އިހްތިޖާޖު ކުރަނީ ބޮޑެތި ތުހުމަތަކާއެކު އެވެ. އެކަމާ ގުޅިގެން މިއަދު އެޑިއުކޭޝަންގެ ޓީމެއް އެ ސްކޫލަށް ދިޔަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނެތެވެ.
ހުޅުމާލޭ ގާޒީ ސްކޫލްގެ ވެރިން އެކުވެ ބޮޑެތި ހިޔާނާތާއި ފަސާދަ ހިންގާ ކަމުގެ ސީރިއަސް ތުހުމަތުތައް ކުރުމާއެކު އެ ސްކޫލްގެ ބައެއް ޓީޗަރުންނާއި މުވައްޒަފުން ނުކުމެ އިހުތިޖާޖެއް ސްކޫލްގެ ތެރެއަށާއި ބެލެނިވެރިންގެ ތެރެއަށް ފުޅާ ކުރާން ފަށައިފި އެވެ.
އެ މީހުންގެ އިހްތިޖާޖުގައި ފާހަގަ ކުރާ މައިގަނޑު ވާހަކަތަކަކީ ހިޔާނާތާއި ފުރައްސާރަ އާއި ބިރު ދެއްކުމެވެ. ވަކީ ބޮޑަށް އެމީހުން ފާހަގަ ކުރަނީ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ރިޔާޒާ އާއި އެޑްމިނިސްޓްރޭޓަރު އައިޝަތު ޝިޔާޒާ އިސްވެ އެ ސްކޫލުގައި ކުރިން މަސައްކަތް ކުރި ދެ މުވައްޒަފަކު ބައިވެރި ކޮށްގެން ހިޔާނާތް ހިންގާ ކަމަށެވެ. އަދި ސްކޫލްގައި އެ މީހުން ގަޔާ ނުވާ މީހެއް ނަމަ ފުރާއްސާރަ ކުރުމާއި ބިރު ދެއްކުން އިސް ކުރާ ކަމަށެވެ.
އެކަންކަން ބަލައި ދޭން ވެސް އެ މީހުން އެދެމުން ދެއެވެ. މީގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު އަމިއްލައަށް އުސޫލާއި ގަވައިދު ހަދައި ވަކި ގޮތަކަށް އަމަލު ކުރަމުން ދިއުން ބަލައިދޭން ވެސް އެދެ އެވެ.
އެ މީހުން ބުނާ ގޮތުގައި ސްކޫލްގެ އެޑްމިނިސްޓްރޭޓަރު ޝިޔާޒާއަށް ވައްކަމާއި ހިޔާނާތުގެ ކަންކަން ފާހަގަވެ އެ ތުހުމަތައް ކުރާން ފެށުމުން އޭނާ މިހާރު ވަނީ އެޑިއުކޭޝަނުގެ އެހެން ޑިޕާޓްމަންޓަކަށް ދެ މަސް ދުވަހަށް ބަދަލު ކޮށްފަ އެވެ. އެކަމަކު އަންގާފައި އޮތީ ޓްރޭނިންއެއް ހަދަނީ ކަމަށެވެ. ތުހުމަތުތައް އޮބޭ ގޮތް ވެލާއިރަށް އޭނާ ގެންނާނެ ކަމަށް ވެސް ބުނެ އެވެ.
އެ ސްކޫލްގެ ގޯތިތެރެއަށް ޕޯސްޓަރުތައް ހިފައިގެން ނުކުމނެ ޓީޗަރުން މިއަދު ވަރުގަދަ އިހުތިޖާޖު ފެށީ ހެނދުނު ދަންފަޅީގައި ދަރިވަރުން ސްކޫލް ނިންމާލި ވަގުތެވެ.
މި އިހުތިޖާޖުގައި ބައިވެރިވާ ފަރާތްތަކުން ބުނަނީ ޕްރިންސިޕަލަކު ނެތް އެ ސްކޫލްގައި އެޑްމިނިސްޓްރޭޓަރު އިސްވެ ކޮރަޕްޝަން ހިންގަނީ ފުޅާކޮށް ކަމަށާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓަރާ ހަމާގައި އޮތް ނަމަވެސް ފިޔަވަޅެއް ނާޅައިރު ސުވާލެއް ވެސް ނުކުރާ ކަމަށެވެ. އަދި ބުނަނީ ބޮޑެތި ހިޔާނާތް ސްކޫލުގެ ވެރިން ވަމުން ގެންދާ ކަމަށާއި އަދި އެ މައްސަލަތައް ނުބެލޭނެ ކަމަށް ވިދާޅުވެ ވެރިން މުވައްޒަފުންނާއި ޓީޗަރުންނަށް ގޮންޖަހާފައިވާ ކަމަށެވެ.
އެ މީހުން ބުނާ ގޮތުގައި އެ ސްކޫލްގެ އެޑްމިނިސްޓްރޭޓަރުގެ މައްސަލަ ނުބަލައި ދޫކޮށްލުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީގެ ނުފޫޒު އޮވެ އެވެ.
ސްކޫލްގައި އިހްތިޖާޖެއް ކުރާކަން އެނގިގެން މިއަދު އެޑިއުކޭޝަންގެ ޓީމެއް އެ ސްކޫލަށް ދިޔަ ނަމަވެސް އެޑިއުކޭޝަންގެ ބަހެއް އަދި ނެތެވެ. ފަހަކަށް އައިސް ރާއްޖޭގެ ސްކޫލް ނިޒާމަށް ބޮޑެތި މައްސަލަތައް ދިމާވަމުން އަންނަ އިރު ވަކި ވަކި ސްކޫލްތަކުގެ މައްސަލ ބޮޑުވެ މުޒާހަރާ އާއި އިހްތިޖާޖްތައް ކުރެ އެވެ. އެހެން ވެގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި އޮވެ އެވެ. ނަމަވެސް އެކަމަނާ އަކީ ފާޑުކިޔުންތަކަށް މިޑިއާގައި ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ.