ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. ހަތަރު އަހަރު ފަހުން ކޮމިޝަނުން މިއަދު ވަނީ ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ތަފްސީލް ރިޕޯޓު ރައީސަށް އަރުވާފައެވެ.
ވީނުވީއެއް ނޭންގި ގެއްލިފައިވާ އަހްމަދު ރިލްވާން އަބްދުﷲގެ ކަރުބުރިކޮށްލައި މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފި އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެ މައްސަލަތައް ބަލާ އިންސާފު ގާއިމު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ހަތަރު އަހަރު ފަހުން ކޮމިޝަނުން މިއަދު ވަނީ ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކޮށް ތައްޔާރުކޮށްފައިވާ ތަފްސީލް ރިޕޯޓު ރައީސަށް އަރުވާފައެވެ.
ކޮމިޝަންގެ ޗެއާ ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި ރިލްވާންގެ ތަހުގީގަށް ކޮމިޝަނުން ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް މައްސަލައާ ގުޅިގެން ފުލުހުން ހޯދާފައިވާ މާއްދީ ހެކިތަކުގެ ތެރެއިން އިތުރު ތަހުލީލު ކުރެވެން ހުރި ތަކެތި ރާއްޖޭން ބޭރުގެ ފަރާތްތައް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހަދާފައިވާ ކަަމަށެވެ. ފަރީޝާ ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ފެށުން އައީ ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިންގަން ފެށުނު ކުރިމަތިލުންތަކެވެ.
ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތަކުގެ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު ހިންގަން ފެށުނު ކުރިމަތިލުންތަކުގެ މައްސަލަތައް ފުލުހަށް އެ ދުވަސްވަރު ހުށައެޅިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރިލްވާންގެ މަރުގެ މައްސަލާގައި މިހާރުވެސް ދައުވާކޮށްފައިވާ އަހްމަދު އިސްމާއީލް އާއި އަހްމަދު މުއާޒު އިސްވެ ތިބެ ގޭންގުތަކަށް ނިސްބަތްވާ މީހުންނާއި ހަރުކަށި ފިކުރުގެ މީހުންނަށް ހިމެނޭ ގުރޫޕަކުން ސޯޝަލް މީޑިއާގައި އެ ބަހުސްތަކުގައި ބައިވެރިވި މީހުން މާލޭގެ ހުސްބިންތަކަށް ގެންގޮސް ބިރުދެއްކި ކަމަށްވެސް ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
".. އަދި އަނިޔާކޮށް އެ މީހުންގެ މޮބައިލް ފޯން އަތުލައި ސޯޝަލް މީޑިއާ އެކައުންޓުތަކުގެ ޕާސްވޯޑުތައް ހޯދައި އެ އެކައުންޓުތަކުގައި ހުރި ބައެއް މައުލޫމާތު ނަގާފައިވޭ. ބިރުދެއްކުމުގެ އަމަލުތައް ހިންގުމުގައި ގިނަ އަދަދެއްގެ ބަޔަކު އެންމެ މީހަކު ވަށާލާ އެކަހެރިކޮށް ބިރުދައްކާފާވާކަން ފާހަގަ ކުރެވޭ. މިގޮތަށް އެކަހެރިކޮށް ބިރުދެއްކުރުމުގައި ތަކުރާރުކޮށް 'ކަނޑުފައްތާ މަރާލާނެ ކަމަށް' ދޭހަވާ ގޮތަށް ވާހަކަ ދައްކާ ބިރު ދައްކާފައިވޭ،"
ރިލްވާން ޓްވީޓާގައި ހަރަކާތްތެރިވަމުން ދިޔައީ "މޮޔަ މީހާ" ގެ ނަމުގައިކަން ފާހަގަ ކުރައްވާ ފަރީޝާ ވިދާޅުވީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ބިރު ދައްކާ އަނިޔާ ކުރަމުން ގެންދިޔައިރު އެ މީހުން ގެންގުޅުނު ލިސްޓެއްގައި "މޮޔަމީހާ" އަކީ ކާކުކަން ސާފުކުރުމުގެ ގޮތުން ސުވާލުކޮށްފައިވާ ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ޖޫން 16، 2014 ގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓަށް މައްސަލަ ހުށައަޅާފައިވެސްވާ ކަމަށެވެ.
އަދި މި އަމަލުތައް ހިންގަމުން ދިޔަ މީހުން ފުލުހުން އިންޓަވިއުކޮށް މައުލޫމާތު ހޯދި ނަމަވެސް އެ މީހުންގެ ހިންގަމުންދިޔަ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވާ އެ މީހުންނާމެދު ފުލުހުން ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.
އަދި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން އަހުމަދު މުއާޒުއާ ސުވާލުކުރުމަށްފަހު ޖޫން 12، 2014 ގައި ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކްރައިމް ކޮމާންޑްގެ އޭރުގެ ވެރިޔާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު އަށް ހުށަހެޅި ކަމަށާ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން މި މައްސަލައަށް ފިޔަވަޅު ނޭޅިއްޖެނަމަ ފަހުން ނިކުންނާނެ ނަތީޖާ ގޯސްވާނެ ކަމަށް ފެންނަ ކަމަށް ނޯޓުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ޖޫން 16، 2014 ގައި އަންގާފައިވާ ކަމަށްވެސް ތަހުގީގު ރިޕޯޓްގައި ވެއެވެ.
