ފުލުސް އިހުމާލުން ނިޝާމާގެ މަރުގެ ހަގީގަތް ވަޅުލެވެނީ

ނޮޅިވަރަމް ނިޝާމާގެ މަރަށް ތިން ދުވަސްވީ އިރު ފުލުހުންނަށް ހަމަ އެކައްޗެއް މީޑިއާގައި ނުބުނެވެ އެވެ. އޭގެ ބަދަލުގައި ފުލުހުގެ އިހުމާލުން މަރުގެ މި މައްސަލައިގެ ހަގީގަތްތަކުގެ މައްޗަށް އެދަނީ ފަސް އެޅެމުންނެވެ.

ނިޝާމާގެ މަރަށް ފަހުން ކަންކަން ހިނގައިދިޔަ ގޮތް ބުނެދޭ އިންފޯގްރެފިކްސް އެއް -- މި

ހދ. ނޮޅިވަރަމް ހިތަށްފިނިވާގެ، ނިޝާމާ މުހައްމަދު 28، މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 12:25 ހާއިރު އެވެ. ނިޝާމާ މަރާލާފައި އޮއްވާ ފެނުނުތާ 45 މިނެޓް ކުރީން އޭނާ ހަމަ މުޅީން ރަނގަޅެވެ. ފެންނަ ފެނުމަށް އެއްވެސް އަނިޔާއެއް ނެތެވެ. އާއިލާގެ މީހަކާއި އޭނާއާ އެންމެ ފަހުން ވާހަކަ ދެކެވުނީ މޫދަށް ދާން ރާވާފައި އޮތީމާ އެކަމާއި ގުޅޭގޮތުންނެވެ. ކޮޓަރީ ދޮރުން ބައެއް ހުޅުވައިގެން ހުރެ ނިޝާމާ އޭނާގެ ދައްތައާ ވާހަކަ ދެއްކިއިރު ކޮޓަރީގެ ތެރޭގައި ނިޝާމާގެ ފިރިމީހާ އދ. ފެންފުށީ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް އުޅެއެވެ.

ނަމަވެސް އާއިލާއަށް ދެން ފެނުނީ ނިޝާމާގެ ފުރާނަ ނެތް ހަށިގަނޑެވެ. މޫނު އޮތީ ނޫފައިގެންފަ އެވެ. ދޫ އޮތީ ބޭރުވެފަ އެވެ. ބަލާ ބެލުމަށް ފެންނަނީ ނޭވާ ހާސް ކުރުވައިގެން މަރާލީ ކަމަށެވެ. އެހިބަށް ދިޔައިރު ފައިސަލް އެ ކޮޓަރިއަކު ނެތީއެއް ނޫނެވެ. ރަށުގައި ވެސް ނެތެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރައި ކުޅުދުއްފުއްޓަށް ދިޔައީ އެވެ. އެ ހުރިހާ ކަމެއް އޭނާ އޮތީ ކުރީން ރާވާ ނިންމާފައެވެ. ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް ބުނެ ލޯންޗެއް ކުއްޔަށް ނަގާ ތައްޔާރު ކޮށްފަ އެވެ.

ނިޝާމާ މުހައްމަދު އާއި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް: މަރުގެ ފަހަތުގައި ސިއްރުތަކެއްވޭ

ކުޅުދުއްފުއްޓަށް ދެވުމާއެކު އޭނާގެ މިސްރާބު ހުރީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ދިމާއަށެވެ. ވެގެން އުޅޭ ގޮތް އުތުރުގެ އެ ސިޓީއާ ހަމައަށް ދިއުމުގެ ކުރީން ފުލުހަށް ދާން ވެގެން ލޯންޗުގެ ކެޕްޓަނަށް އޮޅުވާލައި ޓެކްސީއަށް ފައިސާ ވެސް ހޯދި އެވެ. އެއީ ލޯންޗަށް ދައްކަން ޖެހޭ ފައިސާ ނަގަން އޭޓީއެމަށް ދާން ކަމަށް ބުނެ އެވެ.

