ކޮންމެ ހަފުތާއަކު ވެސް ޓީބިލް ވިއްކަން ހުޅުވާލަ އެވެ. މި ފަހަރު ވިއްކަން ހުޅުވާލާ އެންމެ ބޮޑު އަދަދަކީ 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާގެ ޓީބިލެވެ.
އަހަރު ނިމެން 43 ދުވަހަށްވެފައި ވަނިކޮށް، ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޒަރީބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފި އެވެ.
އެތެރޭގެ މާކެޓަށް ހާއްސަކޮށް ކޮންމެ ހަފުތާއަކު ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހިންގާ ސިލްސިލާ ވިއްކުގެ ދަށުން މި ފަހަރު ވެސް ހުޅުވާލާފައިވަނީ 28 ދުވަހުން އަނބުރާ ދައްކާ 445 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ 262 މިލިއަން ރުފިޔާގެ ޓީބިލެއް އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 97 މިލިއަން ރުފިޔާގެ ޓީބިލެވެ.
އަނބުރާ ދައްކަން އެންމެ ދިގު މުއްދަތެއް ލިބެނީ 364 ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާގެ ޓީބިލް އެވެ.
ރާއްޖޭގައި ވިއްކާ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓްއަކީ 3.50 ޕަސެންޓާއި 3.87 ޕަސެންޓް އަދި 4.23 ޕަސެންޓުގެ އިތުރުން 6.60 ޕަސެންޓެވެ.
ނިމިދިޔަ ހަފުތާގައިވެސް ފިނޭންސް މިނިސްޓްރީން ވަނީ 1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފަ އެވެ. މި އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ހުރީ 63.52 ބިލިއަން ރުފިޔާގަ އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު ޓީބިލާއި ބޮންޑް ވިއްކައިގެން 4.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.
އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 113 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭން އެތެރޭގެ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 61 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 39.9 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ގެރެންޓީ ދަރަނި ހިމެނޭ ނިސްބަތަކީ 11.7 ބިލިއަން ރުފިޔާ އެވެ.
ޓީބިލްއަކީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން އެތެރޭގެ މާކެޓަށް ވިއްކާ ދަރަނީގެ ވަސީލަތެކެވެ. މިއީ ގަވަރުމަންޓް ސެކިއުރިޓީޒްގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު ނުވަތަ މޫނުމަތީ އަގު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. ރާއްޖޭގައި ވިއްކާ ޓީބިލް ގަންނަނީ ވިޔަފާރި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނެވެ.