ޗައިނާގެ ރައީސް ޝީއާއެކު ސައުދީއަށް ވަޑައިގެންނެވި ބޮޑު ވަފުދުން ސައުދީއާއެކު ކުރާ މަޝްވަރާތަކަށް ފަހު 30 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ލަފާ ކުރެވިފައި ވެއެވެ.
މި ދެ ދުވަހު ދުނިޔޭ ސަމާލުކަން އެންމެ ބޮޑަށް އަތުލާފައިވާ އެއް ކަމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ސައުދީ އަރަބިއްޔާއަށް ތިން ދުވަހުގެ ދަތުރުފުޅެއް ކުރެއްވުމަށް ކުއްލިއަކަށް ނިންމަވައި ދަތުރުފުޅަށް އަރަވަޑައިގަތުން އިއުލާން ކުރެއްވުމެވެ. ރައީސް ޝީ މިއަދު ވަނީ ސައުދީއަށް ވަޑައިގެން ސަމާލުކަން އިތުރު ކުރައްވާފަ އެވެ.
ރައީސް ޝީ ސައުދީއަށް ވަޑައިގަތުން ވަރަށް ބޮޑު ކަމަކަށް ވެފައި ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ގެނައި ބަދަލާ ގުޅިގެން ސައުދީ އާއި އެމެރިކާގެ ގުޅުމަށް ހިޔަނި އެޅިފައިވާ ދަނޑިވަޅެއްގައި ޝީގެ ދަތުރުފުޅު ފެއްޓެވުމުމާއި އޯޕެކް + އިން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ކޮންޓްރޯލެއް އޮތް ސައުދީން އެމެރިކާ ބުނާ ގޮތަށް އެކަމުގައި ގޮތް ނިންމަން އަޅައި ނުލުމުންނެވެ.
އެކަމާ ގުޅުވައި އެމެރިކާއިން ބުނަނީ އެއީ ރަޝިއާ އާއި ޔުކްރޭނުގެ ހަނގުރާމާގައި ސައުދީން ރަޝިއާ ކޮޅަށް އެރުން ހާމަކޮށްލުން ކަމަށާއި އަދި އެއީ ޗައިނާގެ ނުފޫޒު އޮތް ކަމެއް ކަމަށެވެ.
ޝީ މިއަދު ސައުދީ އަށް ވަޑައިގަތުމުން އިސްތިގުބާލު ކުރެއްވީ ވެރިރަށް ރިޔާޒުގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ބަންޑާރަ އަލް ސައުދާއި ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދާއި ސޮވަރިން ވެލްތު ފަންޑް (ޕީއައިއެފް) ގެ ގަވަރުނަރު ޔާސިރު އަލް ރުމަޔާނެވެ.
ވަލީއަހުދު އަދި ބޮޑު ވަޒީރު ކަމާއެކު ޑިފެކްޓޯ ވެރިއެއްގެ ގޮތުގައި ސައުދީ ހިންގަވާ ޕްރިންސް މުހައްމަދު ބިން ސަލްމާނާއި ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ޝީއަށް ފުރިހަމަ ސަރުބަތާއެކު ޝާހީ އަތްކަން އަޅާފައިވާ ކަނޑީގެ މަރުހަބާއެއް ދެންނެވުން ވެސް ފުރިހަމަ ކުރެވިފައިވާ އިސްތިގުބާލެއްގެ ތެރޭގައި ކުރިޔަށް ގެންދާނެ އެވެ.
ދުނިޔޭގައިވާ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރު، ސައުދީއަށް ދުނިޔޭގެ އެންމެ ބާރުގަދަ އިގްތިސޯދު، ޗައިނާގެ ރައީސް ޝީ ކުރައްވާ ދަތުރުގައި ސަލްމާން ރަސްގެފާނާއެކު ސީދާ މަޝްވަރާތަކާއި ގަލްފް އަރަބި ގައުމުތަކާއެކު ފުޅާ ބައްދަލުވުމަކާއި އަރަބި ލީޑަރުންނާއެކު ހާއްސަ ސަމިޓެއް ބާއްވަވާނެ އެވެ.
އަދި އެ މަޝްވަރާތަކުގެ ސަބަބުން ޗައިނާ އާއި އަރަބި ގުޅުން ތަރައްގީ ކުރުމުގެ އާ ޒަމާނެއް ފަށާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވިދާޅުވި އެވެ .
"އެއްބައިވަންތަކަމާއި އެއްބާރުލުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަރުގަދަ ބަޔާނެއް ސައުދީން ނެރޭނެ ބެއިޖިން އިން އުންމީދު ކުރޭ،" އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގައި ޗައިނާގެ ނުފޫޒު ބޮޑުވަމުންދާތީ އެމެރިކާ ވަނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފަ އެވެ. ދުނިޔޭގައި ހަކަތަ އެންމެ ގިނައިން ބޭނުންކުރާ ޗައިނާއަކީ ގަލްފްގެ ތެލާއި ގޭސް އުފައްދާ ކުންފުނިތަކުގެ ވިޔަފާރީގައި ވެސް އަދި ސައުދީ ތެލުގެ ވިޔަފާރީގައި ވެސް އެންމެ ބޮޑު އެންމެ މުހިންމު ބައިވެރިޔާ އެވެ. ސައުދީ އަރަބިއްޔާއަކީ އެގައުމުގެ ތެޔޮ އެންމެ ގިނައިން ޗައިނާއަށް ސަޕްލައި ކުރާ ގައުމެވެ.
ޗައިނާގެ ރައީސާއެކު ވަޑައިގެންނެވި ވަފުދުން ރިޔާޒުގައި ކުރާ މަޝްވަރާތަކަށް ފަހު 30 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް ލަފާ ކުރެވިފައި ވެއެވެ. އެ ތަފުސީލުތައް ހާމަވަނީ މާދަމާ އެވެ.