އެ ފައިސާ އެ ވަގުތު ނުލިބޭނެކަން ޔަގީންވުމާއި ފައިސަލް އެނބުރި އަދި ރަށަށް ވެސް އަންނާނެ ކަމަށް ބަލާ ލޯންޗުގެ ކެޕްޓަން ނޮޅިވަރަމަށް ދަތުރު ފެށިއެވެ. މާކަނޑަށް ނުނުކުމެވެނީސް ނިޝާމާގެ މަރުގެ ހަބަރު އޭނާއަށް ލިބުނެވެ. އަދި ފައިސަލް ނުފެނިގެން ހޯދާކަން ވެސް އެނގުނެވެ. ވީގޮތް ރަށު މީހުނަށް ކިޔައިދިނުމުން އަލުން ލޯންޗު ކުޅުދުއްފުއްޓަށް ވަދެ ފައިސަލް ފެނޭތޯ ކެޕްޓަން މަސައްކަތް ކުރި އެވެ.

ކަން ހިނގާދިޔަ ގޮތުން ނިޝާމާގެ މަރާއިމެދު ބޮޑެތި ސުވާލުތައް އުފެދުނެވެ. އެ މަރުގެ ފަހަތުގައި ވަނީ ފައިސަލްކަން ވަރަށް ބޮޑަށް ޔަގީން ކުރެވުނެވެ. އޭނާގެ ބައިވެރިވުމެއް އެކަމުގައި ނެތް ނަމަ ނިޝާމާ ދޫކޮށްލާފައި ދާންވީ ކީއްވެ ހެއްޔެވެ؟ ފިލައިގެން ރަށުން ދާންވީ ކީއްވެ ހެއްޔެވެ؟ އަމިއްލައަށް ޕޮލިހަށް ހާޒިރުވާންވީ ސަބަބެއް ނެތެވެ!

ފައިސަލް ޕޮލިސް ހާޒިރުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ރާއްޖޭގައި އޮތީ ނިޝާމާގެ މަރުގެ ހަބަރެވެ. ފައިސަލް ފިލައިގެން ދިޔަ ވާހަކަ އެވެ. ރަށުގައި ނެތް ވާހަކަ އާއި ކުޅުދުފުއްޓަށް ދިޔަ ވާހަކަ އެވެ. އޭރު އޭނާ ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގަ އެވެ. ނަމަވެސް އޭރު އަދި ހައްޔަރެއް ނުކުރެެއެވެ. ހައްޔަރުކުރީ އޭގެ އެތައް އިރެއް ފަހުންނެވެ. ހައްޔަރު ކުރި ވާހަކަ ބުނުން ފިޔަވާ އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ފުލުުހުން ނުދައްކައެވެ. އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. ތުހުމަތުތަކާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ހދ. ނޮޅިވަރަމްގެ މަތީން ނަގާފައިވާ ފޮޓޯއެއް: އެރަށުގައި ހިނގި މަރާއި ގުޅޭ ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި -- މި

ދެން އައީ އޭނާ ބަންދު ކޮށްފައިވާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނު ހަބަރެކެވެ. ފުލުހުންނަށް ފައިސަލް ފެނުނުއިރު ހުރީ ދަންޖެހިފަ އެވެ. ވަގުތުން ހޮސްޕިޓަލަަށް ގެންގޮސް ފަރުވާ ދޭން ފަށަން ޖެހުނީ އައިސީޔޫގަ އެވެ. ހާލު އިތުރަށް ގޯސްވެ މިހާރު އޮތީ ވެންޓިލޭޓަރުގަ އެވެ.