"މި މައްސަލަ އެކަށީގެންވާ ގޮތަށް ތަހުގީގު ކޮށްފައިނުވާކަ މާ އަދި މި އަމަލުތައް ހިންގުމުގެ ތެރޭގައި އަހްމަދު މުއާޒު ފުލުހުންގެ އިންޓެލިޖެންސްގެ އެކި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާ ކަން ކޮމިޝަންގެ ތަހުގީގަށް އެނގިފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.
ފަރީޝާ ވިދާޅުވި ގޮތުގައި ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުމުގެ ހަތަރު މަހެއްހާ ދުވަސް ކުރިން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ޕޮލިޓިކަލް ވައެލެންސް ޔުނިޓުގެ ފަރާތުން، ރިލްވާންގެ ފޯނު އިންޓާސެޕްޓް ކޮށްފައިވާ ކަމަށާ އެކަން ކުރީ ގާނޫނީ އިމުގެ ތެރެއިން ކޯޓް އަމުރެެއް ހޯދައިގެން ކަމަށެވެ. އަދި ރިލްވާން ސޯޝަލް މީޑިއާގަ އާއި މިނިވަން ނޫހުގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ސަބަބުން ހަރުކަށި ފިކުރުގެ މީހުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު އޭނާއަށް އަމާޒުވެފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.
"ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރު ދައްކާ އިންޒާރު ދެމުން ދިޔަ އިރު އޭނާ ޓްވިޓާގައި ބޭނުން ކުރި 'މޮޔަމީހާ' ހޭންޑަލް އަކީ ކާކުކަން ސާފު ކުރަން ސުވާލުކޮށްފައިވާކަން އެނގޭ. އަހްމަދު ރިލްވާން އަބްދުﷲ މިނިވަން ނޫހުގައި ހަރުކަށި ފިކުރުގެ ފަރާތްތަކާއި ބެހޭ ގޮތުން ލިޔެ ޝާޢިއުކޮށްފައިވާ ބައެއް ހަބަރުތަކާ ގުޅިގެން ސީރިޔާގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހި ހަނގުރާމަވެރިންގެ ފަރާތުންވެސް އިންޒާރު ދީފައިވާ ކަން އެނގޭ،"
ރިލްވާން ވަގަށް ނަގާ މަރާލުމަށްފަހު އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި ބައެއް މީހުން ސީރިއާގައި ކުރަމުން ދިޔަ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ތަހުގީގު ރިޕޯޓްގައި ވެއެވެ. އަދި ރިލްވާނަށް ދީފައިވާ އިންޒާރު ތަކަށް ފަހު އޭނާ ވަގަށް ނަގާ މަރާލާފައިވަނީ ހަރުކަށި ފިކުރުގެ މީހުން ދުރާލާ ރާވައިގެންކަން ތަހުގީގަށް އެނގޭ ކަމަށްވެސް ވަނީ ފާހަގަކޮސްފައެވެ. ތަހުގީގަށް ހޯދިފައިވާ ގޮތުގައި ރިލްވާނަށް އެކި ފަހަރު މަތިން ފާރަލުމުގައި އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) ހަރަކާތްތެރިވެފައިވާ ކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ.
އިސޫއަކީވެސް ރިލްވާންގެ މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކެވެ.
ތަހުގީގުން ހޯދިފައިވާ ގޮތުގައި އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި ރޭ 10 ޖެހި އިރުން ފެށިގެން އޭނާއަށް އަށް ފާރަލަމުން ދިޔައީ ސ.ހު ޅުދޫ، އަތިރީއާގޭ، މުހައްމަދު ސުއައިދު ކަމަށާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްބީއައި ހުންނަ އިމާރާތާ ހަމައިން ސ.މީދޫ އިރާކް މުހައްމަދު ހާމިދު (މުއްކާނު)ވެސް ރިލްވާނަށް ފާރަލުމުގައި މުހައްމަދު ސުއައިދު އާއި ބައިވެރިވެފައިވާ ކަމަށް ތަހުގީގު ރިޕޯޓްގައި ވެއެވެ.
ރިލްވާންގެ އެންމެ ފަހުގެ ހަރަކާތްތަކާއި ގުޅޭގޮތުންވެސް ތަހުގީގު ރިޕޯޓްގައި ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ. އެ ގޮތުން ރިލްވާން ބްރޭކްވޯޓާ ކެފޭ އެ ރޭ އިން ކަމަށާ އޭގެ ފަހުން ދެން ގޮސްފައިވަނީ އެރޭ އާޓިފިޝަލް ބީޗުގައި އޮތް ބައިބަލާގެ ފައިނަލް މެޗެއް ބެލުމަށް ކަަމަށެވެ. ރިލްވާން ނުކުމެގެން ދާއިރު އޭނާގެ ފަހަތުން މުހައްމަދު ސުއައިދު އާއި މުހައްމަދު ހާމިދު ވެސް ނުކުމެގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ކަމަށެވެ.
