ނިޝާމާގެ ފިރިމީހާ ފައިސަލް ދަންޖެހިއްޖެ، އޮތީ އައިސީޔޫގައި

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން އެނގުނީ މިރޭ 11:15 ހާއިރުއެވެ.

ނިޝާމާގެ ފިރިމީހާ ފައިސަލް އަލީ

ހދ. ނޮޅިވަރަމުގައި މިދިއަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު 28، ގެ ފިރިމީހާ ފައިސަލް އަބޫބަކުރު ފައިސަލް ދަންޖެހިފަައި ހުއްޓާ ފެނިގެން ފަރުވާ ދޭން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އޭނާގެ ފިރިމީހާ ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވާ ކަމަށެވެ. ފުލުހުންނަށް އެކަން އެނގުނީ މިރޭ 11:15 ހާއިރުއެވެ.

އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ. ހާލު ދެރަ ކަމުން ފަރުވާ ދެނީ އައިސީޔޫގައެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްއާރުސީއެމް އާއި އެންއައިސީއަަށް ހުށައަަޅައިގެން ބަލަމުންދާ ކަމަަށްވެސް ބުންޏެވެ.

ނިޝާމާ މަރާލާފައި / މަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:25 ހާއިރު އެވެ.

ނިޝާމާ ވަކިވުމުގެ އެންމެ ފަހު 45 މިނެޓްގެ ރީލް!

ނިޝާމާގެ އުމުރުން 18 އަހަރު ފުރުމާއެކު ކުރި އަލަތު ކައިވެންޏާއެކު މި އަހަރުގެ ފެބްރުއަރީއާ ހަމައަށް ދިރިއުޅުނީ އަބޫބަކުރު ފައިސަލް އުފަން އދ. ފެންފުށީ ގައެވެ. ނަމަވެސް ފަހުން ނޮޅިވަރަމަށް ދިރިއުޅުން ބަދަލު ކުރީ ހަމަ ކުއްލި ގޮތަކަށެވެ.

ނިޝާމާގެ އާއިލާއިން ބުނާ ގޮތުގައި އެ މީހުންގެ ދިރިއުޅުން ފެންފުށީން ނޮޅިވަރަމަށް ބަދަލު ކުރުމުގައި ހާއްސަ ސަބަބެއް ނެތެވެ؛ އަދި އެކުގައި އެއް ގެއެއްގައި ބޮޑު އާއިލާއާއެކު ދިރިއުޅެން ފެށި ނަމަވެސް ނިޝާމާގެ ދެމަފިރީން ވިސްނާފައި އޮތީ އެހެން ގެއަކަށް ބަދަލުވާށެވެ. އެއީ ނިޝާމާއާ އާއިލީ ގުޅުން އޮތް އެހެން ގެއެވެ. އެ ގޭގައި ފާހާނާއެއް ހަދާ އެ ގެއަށް ބަދަލުވުމުގެ މަސައްކަތް ވެސް އޮތީ ފަށާފަ އެވެ.

ކޮންމެވެސް ސަބަބަކާ ހުރެ މިދިއަ ފެބްރުއަރީން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހިތަށްފިނިވާގޭގައި ނިޝާމާއާ އޭނާގެ ފިރިމީހާގެ އޮތީ އާއިލާއާ ތަންކޮޅެއް އެކަހެރި ދިރިއުޅުމެވެ. ގިނައިން އުޅެނީ ކޮޓަރީގެ ތެރޭގަ އެވެ. ހާއްސަކޮށް ފައިސަލް ހުންނަ ނަމަ ކޮޓަރި ތަޅުލައިގެން މުޅިންހެން ތިބެނީ ވަކީންނެވެ.

އެކަހެރި އެ ދިރިއުޅުމާއެކުވެސް ނިޝާމާގެ އާއިލާގެ އެހެން މެންބަރުން މަސައްކަތް ކުރީ އެ މީހުންގެ ކޮންމެ ކަމެއްގައި ވެސް ނިޝާމާ ބައިވެރި ކުރެވޭތޯ އެވެ.