ނިޝމާގެ މަރަށްވުރެ ކުރީގައި ފުލުހުންގެ އިހުމާލު

މި މައްސަލާގައި މިހާރު އޮތީ ފުލުހުންގެ އިހުމާލުގެ ވާހަކަ އެކެވެ. ގާނޫނީ ވަކީލުންނާއި އަސްކަރިއްޔާގެ ތަމްރީން ލިބިފައިވާ އެ މުއައްސަސާތަކުގައި ކުރީން ހިދުމަތް ކުރެއްވި ކިތަންމެ ބޭފުޅަކު އެ ވާހަކަ އެބަ ދައްކަވަ އެވެ.

މަޝްހޫރު ގާނޫނީ ވަކީލް އަދި މިހާރުވެސް މުހިންމު މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ހާމަނުކުރަން ޝަރުތުކޮށް "މި" ނޫހަށް މިއަދު ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ މީހަކު ކަސްޓޯޑިއަލްއަށް ގެންދާ ހިސާބުން އަމަލު ކުރަން ޖެހޭ އުސޫލުތަކާއި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތް ގަވައިދުތަކުއި ސާފުކޮށް ލިޔެފައި ވެއެވެ. އަދި މަރެއްގެ ތުހުމަތު އޮތް، އެ މަރާ ގުޅޭ އެތައް ސުވާލަށް ޖަވާބު ދެވޭނެ މީހަކު ފުލުހުންގެ ބަންދުގައި ހުއްޓާ ދަން ޖެހުމަކީ ފުލުހުން އެކަމުގައި ޒިންމާ ނަގަން ޖެހޭނެ ކަމެވެ.

އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ މިއީ އަލަށް ދިމާވި ކަމަކަށް ނުވުމެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ދެހާހުގެ އެންމެ ކުރީކޮޅު ހއ. ދިއްދޫގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ހައްޔަރުކުރި އިންޑިއާ ތިން މީހުންގެ ތެރެއިން ދެ މީހަކު ޖަލުގައި ދަންޖެހި މަރުވި ހާދިސާއަށެވެ. މިފަދަ ކަންކަން މީގެ ކުރީން ވެސް ހިނގާފައިވާތީ ބޮޑެތި ކުށްތަކުގެ ތުހުމަތުގަައި ހައްޔަރު ކުރާ މީހުންނާމެދު ފުލުހުން ވަރަށް ބޮޑަށް ސަމާލުވެ އެ މީހުންގެ ބެލެހެއްޓުމުގައި ހަރުދަނާވާން ޖެހެ އެވެ.

"މިސާލަކަށް އެފަދަ ކަމެއް ކޮށްފާނެ މީހެއްގެ އަތުގައި ޖެކެޓް ބިޑިވެސް އެޅުވިދާނެ. އެއީ ފުލުހުންނަށް އޮތް ބާރެއް،"

ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލް އަލީ: އޭނާ ދަންޖެހިގެން ދަނީ ފަރުވާ ދެމުން

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒް މުހުސިން ވެސް ވަނީ މި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ވިދާޅުވެފަ އެވެ. މުހުތާޒު ވިދާޅުވި ގޮތުގައި އެ މީހަކީ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވޭ މީހަކަށް ވިއަސް އެކަހެރިކޮށް ބަންދު ކޮށްފައިވާ ނަމަ އޭނާ ބަންދު ކުރެވިފައިވާ ގޮޅި / ތަނަކީ އަމިއްލައަށް ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކުރެވޭ ގޮތަށް ހުންނަ ތަނަކަށް ވެގެން ނުވާނެ އެވެ.

އެހެން ކަމުން މި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ޑިޓެންޝަން ސެންޓަރަކީ އުތުރުގައި ހުރި އެންމެ ރަނގަޅު ނިޒާމު އޮތް އެއް ސެންޓަރެވެ. ގޮޅިތަކުގައި ތިބޭ މީހުން އަމަލު ކުރާ ގޮތް ސީސީޓީވީ މެދުވެރިކޮށް ބަލައިލެވޭނެ ގޮތް ހަމަޖެހިފައި ހުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަމެއް ހިނގައި ދިޔައީ އެވަގުތު އެ ސެންޓަރުގައި ތިބި ފުލުހުންނަށް އޭނާގެ ކިބައިން އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަަމަވެސް "މި" ނޫހާ ވާހަކަ ދެއްކި ކަން ހިނގާ ދިޔަ ގޮތް އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވީއްސުރެ ފައިސަލްގެ ފަރާތުން ދިޔައީ އެކި ކަންކަން ފާހަގަ ވަމުންނެވެ.