"ބައިބަލާ މެޗަށްފަހު މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް އަހްމަދު ރިލްވާން އަބްދުﷲ ދާ އިރު ވެސް މުހައްމަދު ސުއައިދު އާއި މުހައްމަދު ހާމިދު ފާރަލަމުންދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެނޭ. އަޖްމަދު ރިލްވާން އަބްދުﷲ ހުޅުމާލެއަށް ގޮސްފައިވަނީ އެރޭގެ ދަންވަރު 1:00 ހާއިރު މާލެއިން ހުޅުމާލެއަށް ދިޔަ ފެރީ އިން،"
އަދި ހުޅުމާލެއަށް ދިއުމަށްފަހު ރިލްވާނަށް އޭނާ ދިރުއުޅެމުން ދިޔަ ފްލެޓާ ހަމައަށް ހިނގާފައި ދެވޭނެ ކަމަށް ބެލެވޭ ވަގުތުގައި އެ ސަރަހައްދުން ގަދަކަމުން ރަތް ކާރަކަށް މީހަކު އަރުވައިގެން ގެންގޮސްފައިވާކަން އެ މަންޒަރު ދުށް ބައެއް މީހުން ވާހަކައިން އެނގޭ ކަމަށާ އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްފައިވަނީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފުގެ AB1A P4954 ނަންބަރު ކާރަށް ކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
"މި ކާރުގެ ތެރެއިން އަހްމަދު ރިލްވާން އަބްދުﷲ ގެ މައިފުށުގެ ޑީއެންއޭ ފެނިފައިވާއިރު އަހްމަދު ރިލްވާން އަބްދުﷲ ފިޔަވާ މި ޑީއެންއޭ ދިމާވުމުގެ ފުރުސަތު އޮތް އެއްވެސް މީހަކު AB1A P4954 ނަންބަރު ކާރަށް އެއްވެސް ދުވަހެއްގައި އަރާފައި ނުވާކަން ކޮމިޝަންގެ ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައި،"
ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 1:45 ހާއިރު ރަތް ކާރަށް ގަދަކަމުން ރިލްވާން އަރުވާ އެ ކާރުން އޭނާ ޑިންގީ އަކަށް ލާ އެ ޑިންގީއިން އޭނާ އަރުވާފައިވަނީ ކަންނެލި ދޯންޏަކަށް ކަމަށެވެ. އަދި މި ދޯންޏަށް އެރުވުމަށްފަހު އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށްލައި މަރާލުމަށްފަހު ވަނީ ކަނޑުފައްތާފައި ކަމަށެވެ.
އޭރު ދޯނީގައި ގިނަ ބަޔަކު ތިބި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސީދާ އަަދަދެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. ތަހުގީގު ރިޕޯޓްގައިވާ ގޮތުން ދޯނީގައި އެ ވަގުތު ތިބި މީހުންގެ ތެރެއިން ހަ މީހަކު ވަނީ ފަހުން ސީރިއާއަށް ފުރައިގެން ގޮސްފައެވެ. އެއީ އެ ގައުމުގައި އޭރު ހިނގަމުންދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށެވެ. ބައެއް މީހުން ހަނގުރާާގައި މަރުވި ކަމަށްވެސް ބުނެފައިވެއެވެ.
މި މީހުން ހަދަނީ ހުސް ދޮގުކަން ނޫން ނަމަ ދައްކަނީ އެއްވެސް ޔަގީން ކަމެއް ނެތް ވާހަކަ ތަކެއްކަން މިއަދު ޕްރެެސް އެދޭ ދެ މީހުންގެ ވާހަކަތަކާއި މޫނުމަތީން ވަރަށް ސާފުކޮށް ހާމަވެއެވެ. އެ މީހުން ކަމަކީ ކެއްސުމާއި ފެން ބުއިމެވެ. ދައްކާ ވާހަކައިގެ ދެކޮޅެއް ނުޖެހެއެވެ. އެއް ފަހަރު ހަރުކަށި ބައެކޭ ބުނެދާނެ އެވެ. އަނެއް ފަހަރު ފުލުހުން އިހުމާލުވި ކަމަށް ބުނެ އެވެ. ލަދު ނުގަންނަ ބައެއް މި ނޫނީ ނުދެކެެމެވެ.
މިއީ ވެރިކަަމުގެ ފުރަަތަމަ ދުވަހު ނިންމަން ބުނި ކަންކަން. މިހާރު ހަތަރު އަހަރުވީ. މިއަދުވެސް އާ ވާހަކައެއް އަޑެއް ނީއްވެ. އިވެނީ ހުސް ތޯތޯ ވާހަކަ. ވަރަށް ފެންވަރު ދަށް ދެރަވަރު ތަހުގީގެއް