ނިޝާމާއާ އެ އާއިލާގެ މެންބަރަކަށް އެންމެ ފަހުން ވާހަކަ ދެކެވުނީ އެ ދުވަހުގެ މެންދުރު ކުރީ 11:40 ގައެވެ. އެއީ މޫދަށް ދާން ތައްޔާރުވާން އޭނާ ކައިރީގައި ބުނަން ދިއުމުންނެވެ. އޭގެ ކުރީން ވެސް ދެ ފަހަރެއްގެ މަތީން އޮތީ އެ ވާހަކަ ބުނެފައެވެ. އެ ގަޑީގައި ކުޑައިރުކޮޅެއްގެ ތެރޭގައި ތައްޔާރު ވެލައިގެން ނުކުންނާނެ ކަމަށް ނިޝާމާ ބުންޏެވެ. ދެން އަނެއްކާވެސް ކޮޓަރީގެ ދޮރު ލައްޕާލައި ތަޅުލީ އެވެ. އޭރު އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވެސް އެ ކޮޓަރީގައި ހުއްޓެވެ.

ނިޝާމާގެ ހަބަރެއް ނުވެ އެވެ؛ އޭގެ އިރުކޮޅެއް ފަހުން އާއިލާގެ މެންބަރަކަށް ފައިސަލްގެ ފޭސްބުކް އެކައުންޓުން ނިޝާމާއާ ކުދީންގެ ވަރަށް ގިނަ ފޮޓޯތަކެއް އަޕްލޯޑްކޮށްފައި ހުއްޓާ ފެނުނެވެ. އޭރު އެ ފޮޓޯތައް އަޕްލޯޑް ކުރިތާ ވީ ނުވަ މިނެޓެވެ. ބަންޑެއްޔަކަށް ޖުމްލަ 44 ގަނޑު ފޮޓޯ ފުލުފުލުގައި ޕޯސްޓް ކޮށްފައި ވެއެވެ.

އެ ފޮޓޯތައް ފެނުމުން ސުވާލު އުފެދުނީ އޭގެ ތެރޭގައި އެ ދެމަފިރީންގެ ވަރަށް ޒާތީ ފޮޓޯތަކާއި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ވެސް ހުރުމުންނެވެ. އޭރު މެންދުރުން ލަނބައި ގަޑީން 12:25 ވެއްޖެ އެވެ. އެހެން ވެގެން ނިޝާމާއަށް ވެގެން އުޅޭ ގޮތެއް ބަލައިލާން ކަމަށް ނިޝާމާ އުޅޭ ކޮޓަރި ކައިރިއަށް ގޮސް ތަކުރާރުކޮށް ގޮވުމުންވެސް ޖަވާބެއް ނުދިނެވެ. ދެން އެތެރެއިން އަޅުވާފައި ހުންނަ މަކުޑި / ތަނޑު ނެއްޓޭ ވަރަށް ދޮރުގައި ޖެހިގަތެވެ.

ދޮރު ހުޅުވިއްޖެ އެވެ؛ އެނދުމަތީގައި އޮތް ނިޝާމާގެ އެއްވެސް ހަބަރެއް ނެތްކަން އެނގުނީ އެ ހިސާބުންނެވެ. އޭނާގެ އެންމެ ހަގު ދަރިފުޅު ގާތުގައު އޮތެވެ. ނިޝާމާގެ އެންމެ ފަހު ވަގުތުކޮޅު އޮތީ އެ ދަރިފުޅަށް ގާތުން ދޭށެވެ. އާއިލާ މީހުން އެ ކޮޓަރިއަށް ވަތްއިރު ވެސް ކުއްޖާ އޮތީ ގާތުން ބޯށެވެ.

ބެލި އިރު ނިޝާމާގެ މޫނު މަތި ވަނީ ވަރަށް ބޮޑަށް ނޫފައިގެންފަ އެވެ. އެހެން ކަމުން ވަގުތުން ނޮޅިވަރަމް ޕޮލިސް ސްޓޭޝަން އާއި ހެލްތު ސެންޓަރަށް އެކަން އެންގިއެވެ.

