އަރަބިއްޔާ ހިންގުން މިހާރު ހަވާލު ކޮށްފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ އެވެ. އެކަމާ އެ ސްކޫލްގެ ބެލެނިވެރިން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން މުހައްމަދު ޝުޖާއު ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވަކި ގޮތަކަށް ނިމެންދެން އަރަބިއްޔާއަށް ޕްރިންސިޕަލެއް އައްޔަން ނުކުރަން ޓްރައިބިއުނަލުން އަމުރެއް ނެރެދީފި އެވެ. ނަމަވެސް އެ މައްސަލަ ނިމެންދެން ޕްރިންސިޕަލްގެ ޒިންމާ އަދާ ކުރެވޭނެ އަމުރެއް ޓްރައިބިއުނަލަކުން ނުދިނެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު މަގާމުން ވަކި ކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެކަމާ ގުޅިގެން ބެލެނިވެރިން ވަނީ ސުލްހަވަރި އިހްތިޖާޖުތަކެއް ވެސް ކޮށްފަ އެވެ.
އެޑިއުކޭޝަނުން ޝުޖާއު ވަކި ކުރީ އަރަބިއްޔާގެ ބެލެނިވެރީން ކުރިއަށް ގެންދާ "ސޭވް އަރަބިއްޔާ" ކެމްޕޭން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުުރައްވާ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. އަދި ޝުޖާއު، އެޑިއުކޭޝަނުގެ ސްޓޭންޑް ދިފާއު ނުކޮށް މުޅީން ވެސް މަސައްކަތް ކުރަނީ ބެލެނިވެރީން އެދޭ ގޮތަށް ކަމަށް ވެސް ސަރުކާރުން ތުހުމަތު ކުރެ އެވެ. އެހެންވެ އޭނާ މަގާމުން ވަކި ކުރުމަށް ފަހު ބަދަލު ކުރީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށެވެ.
ޝުޖާއު އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ވަކި ކުރި މައްސަލަ ޓްރައިބިއުނަލަށް ގެންދިޔައީ ޝުޖާއުގެ ފަރާތުންނެވެ. އަދި އޭނާ ޓްރައިބިއުނަލްގައި އެދުނީ ވަގުތީ އަމުރު ނެރެދޭށެވެ. އެ އަމުރު މިއަދު ދިން އިރު އޭގައި ބުނަނީ މައްސަލަ ނިމެންދެން އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުލާށެވެ. މީގެ އިތުރުން އަދި އެފަދަ މަސައްކަތެއް ކުރާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްފައި ވެއެވެ. އެހެން ނަމަވެސް ޓްރައިބިއުނަލްގައި މައްސަލަ ނިމެންދެން ޕްރިންސިޕަލްގެ ޒިންމާ އަދާކުރެވޭނެ އަމުރެއް ޝުޖާއުއަކަށް ޓްރައިބިއުނަލުން ނުދިނެވެ.
އަރަބިއްޔާ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދާ އެވެ. އެކަމާ އެ ސްކޫލްގެ ބެލެނިވެރިން ގެންދަނީ ދެކޮޅު ހަދަމުންނެވެ.