މަސްގަނެފަ ލާރިކޮޅު ނުދީ ތިބެން ލަދެއްވެސް ނުގަނޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒުން ހިންގާ މާންދޫ ފެކްޓަރީއަށް މަސް ކިރަ އެވެ. އެކަމަކު މަސްވެރިންނަށް ފައިސާ ނުދީ މަސް ދޮޅުމަސް ފާއިތުވެގެން ދަނީ އެވެ. އެކަމާ މަސްވެރިން ކެތްތެރިކަން ކޮޅުންލައި އެ މީހުންގެ ޝަކުވާތަކާއިގެން ނުކުމެގަނެ މާންދޫގެ އޮޕަރޭޝަން ހުއްޓުވައިލީ އެވެ. މުޅި ލ. އަތޮޅާއި އަދި ކައިރީ އޮތް ތ. އަތޮޅުގެ މަސްވެރިން ތަމްސީލުވާ މުޒާހަރާތަކާއި އިހުތިޖާޖުތކެއް ފަށައިގަތީ އެވެ.

ލާމުތާގެ މަސްވެރިން މާންދޫގައި މުޒާހަރާ ކުރަނީ: މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ވަނީ ބުނެފައި -- މަސްވެރިންގެ ފޮޓޯއެއް

އަހަރެއްގައި 12 މަސް އޮތަސް މަސްވެރިކަން ރަނގަޅަށް ކޮށްލަން މަސްވެރިންނަށް ލިބެނީ ހަތަރު މަހެވެ. މަސްވެރިންގެ ހުރިހާ އުންމީދެއް އޮންނަނީ މި ހަތަރު މަހާ ގުޅިފަ އެވެ. އެހެން ނޫނީ އިހު ފަދައިން އޮއިވާއްޔެއްގައި ޖެހިގެން ނޫން ގޮތަކަށް މަހެއް ނުބޭނެ އެވެ. މިހާރު ރާއްޖެ ވަށައި މަސް ކަނދުފަތީގެ ހާރެއް ގަތާފައި އޮތުމުން މަސްވެރިކަމަށް ބަދަލެއް އައިސްފައި އޮތަަސް އަދި ވެސް ގާތްގަނޑަކަށް އެކަން އޮތީ އެހެނެވެ. މުޅި އަހަރަށް ބަލާނަމަ މަސްވެރިންގެ އާމްދަނީ އަށް އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަނީ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގަ އެވެ. މަސްވެރިންނަށް އަބަދުވެސް ކުރިއަމަތިވެފައިވާ ދައްޗަކީ ބޭނި މަސްކޮޅު ކިރޭނެ ގޮތް ނުވުމެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މި މައްސަލަ އެބައޮތެވެ. އެކަަމަކު މިހާރު ކުރިމަތިވެގެން މިއުޅެނީ މުޅީން އެހެން ކަމެކެވެ. މަސް ބާނައި ކިރުވާފައި މަސް އެކްސްޕޯޓު ވެސް ކުރެ އެވެ. އެކަމަކު މަސްވެރިން ކުރާ މަސައްކަތަށް ފައިސާއެއް ނުދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ މުހިންމު ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒުން ހިންގާ މާންދޫ ފެކްޓަރީއަށް މަސް ކިރަ އެވެ. އެކަމަކު މަސްވެރިންނަށް ފައިސާ ނުދީ މަސް ދޮޅުމަސް ފާއިތުވެގެން ދަނީ އެވެ. އެކަމާ މަސްވެރިން ކެތްތެރިކަން ކޮޅުންލައި އެ މީހުންގެ ޝަކުވާތަކާއިގެން ނުކުމެގަނެ މާންދޫގެ އޮޕަރޭޝަން ހުއްޓުވައިލީ އެވެ. މުޅި ލ. އަތޮޅާއި އަދި ކައިރީ އޮތް ތ. އަތޮޅުގެ މަސްވެރިން ތަމްސީލުވާ މުޒާހަރާތަކާއި އިހުތިޖާޖުތކެއް ފަށައިގަތީ އެވެ.

"ލާމުތާ" ގެ މަސްވެރިންގެ އަތުން މަސް ގަނެފައި ލާރިކޮޅު ނުދީ މުއްސަނދި "ވިލާ" އިން ފުޅާކޮށް ހިންގާ ބޮޑު ހޮރައިޒަން ކުންފުނި އޮތުމަކީ ފެނުނު ލަދުވެތި އަމަލެކެވެ.

މިކަމަކީ މަސްވެރިންގެ ބަހުރުވައިންނަމަ މާންދޫ ފެކްޓްރީން ފެނުނު ކަމެއް ނޫނެވެ. ކުރިން މި ފެކްޓަރީ ޗައިނާ ކުންފުންޏަކުން ހިނގިއިރު އެ ޝަކުވާތައް މަދެވެ. މިހާރުގެ މި މައްސަލަ ފެންމަތިވީ ވިލާ އިން އަމިއްލަ އަށް މާންދޫ ހިންގަން ފެށުމުންނެވެ.

"އެ މީހުން ހީކުރީ އަމިއްލަ އަށް [މަސް] ގަނެވޭނެ ކަމަށް. އެކަމަކު މި ފެންނަނީ އެކަން ނުވާތަން،" ލާމުތާއިން 26 އަށްވުރެ ގިނަ ދޯނިން މާންދޫ ބަނދަރު "ހިސޯރު" ކޮށް ކުރަމުންދާ އިހުތިޖާޖުގެ މައުލޫމާތު ހިއްސާ ކުރަމުން ލ. ގަން މަސްވެރިންގެ ޖަމިއްޔާގެ ރައީސް ހުސެއިން ހަނީފު "މި" ނޫހަށް ވިދާޅުވި އެވެ.

މަސްވެރިންނަށް ފައިސާ ނުދެވުނަސް މި އިންވެސްޓްމަންޓަކީ މުޅި ރާއްޖެއާ ނު ބައްދަލު ބިޔަ އިންވެސްޓްމެންޓެކެވެ. ރާއްޖޭގެ އެންމެ ހަރުމުދާ ގިނަ އެއް ކުންފުނި ކަމަށްވާ ވިލާގެ މަސް ބަންދުކުރާ މި ކާރުހާނާއަކީ އަމިއްލަ މީހަކު މަސްވެރިކަމުގައި ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ.

ސަރުކާރުގެ މަސް ފެކްޓަރީއަށްވުރެ ބޮޑު، މާންދޫ މަސް ފެކްޓްރީ ހުޅުވީ 2003 ވަނަ އަހަރު އެވެ. މި ފެކްޓްރީއަކީ 80 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ހުރި ތަނެކެވެ. ޔޫރަޕަށް މަސް ބޭރު ކުރެވޭ ކެޕޭސިޓީގައި ހުރި މި ފެކްޓްރީގައި އެ ކެޕޭސިޓީ އުފެއްދުމަށް ފެކްޓްރީ ހުޅުވުމަށްފަހު އިތުރު 100 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރި އެވެ. އެ ތާނގައި 600 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މި ވަރުގެ ބޮޑު ވިޔަފާރިއެއް ހަދާފައި އޮތް ބަޔަކު މަސްވެރިން އަތުން ގަންނަ މަހަށް ލާރި ނުދީ ދޮޅުމަސް ދެމަސް ވުމަކީ ގަބޫލު ކުރަން ދަތި ކަމެކެވެ. މަސްވެރިންނަށް ދޭން ޖެހެނީ ވެސް އެ ކުންފުނީގެ ޑެއިލީ އޮޕަރޭޝަނަށް ބެލި ނަމަވެސް ނިސްބަތުން ބޮޑު އަދަދެއް ނޫނެވެ. ކުރިން ސަރުކާރުން މަސް ކިލޯއެއް 20ރ. ގަންނާތީ ގެއްލުންވަމުން ދިޔަ ނަމަވެސް މިހާރު 17ރ، އަށް ކިލޯއެއް ބަދަލު ކުރުމުން ބޭރަށް މަސް އެކްސްޕޯޓު ކޮށްގެން ލިބޭ ގެއްލުން ފައިދާ އަށް ބަދަލު ކުރުމުގެ ފުރުސަތު ސަރުކާރެކޭ އެއްގޮތަށް މާންދޫ ހޮރައިޒަންއަށް ވެސް އޮވެއެވެ. އަދި ހިތުހުރި އަގެއްގައި މާކެޓު ރޭޓަށް އަގު ބަދަލު ކޮށްގެން ފައިދާ ހޯދުމުގެ މަގު ވެސް ފަހިވެފައި އޮވެއެވެ. އމި ހުރިހާ މަގެއް އޮތް ނަމަވެސް މަސްވެރިންނަށް ފައިސާ ނުދީ ލަސް ކުރަނީ އެވެ. އެއީ އެ ކުންފުނީ މިސް މެނޭޖުވެފައި އޮތުމެއް ނޫނީ ގަސްދުގައި ޖެއްސުމެއް ކުރުމެވެ.