މިހާތަނަށް ބެލެވޭ ގޮތުން ފައިސަލް އެ ކޮޓަރީން ނުކުތީ 12:10 ގައެވެ. އާއިލާގެ މީހުން ކޮޓަރިއަށް ވަނީ އޭގެ 15 މިނެޓް ފަހުންނެވެ. ނިޝާމާއާ އާއިލާ މީހަކު ވާހަކަ ދެއްކީ އޭގެ 45 މިނެޓް ކުރީން 11:40 ހާއިރު އެވެ. ނިޝާމާއަށް އެ ވީގޮތެއް ވީ އެ ހޭދަވި ވަގުތުކޮޅުގެ ތެރޭގަ އެވެ. ފަހުން އެނގުނު ގޮތުގައި ކޮޓަރިން ނުކުމެގެން ދަމުން ފައިސަލް ވަނީ، ގެއިން ބޭރުގަައި އެވަގުތު ކުޅެން ހުރި އޭނާއާ ނިޝާމާގެ ދޮށީ ފިރިހެން ދަރިފުޅު ކައިރީގައި ފިހާރައަކަށް ގޮސް އެއްޗެއް ގަނެލައިގެން އެބަ އަންނަ ކަަމަށް ބުނެ ދަރިފުޅު ކޮޓަރިއަށް ވަނުމަށް އެދިފަ އެވެ. އެހެން ކަމުން އެ ދަރިފުޅަށް ވެސް ކޮޓަރިއަށް ވަދެ އޮއްވާ ނިދުނީ އެވެ. ފައިސަލް ކޮޓަރިން ނުކުތީ ނިޝާމާއާ އޭނާގެ ކުދީންގެ ފޮޓޯތައް ފުލުފުލުގައި އަޕްލޯޑް ކުރަން ޖައްސާފަ އެވެ. އޭނާގެ ފޯނުވެސް އޮތީ އެ ކޮޓަރީގައި ބާއްވާފަ އެވެ. ގެންދިޔައީ އޭނާގެ ގެންގުޅޭ ދެ ފޯނުގެ ތެރެއިން އެއް ފޯނެވެ. އެއީ އާދައިގެ ފޯނެކެވެ. ފައިސަލް އޮތީ ކުޅުދުއްފުއްޓަށް ދާން ދަތުރެއް ތައްޔާރު ކޮށްފަ އެވެ. މި ރަށު ކުލީ ލޯންޗެއްގައި ކުޅުދުއްފުއްޓަށް ދާން ދަތުރެއް ތައްޔާރު ކޮށްފައި އޮތީ ދަތެއްގައި ރިއްސާތީ ފަރުވާ ހޯދާން ކަމަށް ބުނެ އެވެ. ނަމަވެސް ކުޅުދުއްފުއްޓަށް ދިޔަ ގޮތަށް އޭނާ ދިޔައީ ރީޖަނަލް ހޮސްޕިޓަލަކަށް ނޫނެވެ. އެދިޔަ ގޮތަށް ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށެވެ. އަމިއްލައަށެވެ. މިރަށު މީހުން ދެކޭ ގޮތުގައި އޭނާ އެގޮތަށް ކަންތައް ކުރީ އަމިއްލަ ސަލާމަތަށްޓަކަ އެވެ. ރަށުގައި ހުރެއްޖެނަމަ ދެން ވާނެ ގޮތެއް ނޭނގޭތީ އެވެ. ކުޅުދުއްފުއްޓަށް ދިޔައީ ހިނގައިދިޔަ ކަންކަން ސިއްރުކޮށް ފިލާން ވެގެނެއް ނޫނެވެ. ނަމަވެސް ނިޝާމާ ވަކިވުމުގެ ފަހު 45 މިނެޓްގެ ތެރޭ އެ ކޮޓަރީތެރޭ ހިނގައިދިޔަ ކަންތައްތައް އޮތީ ނޭނގުމުގެ ތެރޭގަ އެވެ. އެކަން އެނގޭނީ އަބޫބަކުރު ފައިސަލަށެވެ. ނިޝާމާ މަރުވީ ކަމެއް / މަރާލީ ކަމެއް މުޅީން ޔަގީން ނުވިޔަސް އެ މަރުގައި ފޮރުވިފައިވާ ކަންތައްތަކެއް އެބަ ވެއެވެ. އެހެން ނޫންނަމަ ކުއްލި ދަތުރެއް ރާއްވައިގެން އޭނާ ކުޅުދުއްފުއްޓަށް ދާން ޖެހޭ ސަބަބެއް ނެތެވެ. އަދި އެ ރަށަށް ދިޔަ ގޮތަށް ފުލުހަށް ހާޒިރުވާން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.