މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހަށް ހަމަ އަގު ނުލިބުމެވެ.
މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެކި ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ބޭނުންވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ގައުމީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ގދ. ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހަށް ހަމަ އަގު ނުލިބުން ކަމަށެވެ. އެކަމުގެ ސަބަބެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވީ މަތީ އަގު ލިބޭ މާކެޓު ތަކަށް ވަނުމުގައި ހުރި ދަތިތަކެވެ. އެގޮތުން އިމްޕޯޓް ޑިއުޓީ ބޮޑުވުމާއި އަތު ނަނާއި ދޮށިން ބާނާ މަހަށް ކުރިން ލިބެމުން އައި ޕްރިމިއަމް އަގު ނުލިބުމުގެ އިތުރުން ރާއްޖޭގައި ބާނާ ގިނަ މަސް ރޯ މެޓީރިއަލް ގޮތުގައި ބޭރު ކުރުން ފަދަ ކަންކަމަކީ މަހުގެ ހަމަ އަގު ލިބުމަށް އޮތް ހުރަހެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ޔޫރަޕުގެ ބާޒާރުތަކުން ނަގަމުން އަންނަ ބޮޑު ޑިއުޓީއަށް ލުޔެއް ހޯދުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.
"ޑިއުޓީއަށް ލުޔެއް ހޯދުމުގައި މި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާއެކު ވެސް ފަހި މަގުތަކެއް ކޮށާފައި،" މިނިސްޓަރު ވިދާޅުވިއެވެ
.
މިނިސްޓަރު ވަނީ އިންޑިއާ ކަނޑުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ފުޅާވުމުގެ ސަބަބުން ސަޕްލައި އިތުރުވެ މަހުގެ އަގުދަށް ވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުން ކަންނެލީގެ ބާވަތްތަކުގެ ސްޓޮކް ދަށްވަމުން އަންނަ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ޓަކައި މަސްބާނާ މިންވަރު 22 އިންސައްތަ ދަށް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ކޯލްޑް ސްޓޯރޭޖްތަކާއި ކާރުހާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި ސަރުކާރުން މަސްވެރިންނަށް ވީ ހުރިހާ ވައުދެއް ފުއްދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަކީ މިއަދު އެންމެންނަށް ހުޅުވާލެވިފައިވާ ސިނާއަތެއް ކަމުން ސަރުކާރުން އަބަދު ވެސް މަސްވެރިންގެ އަޑު އަހާނެކަ މުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.