ޗައިނާއަކީ ސައުދީ އެންމެ މުހިންމު ބައިވެރިޔާ އެވެ. ސައުދީގެ ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަނީ ޗައިނާ އެވެ.
ބޮޑު އެޖެންޑާއަކާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިން ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނީ ސައުދީ އާއި އެމެރިކާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި އޮއްވަ އެވެ. އަދި ޝީގެ ތާރީހީ މި ދަތުރުފުޅަކީ 2016 ވަނަ އަހަރަށް ފަހު އެ މަނިކުފާނު ސައުދީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކޮވިޑަށް ފަހު ގައުމުން ބޭރަށް ވަޑައިގަންނަވާ ތިންވަނަ ދަތުރުފުޅެވެ.
އެމެރިކާގެ ނުތަނަވަސްކަން ބޮޑުވާނެ އެންމެ މުހިންމު ކަމަކަށް ވާނީ ތެލާ ބެހޭ ގޮތުން ޗައިނާ އާއި ސައުދީން މި ފަހަރު ދައްކާނެ ވާހަކަތަކެވެ.
ޝީގެ ތިން ދުވަހުގެ ދަތުރުފުޅުގައި ސަލްމާން ރަސްގެފާނާ ސައުދީގެ ޑިފެކްޓޯ ވެރިޔާ، ވަލީ އަހަދު އަދި ބޮޑު ވަޒީރު މުހައްމަދު ބިން ސަލްމާނާ ވެސް ބައްދަލު ކުރައްވާނެ އިރު ދެ ގައުމުގެ މެދުގައި ސަމިޓެއް ކުރިޔަށް ގެންދާނެ އެވެ. އެ ސަމިޓްގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ސަލްމާން ރަސްގެފާނެވެ. ހަމަ މި ދަތުރުފުޅުގެ ތެރެއިން މެދުއިރުމަތީގެ ހަ ގައުމު ހިމެނޭ ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ) އާއި ޗައިނާއާ ދެމެދު އޮންނަ ސަމިޓެއްގައި ވެސް ރައީސް ޝީ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވާނީ ޖީސީސީ އެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ނެރުނު ކުރު ބަޔާނެއްގައި ތަރުޖަމާނު ހޫއާ ޗުނިންގް ވިދާޅުވީ ޝީ ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ޗައިނާ-އަރަބި ގައުމުތަކުގެ ފުރަތަމަ ސަމިޓާއި ރިޔާޒުގައި ބާއްވާ ޗައިނާ - ޖީސީސީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އިރު ދެ ގައުމުގެ ތާރީހީ ގުޅުމާއި ސްޓްރެޓެޖިކް ޕާޓްނަޝިޕް ވަރުގަދަ ކުރުމާއެކު ބައިލެޓަރަލް ސަމިޓްގައި 29.26 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސް އިން ނެރުނު އެޑިޓޯރިއަލްއެއްގައި ޗައިނާ އާއި އަރަބި ގައުމުތަކުގެ ސަމިޓަކީ ޗައިނާ އާއި އަރަބި ގައުމުތަކުގެ ގުޅުމުގެ ތާރީހުގައި ލިޔާ މައިލްސްޓޯނެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.
ޗައިނާއަކީ ސައުދީ ވިޔަފާރީގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. ސައުދީގެ ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަނީ ޗައިނާ އެވެ. މިއަދު ރައީސް ޝީ ސައުދީއަށް ވަޑައިގަންނަވާއިރު ދުނިޔޭގެ ތެލުގެ ބާޒާރު އޮތް ގޮތުގެ މައްސަލައިގައި އެމެރިކާ އާއި ސައުދީއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވެއެވެ. އެމެރިކާއިން އޮތީ ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ އޯޕެކް+ ގްރޫޕުން ދުވާލަކު އުފައްދާ ތެޔޮ ފީފާގެ އަދަދު މަދުކުރަން ނިންމުމުން ވަރަށް ބޮޑަށް އެކަމާ ބޮޑާ ހާކައިގެނެވެ. އެމެރިކާއިން ބުނަނީ އެއީ އޯޕެކް އިން އަދި ކޮންޓްރޯލް އޮތް ސައުދީ އިން ރަޝިއާ އިހުތިޔާރު ކުރުން ކަމަށެވެ.
ސައުދީއަށް ރައީސް ޝީ ވަޑައިގެން ޑީލްތައް ހައްދަވާނެ އިރު މިއީ އެމެރިކާއަށް ހިމޭނުން އޮވެވަރުގެ ކަމަކަށް ނުވާނެ ކަމަށް ދިރާސާ ކުރާ ފަރާތްތައް ބުނެ އެވެ.