މައްސަލާގައި ކިޔަން ޖެހޭ އެއްޗެހި ގިނަވެފައި މިއޮތީ، މިސްކިތަށް އައިސް ޖެހެނީ އެކަކު އަނެކަކަށް މި ވާހަކަ ދައްކަން،"
އާދަވެ އެ މިސްކިތުގައި ގިނަ ވަގުތު ހޭދަ ކުރާ "މިސްކިތު މީހުން" ގެ ތެރެއިން އެހެން މީހަކު ބުނި ގޮތުގައި އޭސީތައް އެއް ފަހަރާ ހަލާކުވާން ޖެހޭ ސަބަބެއް ނޭނގެ އެވެ. މިސްކިތާ ހަވާލު ވެގެން އުޅޭ މީހުން ބުނާ ގޮތަކީ ބޭނުން ނުކޮށް ގިނަ ދުވަސްފައި އަލުން ބޭނުން ކުރާން ފެށުމުން ހަލާކު "ވިރެން" ފެށީ އެވެ. އޭގެ ތަފުސީލު އެނގޭ އިންސާނަކު ނެތެވެ.
"އޭގެ ހަގީގަތެއް ނޭނގޭ. ފިިނި ނުވާކަން އެނގޭ!" އޭނާ ބުންޏެވެ.
ބައެއް އެހެން މީހުން ބުނާ ގޮތުގައި ފުރިހަމަ ނިޒާމްތަކެއް ހުރި އެ މިސްކިތުގައި ކަރަންޓު ކެނޑިފައި އޮތުމާއި އޭސީތައް ހަލާކު ވުމަކީ ގަބޫލު ކުރަން ދަތި ވާހަކަ އެކެވެ. އަދި ބައެއް މީހުންގެ ވާހަކައަކީ އެއީ ގަސްދުގައި ކުރާ ކަމެކެވެ.
"އޭސީތައް ހާލުވިޔަސް ރަނގަޅު ކޮށްލަން ދެ މަސް ތިން މަސް ވާނެބާ؟ އަދި އިތުރު ތިން މަހަށް މިކަން ދާނަމަ އެ ދަނީ ފިނި ކަމެއް ނެތި ގާތްގަނޑަކަށް ފަސް މަސް ދުވަހަށް،" އެހެން މީހަކު ބުންޏެވެ.
ސަލްމާން މިސްކިތް ނަމާދަށް ބޭނުން ކުރަން ފެށި ދުވަސްވަރު ވެސް އެފަދަ މައްސަލަތަކެއް ނުކުތެވެ. އޭރު ވެސް އާންމުން ވަނީ އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައި ސަލްމާން މިސްކިތް ބެލެހެއްޓުމުގައި އިސްލާމިކް މިނިސްޓްރީގެ އިންތިޒާމުތައް ދޯދިޔާކަން ފާހަގަ ކޮށްފަ އެވެ. އެފަހަރު ބުނީ އެހެން ދިމާވީ ކޮމްޕިއުޓާ ސިސްޓަމް ބޭނުން ކޮށްގެން ކަރަންޓު ޖައްސަންޖެހޭ މުވައްޒަފަށް ނުދެވުނީ އެވެ. އެ މިސްކިތުގައި ކަރަންޓު ފޯރުކޮށްދެނީ ކޮމްޕިއުޓާ ސިސްޓަމެއް ބޭނުން ކޮށްގެންނެވެ.
ކަރަންޓް ނެތި ވަރަށް ގިނައިން ދިއުމާއި އޭސީތައް ނުޖައްސާ "ހޫނު އަވަނަކަށް" ސަލްމާން މިސްކިތް ހަދާފައި އޮނަން މައްސަލަތައް ދިމާވާއިރު އެ މިސްކިތުގެ ދޮރާށިތަކުގެ ޑޯ ކްލޯޒަރުތައް އެޖެސްޓް ނުކޮށް ހުރުމުން އަބަދު "ބަންބަންލާފައި" ޖެހޭ އަޑުގަދަވެފައި ވެސް އެތައް ދުވަހަކު ހުއްޓެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި "އެއާކޯންތައް ހަލާކު ވެގެން ދިޔައީ ވަރަށް ދުވަސް ވެގެން" ވެ. އަދި އަލަށް އެ އޭސީތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަނީ ވެސް އެ މިސްކިތުގެ އޭސީތަކުގެ ނިޒާމެއް ގާއިމް ކުރި ތުރުކީގެ ކުންފުނިންނެވެ.
"އަޅުގަނޑު މި އުންމީދު ކުރަނީ މި މަހުހުގެ 20 ވަނަ ދުވަހަށް ނުވަތަ 21 ވަނަ ދުވަސް އެހިސާބުގައި އެކަން ނިމޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ،
ތަކުރާރުކޮށް ވެސް މިނިސްޓަރާ އެ ސުވާލު ކުރެވުނެވެ: "މިމަހުގެ ވިހި އެއްކާވީސް ހިސާބުގައި ފިނިވާނެތޯ؟"
"އާދެ! އިރާދަކުރެއްވިއްޔާ އެހިސާބުގައި ރަނގަޅަށް ފިނިވާނެ!"
ހެންވޭރު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހާއްސަ ކޮށްފައި ވަނީ އެ މިސްކިތުގެ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ.
މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުން ކުރެވޭ ގޮތަށެވެ. މުޅީން އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.
ތިން ވަނަ ބުރީގެ އެއް ބަޔާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމެކެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވެއެވެ. ސަލްމާނު މިސްކިތުގެ ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.
ދިވެހި ރުކަށް ވުރެ ވެސް ނަލަޔަށް ކަދުރު ރުއް ވަށައިގެން ހައްދާފައިވާ، ފަސް މުންނާރާއި ތަފާތު ބިޔަ ގުއްބެއް ހިމެނޭ ގޮތަށް ހަދާފައިވާ މިސްކިތުގެ ބޮޑެތި ބިއްލޫރި ދޮރުތަކުން ސާފުކޮށް ރީތިކޮށް ބޭރުގެ ހިތްގައިމު ވިއު ފެންނާން އޮވެ އެވެ. މި ހިތްގައިމު މިސްކިތް ވެސް ހަދާފައި ވަނީ ވަށައި ބުރަކަށް ކަހަލަ ސިފައެއް ގެނުވައި ޑައިމީޓަރަކަށް ވާނެހެން މަންޒަރު ފެންނާނެ ގޮތަށެވެ.
މިސްކިތުގައި ހަރުކޮށްފައިވާ ކީރިތި ގުރުއާންގެ މޫރިތި އާޔަތްތައް، ކަނޑާ ނަގާފައި ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް ލަކުޑީގެ ބަދަލުގައި މުޅީން މާބުލްގަ އެވެ. މިސްކިތުގެ ތެރެއަށް މަޑުމަޑު ރަން އައްޔެއް ފޭދި ފަތުރާލާފައި އޮންނަ އިރު ބޭރުން އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު އެ އަލީގެ ތެރެއަށް ވަދެ ހިމުންވެފައި އޮވެ އެވެ. އާދަޔާ ހިލާފު ރީތި ކަމަކާއެކު މިސްކިތެއްގެ ފުރިހަމަ ހިމޭން ކަމެއް ގެނުވައި ދެ އެވެ. މުޅި މިސްކިތަށް ހާއްސަ ބައިތަކުގައި ދޫލަ އަޅައި، އަޖައިބު ރީތިހާ ބޮކިތައް ހަރުކޮށްފައި ވާއިރު އެކި ދިމާއިން ދޮރުތަކުގެ ދެމެދުގައި ހިމެނޭ ފާރުތައް ނަލަހައްދާފައި ވަނީ އިސްލާމީ ޝަހުސިއްޔަތު ވިދައިގަންނާނެ ރަން ކުލައެއް ޖެހޭ ހާއްސަ މާބުލް އަކުންނެވެ.
މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ސައުދީ ރަސްގެފާނު އަޅައިދިން މިސްކިތެކެވެ.