ނޮޅިވަރަމް ނިޝާމާ މުހައްމަދު، މާރާލުމުން، އެ ހާދިސާ ކަވަރު ކުރާން "މި" ނޫހުގެ ޓީމެއް ނޮޅިވަރަމަށް ދިޔައެވެ. އަދި ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް ނޮޅިވަރަމުން އެ ހާދިސާގެ ވާހަކަ މިހެން އެބަ ކިޔައިދެ އެވެ.
މިރަށް، ހދ. ނޮޅިވަރަމްގައި ޒުވާން އުމުރުގެ އަންހެނަކު މަރުވެފައި / މަރާލާފައި އޮއްވާ ފެނުނީ މިދިއަ ހޮނިހިރު ދުވަހުގެ މެންދުރު 12:25 ހާއިރު އެވެ. އެއީ މި ރަށު ހިތަށް ފިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދެވެ.
އޭނާއަކީ އދ. ފެންފުށީ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލްގެ އަންހެނުންނެވެ. ނިޝާމާ މަރުވި ފަހުން ފައިސަލް ވަނީ ކުއްލި ގޮތަކަށް ފުރައިގެން ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އެ ރަށަށް ފުރުމުގެ ކުރީން އޭނާ ވަނީ ނިޝާމާއާ ކުދީން ފެންނަ 44 ގަނޑު ފޮޓޯ ފޭސްބުކަށް އަޕްލޯޑް ކޮށްފަ އެވެ
އެ ފޮޓޯތަކުގެ ނިޝާމާގެ ވަރަށް ޒާތީ ފޮޓޯތަކާއި ބުރުގާ ނާޅާ ފޮޓޯތައް ހިމެނެ އެވެ. އާއިލާއަށް ޝައްކުވެގެން ނިޝާމާގެ ހަބަރެއް ބެލީ އެ ހިސާބާ ގުޅިގެންނެވެ. އޭރު ކޮޓަރި ހުރީ ތަޅުލާފައެވެ. މަކުޑި ހަލާކުކޮށްލައިގެން ވަތްއިރު ނިޝާމާގެ ހޭވެރި ކަމެއް ނެތެވެ. ތުއްތު ދަރިފުޅު އޮތީ ގާތުން ބޯށެވެ. ނިޝާމާގެެ މޫނު އޮތީ ނޫފައިގެންފައެވެ. ދޫ އޮތީ ބޭރުގަ އެވެ.
ކުއްލި ގޮތަަކަށް ފުރައިގެން ކުޅުދުއްފުއްޓަށްދިޔަ ފައިސަލް ވަނީ އަމިއްލަައަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ. އޭނާ ހައްޔަރު ކުރީ އެތަނަށް ދިޔަތާ އެތައް އިރެއް ފަހުންނެވެ.
ނިޝާމާގެ ކުއްލި މަރާއެކު އާއިލާ ވަނީ ބޮޑު ޝޮކެއްގަ އެވެ. ގިނަ ސުވާލުތަކެއްގެ ތެރޭގައެވެ. ތިންހާހާ ގާތްކުރާ ބިޔަ ބޮޑު ރަށުގެ އެންމެން ތިބީ ހައިރާން ކަމާއި ބިރުވެރި ކަމުގައެވެ. ހަލަބޮލިކޮށް އޮތް ރަށުން ފެންނަނީ ފަޅުކަމެވެ. ރޭވެގެން އައިއިރު މުޅި ރަށް އޮތީ ހިމޭންވެފަ އެވެ. އެންމެން ވެސް ތިބީ މިވީ ގޮތަކާމެދު އެތައް ސުވާލެެއް އުފެދިފަައެވެ. ހިޔާލަށް ވެސް ގެނެވިފައި ނުވާ ފަދަ ކަމެއް ކުރިމަތިވުމުން އެތައް ބަޔަކަށް ވަނީ ފުން އަސަރު ކޮށްފައެވެ.
ދުވަހެއް ނިމި ދެވަނަ ދުވަހެއް ނިމޭންދާއިރު މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން މާބޮޑު ތަފްސީލެއް ނުލިބެއެވެ. ނިޝާމާއަށް ބޭރުފުށުން ލިބިފައިވާ ގެއްލުމެއް ބުނެއެއް ނުދެއެވެ. މަރުގެ ތަހުގީގަށް މިހާތަނަށް ހޯދުމުގެ މައުލޫމާތެއް ނުބުނެ އެވެ. ނިޝާމާގެ ޕޯސްޓްމޯޓަމް ހަދާނެ ވާހަކަ އާއި މަރުގެ ތުހުމަތަށް ފައިސަލް ހައްޔަރު ކުރި ވާހަކަ ނޫން ވާހަކައެއް އަދި ނުބުނެ އެވެ. މިއީ މިރަށުގެ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އާއިލާއާ މުޅި ނޮޅިވަރަން އެދެނީ މައްސަލައިގެ ހަގީގަތް އަވަހަށް ސާފުކޮށް ދިނުމެވެ. ނިޝާމާގެ ހަށިގަނޑު ބޭރަށް ގެންދަން އަދިވެސް ދެ ދުވަހެއް ހޭދަވާނެ އެވެ. އަދި ޕޯސްޓްމޯޓަމް ގެ ނަތިޖާ ލިބެން އިތުރު ދުވަސްތަކެއް ނަގާނެ އެވެ. އެހެން ކަމުން ކުޑަ ތިން ކުދީންގެ މަންމަ، ނިޝާމާގެ މަރާއި އެ މަރުގައި ފޮރުވިފަައިވާ ކަން ނިއުޅި ހާމަވާން އަދި އެތައް ވަގުތެއް ހޭދަވާނެ އެވެ.