ނިޝާމާ މަރާލި ކަމަށް ބުނާ ގޮތާމެދު ވެސް މި ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ އެބައޮތެވެ. އޮބާބާއްވައި އަނިޔާކޮށް މަރާލީ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. މޫނުމަތީ ބާލީހެއް އަޅާ ނޭވާ ހާސް ކޮށްލައިގެން މަރާލީ ކަަމަށް ވެސް ބުނެ އެވެ.
މި ރަށް ހދ. ނޮޅިވަރަމުގައި މިދިއަ ހޮނިހިރު ދުވަހު މެންދުރު މާރާލާފައި އޮއްވާ ފެނުނު މި ރަށު ނިޝާމާ މުހައްމަދު 28، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަށް ގެންދަން އަދި ދެތިން ދުވަސް ހޭދަވާނެ ކަމަށް "މި" ނޫހަށް އެނގިއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "މި" ނޫހަށް އެނގިފައިވާ ގޮތުގަައި ނިޝާމާގެ ޕޯސްޓްމޯޓަމެއް ހަދަން އިންޑިއާއަށް ހަށިގަނޑު ފޮނުވޭވަރު ވާނީ އަންނަ އަންގާރަ ދުވަހުގެ ވެސް ފަހުންނެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަަމަވެސް ވަކި ތާރީހެއް ނުބުނެ އެވެ. ނިޝާމާގެ ހަށިގަނޑު މި ރަށް، ނޮޅިވަރަމުން ގެންދިޔައީ އުތުރު ސިޓީ، ކުޅުދުއްފުއްޓަށެވެ. އޭގެ ފަހުން މިހާރު ވަނީ މާލެ ގެންގޮސްފަ އެވެ. ޕޯސްޓްމޯޓަމަށް ފޮނުވާލެވެން ދެން އޭނާގެ ހަށިގަނޑު ބާއްވާނީ ގަލޮޅުގައި ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ފިނިކޮށާރު، މޯޗަރީގަ އެވެ.
ނިޝާމާ މަރުގެ ތުހުމަތު އޮތް އޭނާގެ ފިރިމީހާ އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް 32، މިހާރު ވަނީ ހައްޔަރު ކޮށް އޭނާގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ހޯދާފަ އެވެ. ފައިސަލަކީ ނިޝާމާއާ ކައިވެނިކޮށް އެ ރަށުގައި ދިރިއުޅެމުން އައި އަދި މަސްތުވާތަކެއްޗާއި ވައްކަމުގެ ރިކޯޑްގެ އިތުރުން ކުރިން އޭނާ ކައިވެނިކޮށް ކުދިން ލިބިފައިވާ ދެ މީހުނަށް ވެސް އަނިޔާ ކުރި ކަމުގެ ގިނަ މައްސަލަތަކެއް އޮތް މީހެއް ކަމަށް ވެއެވެ.
އޭނާ ހައްޔަރު ކުރީ ނިޝާމާ މަރާލުމަށް ފަހު / މަރުވި ފަހުން ކުއްލި ގޮތަކަށް ފުރައިގެން ކުޅުދުއްފުއްޓަށް ގޮސް ހުއްޓަ އެވެ. އެ މީހާ ހައްޔަރު ކުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރު ވުމުންނެވެ.
ނިޝާމާ މަރާލި ކަމަށް ބުނާ ގޮތާއި މެދު ވެސް މި ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަ އެބައޮތެވެ. އޮބާބާއްވައި އަނިޔާކޮށް މަރާލީ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. މޫނުމަތީ ބާލީހެއް އަޅާ ނޭވާ ހާސް ކޮށްލައިގެން މަރާލީ ކަަމަށް ވެސް މިރަށުން ބަޔަކު ބުނެ އެވެ.
ނިޝާމާގެ ކަރުގައި ކޮންމެވެސް ވަރެއްގެ ޒަހަމެއް ހުރި ކަމަށް މިރަށުގެ ބައެއް މީހުން ބުނެ އެވެ. އޭނާގެ ހަށިގަނޑު ފެނުނު މީހަކު ވެސް އެކަން ޔަގީން ކޮށްދިނެވެ.
އެހެން ނަމަވެސް މި ރަށުގައި އޮތް އޭނާގެ އާއިލާއާ ސުވާލު ކުރުމުން އެކަން ޔަގީން ކުރެވެނީ ފުލުހުންގެ ބެލުންތަކަށް ފަހު ގައި ކަމަށް ބުނުން ފިޔަވާ އިތުރު ވާހަކައެއް އާއިލާއަކުން މިހާރަކު ނުބުނެ އެވެ.
ފުލުހުން މި މައްސަލަ ބަލަމުން ގެންދެ އެވެ. އެކަމަކު އެފަދަ އެއްވެސް ސުވާލަކަށް ފުލުހުންގެ އިދާރާއަކުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.