ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބޫބަކުރު ފައިސަލް ނުރައްކާތެރި އަމަލެއް ހިންގުމަކީ އަދި އެކަން ކުރިއިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެކެވެ. އެގޮތަށް ދުށުމުގެ ފުރުސަތު އެބައޮތެވެ.
ހދ. ނޮޅިވަރަމުގައި މިދިއަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު 28، ގެ ފިރިމީހާ އަބޫބަކުރު ފައިސަލް ޖަލުގައި ދަންޖެހި އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށައަޅައިފި އެވެ.
މަޖިލީހަށް އެ މައްސަލަ ހުށައެޅީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
އޭނާ ހުށައެޅި މައްސަލާގައި ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއަކަށްވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބޫބަކުރު ފައިސަލްއަށް މިފަދަ ނުރައްކާތެރި އަމަލެއް ހިންގުމަކީ އަދި އެކަން ކުރިއިރު ފުލުހުންނަށް ނޭނގި ދިއުމަކީ ވަރަށް ބޮޑު އިހުމާލެއް ކަލަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.
ހާއްސަކޮށް އޭނާގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ ތުހުމަތެއް ކުރެވޭ މީހުންނާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައި ނުވާކަން ހާމަވާ ކަމަށާއި މިއީ ފުލުހުންގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ކުރަން ޖެހޭ އިތުބާރު ކުޑަވާނެ، މަރާލާފައިވާ މީހާގެ އާއިލާއަށް އިންސާފު ލިބުމަށް ހުރަސް ވެސް އެޅޭނެ ކަމެއް ކަމަށެވެ.
"... ވީމާ އދ. ފެންފުށީ، ރޯޒީވިލާ އަބޫބަކުރު ފައިސަލް ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ވަނިކޮށް ދަން ޖެހިގެން އަމިއްލައަށް މަރުވާން އުޅުނު މައްސަަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ އާއި މިފަދަ ކަންކަން ކުރިމަގުގައި ދިމާ ނުވާނެ ގޮތްތަކެއް ހެދުމަށްޓަކަައި ދިވެހި ފުލުހުން މަސައްކަތް ކުރައްވަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ މެދުވެރިކޮށް ބައްލަވައި ދެއްވުން އެދެމެވެ،"
ފުލުހުން ރޭ ބުނީ ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ ފައިސަލް ބަންދު ކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ރޭ 11:15 ހާއިރު ފެނިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރްސީއެމް އާއި އެންއައިސީއަަށް ހުށައަަޅައިގެން ބަލަމުންދާ ކަމަަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިހާރު އޭނާގެ ހާލަތު އިތުރަށް ގޯސްވެ، އުންމީދު ކަނޑާލާ ވެންޓިލޭޓަރަށް ލާފަ އެވެ.
ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ފައިސަލް ހުރީ ކުޅުދުއްފުއްޓަށް ގޮހެވެ. އޭނާ އެރަށު ޕޮލިސް ސްޓޭޝަނަށް ދިޔައީ އަމިއްލައަށެވެ. އެކަމަކު ފަހުން ފުލުހުން އޭނާ ހައްޔަރަށް ގެންދިޔައީ ކޯޓު އަމުރެއް ހޯދައިގެނެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވެ އެވެ.