މިފަހަރުގެ ބޯޓިން އެވޯޑަށް 100 ފަރާތުން ނޮމިނޭޓް ކުރި އެވެ. އަދި މި އެވޯޑްތައް 28 ދާއިރާއަކުން މިފަހަރު ދިނެވެ.
ކަނޑު އުޅަނދުފަހަރާއި އެ އުޅަނދު ތަކަށް ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް" ކޮވިޑް-19 އަށް މެދުކަނޑާލުމަށް ފަހު ދީފި އެވެ. މިފަހަރު މި އެވޯޑު 32 ފަރާތަކަށް ލިބުނެވެ.
ގައުމީ ބޯޓިން އެސޯސިއޭޝަން، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް" މި އަހަރު 28 ދާއިރާ އަކުން ދީފައިވެ އެވެ. މި ދާއިރާތަކުގައި އަމިއްލަ ވަކި ފަރުދުންނާއި ކުންފުނިތަކުގެ ބައި ވެސް ހިމެނިފައިވެ އެވެ. މިދިޔަ އަހަރު ބޯޓިން އިންޑަސްޓްރީގެ ހަރަކާތްތައް ޖަޖުކޮށް ހާއްސަ ޕެނަލްއެއްގެ ބެލުމުގެ ދަށުން ދިން މި އެވޯޑަށް 100 އަށްވުރެ ގިނަ ފަރާތުން ނޮމިނޭޓް ކޮށްފައިވެ އެވެ.
މި އަހަރުގެ ބޯޓިން އެވޯޑުގައި އަމިއްލަ ކުންފުނިތަކަށް ދޭ އެވޯޑުގެ ގިނަ ވަނަތަނެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ވަނީ ހޯދާފަ އެވެ. އެ ކުންފުންނީގެ ކެނެރީ 28 އުޅަނދާއި ޓްއަރިން 38 އަދި އޭއެސް ކެޓް އަށްވެސް އެވޯޑު ދީފައިވެ އެވެ.
މީގެ އިތުރުން އެންމެ ރަނގަޅު އިންޝުއަރަންސް ކުންފުންޏަކަށް ހޮވުނީ އެލައިޑް އިންޝުއަރެންސެވެ. އެންމެ ރަނގަޅަށް ބަނދެފައިވާ ސަފާރީގެ އެވޯޑު ލިބިފައިވަނީ "ޓްރޮޕިކަލް އެޑްވެންޗާ މޯލްޑިވްސް" ގެ ސީރެކްސް އަށެވެ. އެންމެ ރަނގަޅު ފިޝިން ސަފާރީގެ އެވޯޑު ލިބުނީ "ނޫރާނީ 2" އަށެވެ. އެންމެ ރަނގަޅު ސާފިން ސަފާރީގެ އެވޯޑު ވޮއެޖަސްގެ "ސީފެއާރާ" އަށް ލިބުނުއިރު، އެންމެ ރަނގަޅު ޑައިވް ސަފާރީގެ އެވޯޑު ލިބުނީ "ސަޗީކާ މޯލްޑިވްސްގެ ސަޗީކާ" އަށެވެ.