އުސޫލުން ބޭރުން އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ. މިއީ ރަށެއްގެ ކައުންސިލް ތެރެއިން އައި މިފަދަ އެންމެ ބޮޑު ހިޔާނާތެވެ.
ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކުވެގެން ވި ބޮޑު ހިޔާނާތުގެ މައްސަލައިގައި ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ.
މި މައްސަލައިގައި ކައުންސިލަރުން ސަސްޕެންޑްކުރަން ނިންމާފައި ވަނީ ލޯގަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ޖަލްސާއިންނެވެ. ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރުމުން މިހާރު އެ ކައުންސިލާ ހަވާލުވެ ހުރީ ސެކްރެޓަރީ ޖެނެރަލް އެވެ.
ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ދުވާފަރު ކައުންސިލުން ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކޮށްފައިވެ އެވެ. އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ. މި ހިޔާނާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 އިގެ ދުވަސްވަރު އެވެ.
ދުވާފަރު ކައުންސިލުގައި ހިމެނޭ ބައެއް މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި އެ ރަށު ޑަބްލިޔުޑީސީގެ ބައެއް މެންބަރުން އަމިއްލަ އެކައުންޓުތަކަށް ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް ބޭނުން ކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓުން ދައްކަ އެވެ. އުސޫލުން ބޭރުން އެމީހުންގެ އެކައުންޓްތަކަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ. މިއީ ރަށެއްގެ ކައުންސިލް ތެރެއިން އައި މިފަދަ އެންމެ ބޮޑު ހިޔާނާތެވެ.