"އެވަގުތު އެތަނުގައި ހުރި ފުލުހަކަށް އަޅުގަނޑު ގުޅީމަ ބުނި އޭނާ [ފައިސަަލް] ގެ އަމަލުތައް ހުރީ ވަރަށް އެހެން ކަހަލަ ގޮތަކަށޭ. އެއީ އޭނާއަށް ކުރެވުނު ކަންކަން އިހުސާސް ވާން ފެށި ވަރަކަށް އޭނާގެ އުޅުމާއި ވާހަކަ ދެއްކުމަށް ދިޔައީ ބަދަލުވަމުން. އެހެންވީމަ އޭނާގެ ފަރާތުން ކޮންމެ ފަދަ ކަމެއް ހިނގާފާނެކަން ވެސް އޮންނާން ޖެހޭނީ އެނގިފައި،"

ނިޝާމާގެ މަރަށް ފަހުން ކަންކަން ހިނގައިދިޔަ ގޮތް ބުނެދޭ އިންފޯގްރެފިކްސް އެއް -- މި

އެެެހެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ތުހުމަތުތަަކުގައި މީހަކު ހައްޔަރު ކުރާއިރު އޭނާގެ ވާހަކަތަކާއި އުޅުމާއި އަމަލު ކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ބަލަ އެވެ. އަދި ހައްޔަރު ކުރުމުގެ އިންޓަވިއު މަރުހަލާގެ ތެރޭގައި އޭނާގެ ފުރާނައަށް ގެއްލުމެއް ދީފާނެ ފަދަ އެއްވެސް ކަމެއް ކޮށްފާނެ ކަމުގެ ކުޑަވެސް އިޝާރާތެއް ލިބިއްޖެނަމަ އެ މީހެއްގެ ބެލެހެއްޓުން ވަރަށް ބޮޑަށް ހަރުދަނާ ކުރާނެ އެވެ.

"މިސާލަކަށް އެފަދަ މީހަކަށް ރަޖައެއް ކަހަލަ އެއްޗެއްވެސް ނުދޭނެ. އެއީ އަމިއްލައަށް މަރުވެދާނެ ފަދަ އެއްވެސް ކަމެއް ކުރަން ފުުރުސަތު ނުދޭން،"

އޭނާވެސް ވިދާޅުވި ގޮތުގައި މިހާތަނަށް ފެންމަތިވެފައިވާ ވާހަކަތަކުން ފައިސަލްގެ ކިބައިން އެފަދަ ކަންތައްތަކެއް ފުލުހުންނަށް ފާހަގަ ކުރެވިފައިވާނެ އެވެ. ފާހަގަ ކުރެވިފައި ނުވާނަމަ އެއީ މައްސަލަ އެކެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމަކީ އިހުމާލެކެވެ.

މި މައްސަލާގައި ފުލުހުންގެ އެއްވެސް ވާހަކައެއް ނެތެވެ. ފައިސަލްއާ ގުޅޭ ތުހުމަތުތަކާއިމެދު ވާހަކަ ނުދައްކާ ތިބި ގޮތަށް ގޮޅީގައި އޭނާ ބެހެއްޓި ގޮތާއި މޮނީޓަރިން ކުރިއަށް ގެންދިޔަ ގޮތާމެދު ވާހަކައެއް ނުދެއްކި އެވެ. ނަމަވެސް މިހާރު ކަންވެފައި އޮތް ގޮތުން ނިޝާމާގެ މަރަށް ފަސް އެޅި މި ފޮރުވެނީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.