ވޮލެޓު ފޭރުނީ34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކެވެ. އެ ދެ މީހުންގެ ބަންދަށް ގޮކްރިމިނަލް ކޯޓުން 45 ދުވަސް ދިނެވެ.
މާލޭގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ހަމަލާދީ ވޮލެޓް ފޭރިގަތް މައްސަލާގައި ފިރިހެނަކާއި އަންހެނަކު ހައްޔަރު ކޮށްފި އެވެ.
ދަތުރުވަރެއްގައި މާލެ އައިސް އުޅުނު، ތ. އޮމަދޫ އަދުނާން ހުސައިންގެ ވޮލެޓް ފޭރި ގަތީ މިދިއަ އަންގާރަ ދުވަހު ހެނދުނު އޭނާ ބާޒާރުމަތި ބަލާލަން ދަނިކޮށް މާފަންނު އެލްސިޔޯން ބޭކަރީ ކައިރިންނެވެ.
އެ ދުވަހު އޭނާއަށް ބިރު ދައްކާ ތޫނު އެއްޗަކުން ހަމަލާދީ ވޮލެޓް ފޭރިގަތުމުން އަދުނާން ވަނީ ފޭރުނު މީހުންގެ ފަހަތުން ދުވެ ވޮލެޓް އަތުވޭތޯ މަސައްކަތް ކޮށްފަ އެވެ. އޭނާގެ ވޮލެޓްގައި ހުރި ހަ ހާހަށްވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެމީހުން ވޮލެޓު އެއްލައިލުމުން ހުސް ވޮލެޓެއް އަދުނާނަށް ލިބުނެވެ.
ނަމަވެސް އޭގެ ފަހުން އެ ހާދިސާއާ ގުޅޭ ފުލުސް ތަހުގީގު ތެރޭގައި އޭނާއަށް ހާސްކަން ކުރިމަތިވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
އަދުނާންގެ ވޮލެޓު ފޭރިގަތް މައްސަލާގައި ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން 45 ދުވަހުގެ މުއްދަތު ބަންދަށް ޖަހައިދިނެވެ.
މި ހާދިސާއަކީ ފޭރުމަކާ ގުޅިގެން ރާއްޖޭގައި މީހަކު މަރުވި މިފަދަ ފުރަތަމަ ހާދިސާ އެވެ. އަދި މި މައްސަލައާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ކަމަށް އާއިލާއިން ބުނެފައިވާ ގޮތުން ވަރަށް ބޮޑު ފާޑުކިޔުންތަކައް ފުލުސް އިދާރާއަށް އަމާޒުވެފައި ވެއެވެ.