ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، ސާހިލް އެއްވެސް ވަރަކަށް ތަހުގީގަށް އެއްބާރުލުމެއް ނުދެ އެވެ. އެކަމަކު މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ހ. ޝީރީންވިލާ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ޝިއާއުގެ ބޮލާއި ހަތަރެސްފައި ބުރިކޮށްލާފައި އޮއްވާ ފެނުނީ މިދިޔަ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭގަ އެވެ. އޭ ފަހުން ހަތަރު މަަހައި ނުވަސް ދުވަވެފައި ވެއެވެ.
ޝިއާއުގެ މަރުގެ ތުހުމަތަށް ހައްޔަރު ކޮށްފައި ވަނީ ނިލަންދޫ، ފިނިފެންމާގެ ސާހިލް އަލީ 22، އެވެ. އޭނާ ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ވަނީ ކުރީން ބުނެފަ އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، ސާހިލް އެއްވެސް ވަރަކަށް ތަހުގީގަށް އެއްބާރުލުމެއް ނުދެ އެވެ. އެކަމަކު މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ދެ ހަފްތާ ތެރޭގައި ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.
މި މައްސަލައިގެ އަޕްޑޭޓެއް ހޯދަން އާދީއްތަ ދުވަހުން ފެށިގެން "މި" ނޫހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ހަތަރު ދުވަސް ފަހުން ފުލުހުން މިއަދު ދިން ޖަވާބަކީ "މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޝިއާއުގެ މަރަކީ މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ގަތުލެވެ. ޝިއާއުގެ އަތާއި ފައި އަދި ބޯ ވަނީ ބުރި ކޮށްލާފަ އެވެ. އެ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުވި އެވެ. ފުލުހުން އެދުވަހު ބުނީ އެހާ ބޮޑެތި އަނިޔާތަކެއް ދީ މީހަކު މަރާލި ސަބަބު ނުވަތަ "މޯޓިވް" ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.