ފުލުހަށް ތުހުމަތު: ރިލްވާން މަރާލަން އުޅޭކަން އެނގުނު، ހުއްޓުވެން އޮތް

މި އަމަލުތައް ހިންގަމުން ދިޔަ މީހުން ފުލުހުން އިންޓަވިއުކޮށް މައުލޫމާތު ހޯދި ނަމަވެސް އެ މީހުންގެ ހިންގަމުންދިޔަ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާ އެ މީހުންނާމެދު ފުލުހުން ފިޔަވަޅު އަޅާފައިނުވާ ކަމަށް ރިޕޯޓްގައި ވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަންގެ ޗެއާ ފަރީޝާ އަބްދުﷲ މައުލޫމާތު ދެއްވަނީ

ވީނުވީއެއް ނޭންގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲ މަރާލަން ބަޔަކު ރާވަމުންދިޔަ ކަމުގެ އެކި މައުލޫމާތު ފުލުހުންނަށް ލިބިފައި އޮތް ކަމަށާ އެ މައުލޫމާތު ލިބި ފިޔަވަޅު އެޅުނު ނަމަ އެއީ ހުއްޓުވޭނެ ކަމެއް ކަމަށް ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ މައްސަލަތައް ބަލާ އިންސާފު ގާއިމު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ހަތަރު އަހަރު ފަހުން ކޮމިޝަނުން މިއަދު ވަނީ ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ތަފްސީލް ރިޕޯޓު ރައީސަށް އަރުވާފައެވެ.

ކޮމިޝަންގެ ޗެއާ ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ފެށުން އައީ ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިންގަން ފެށުނު ކުރިމަތިލުންތަކެވެ. ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިންގަން ފެށުނު ކުރިމަތިލުންތަކުގެ މައްސަލަތައް ފުލުހަށް އެ ދުވަސްވަރު ހުށައެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރިލްވާންގެ މަރުގެ މައްސަލާގައި މިހާރުވެސް ދައުވާކޮށްފައިވާ އަހްމަދު އިސްމާއީލް އާއި އަހްމަދު މުއާޒު އިސްވެ ތިބެ ގޭންގުތަކަށް ނިސްބަތްވާ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް ހިމެނޭ ގުރޫޕަކުން ސޯޝަލް މީޑިއާގައި އެ ބަހުސްތަކުގައި ބައިވެރިވި މީހުން މާލޭގެ ހުސްބިންތަކަށް ގެންގޮސް ބިރުދެއްކި ކަމަށްވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

".. އަދި އަނިޔާކޮށް އެ މީހުންގެ މޮބައިލް ފޯން އަތުލައި ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ހޯދައި އެ އެކައުންޓުތަކުގައި ހުރި ބައެއް މައުލޫމާތު ނަގާފައިވޭ. ބިރުދެއްކުމުގެ އަމަލުތައް ހިންގުމުގައި ގިނަ އަދަދެއްގެ ބަޔަކު އެންމެ މީހަކު ވަށާލާ އެކަހެރިކޮށް ބިރުދައްކާފާވާކަން ފާހަގަ ކުރެވޭ. މިގޮތަށް އެކަހެރިކޮށް ބިރުދެއްކުރުމުގައި ތަކުރާރުކޮށް 'ކަނޑުފައްތާ މަރާލާނެ ކަމަށް' ދޭހަވާ ގޮތަށް ވާހަކަ ދައްކާ ބިރު ދައްކާފައިވޭ،"

ރިލްވާނުގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ތިން މީހުން: ތިން މީހުންގެ މައްޗަށް ބޮޑެތި ތުހުމަތު ކުރެވޭ

ރިލްވާން ޓްވީޓާގައި ހަރަކާތްތެރިވަމުން ދިޔައީ "މޮޔަ މީހާ" ގެ ނަމުގައިކަން ފާހަގަ ކުރައްވާ ފަރީޝާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ބިރު ދައްކާ އަނިޔާ ކުރަމުން ގެންދިޔައިރު އެ މީހުން ގެންގުޅުނު ލިސްޓެއްގައި "މޮޔަމީހާ" އަކީ ކާކުކަން ސާފުކުރުމުގެ ގޮތުން ސުވާލުކޮށްފައިވާ ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޖޫން 16، 2014 ގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓަށް މައްސަލަ ހުށައަޅާފައިވެސްވާ ކަމަށެވެ.

އަދި މި އަމަލުތައް ހިންގަމުން ދިޔަ މީހުން ފުލުހުން އިންޓަވިއުކޮށް މައުލޫމާތު ހޯދި ނަމަވެސް އެ މީހުންގެ ހިންގަމުންދިޔަ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާ އެ މީހުންނާމެދު ފުލުހުން ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

އަދި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަހުމަދު މުއާޒުއާ ސުވާލުކުރުމަށްފަހު ޖޫން 12، 2014 ގައި ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކްރައިމް ކޮމާންޑްގެ އޭރުގެ ވެރިޔާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު އަށް ހުށަހެޅި ކަމަށާ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން މި މައްސަލައަށް ފިޔަވަޅު ނޭޅިއްޖެނަމަ ފަހުން ނިކުންނާނެ ނަތީޖާ ގޯސްވާނެ ކަމަށް ފެންނަ ކަމަށް ނޯޓުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ޖޫން 16، 2014 ގައި އަންގާފައިވާ ކަމަށްވެސް ތަހުގީގު ރިޕޯޓްގައި ވެއެވެ.

"މި މައްސަލަ އެކަށީގެންވާ ގޮތަށް ތަހުގީގު ކޮށްފައިނުވާކަ މާ އަދި މި އަމަލުތައް ހިންގުމުގެ ތެރޭގައި އަހްމަދު މުއާޒު ފުލުހުންގެ އިންޓެލިޖެންސްގެ އެކި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.

ފަރީޝާ ވިދާޅުވި ގޮތުގައި ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުމުގެ ހަތަރު މަހެއްހާ ދުވަސް ކުރިން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ޕޮލިޓިކަލް ވައެލެންސް ޔުނިޓުގެ ފަރާތުން، ރިލްވާންގެ ފޯނު އިންޓާސެޕްޓް ކޮށްފައިވާ ކަމަށާ އެކަން ކުރީ ގާނޫނީ އިމުގެ ތެރެއިން ކޯޓް އަމުރެެއް ހޯދައިގެން ކަމަށެވެ. އަދި ރިލްވާން ސޯޝަލް މީޑިއާގަ އާއި މިނިވަން ނޫހުގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ މީހުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޭނާއަށް އަމާޒުވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރު ދައްކާ އިންޒާރު ދެމުން ދިޔަ އިރު އޭނާ ޓްވިޓާގައި ބޭނުން ކުރި 'މޮޔަމީހާ' ހޭންޑަލް އަކީ ކާކުކަން ސާފު ކުރަން ސުވާލުކޮށްފައިވާކަން އެނގޭ. އަހްމަދު ރިލްވާން އަބްދުﷲ މިނިވަން ނޫހުގައި ހަރުކަށި ފިކުރުގެ ފަރާތްތަކާއި ބެހޭ ގޮތުން ލިޔެ ޝާޢިއުކޮށްފައިވާ ބައެއް ހަބަރުތަކާ ގުޅިގެން ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ހަނގުރާމަވެރިންގެ ފަރާތުންވެސް އިންޒާރު ދީފައިވާ ކަން އެނގޭ،"

ރިޕޯޓްގައި ވަނީ މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށާ އަދި އެކަމުގެ އެކި މައުލޫމާތު އެކި ދުވަސްވަރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅުނު ނަމަ އެކަން ހުއްޓުވުނީސް ކަަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.