ފައިސާ ނުދެވޭނެ ސަބަބެއް ނެތް

ބޮޑު ބިޔަ އިންވެސްޓްމަންޓެއް ނަމަވެސް މިހާތަނަށް އެ ކުންފުނިން މި ކަމުގައި ހިޔާރު ކުރީ "މުދާ ބައްކޮށްގެން" ފިލައި ތިބުމުގެ ތިބުމުގެ ސިޔާސަތެކެވެ. މަަސްވެރިނަށް ފައިސާ ނުލިބިގެން އެ މީހުންގެ އާއިލާތަކުގެ އަތްމަތި ދަތިވެ ދަރިން ހާލުގައި ޖެހޭ ހިސާބަށް ގޮސް އެ މީހުން ޝަކުވާ ކުރަން ފެށުމުން ވެސް އެކަމަށް ހައްލު ހޯދައިދޭން އެކަށީގެންވާ މަސައްކަތެއް ކުރާ ތަނެއް ނުފެނުނެވެ. މަސްވެރި ބައެއް އޮޑި ފަހަރަށް މިލިއަނުން ފައިސާ ދޭން އޮތްއިރު، ކުންފުނީގެ އެންމެ މަތީ މެނޭޖުމަންޓުން ހިޔާރު ކުރީ ސަރުކާރުގެ ހިޔަނީގައި ބޮނދައިގެން އޮތުމުގެ ވިސްނުމެވެ. މިހާރު ވެސް ލާމުތާއަށް ދޭން އޮތް އަދަދު 21 މިލިޔަން ރުފިޔާއިން މައްޗަށް އުފުލިފައި ވެއެވެ.

ލާމުތާގެ މަސްވެރިން މުޒާހަރާ ކުރާތާ ތިން ދުވަސް ވެގެން ދިޔައިރު ވެސް ވިލާ ކުންފުނީގެ ފަރާތުން ރަސްމީ ބަހެއް ޕަބްލިކުގައި ނުބުނުމަކީ މައްސަލައެކެވެ. މަސްވެރިން ބުނާ ގޮތުގައި އެއީ އެ ކުންފުނީގެ ތޮބީއަތެވެ. އެ މީހުން ލަދެއް ވެސް ނުގަންނާނެ އެވެ. މިފަދަ މައްސަލަތަކުގައި ފެކްޓަރީގެ ވެރިޔާ ގާސިމް އިބްރާހިމް ވެސް މިހާތަނަށް ގެންގުޅުއްވީ ހަމަ އެ "ޓްރިކް" އެކެވެ. އެކަމަކު މިހާރު ފެކްޓަރީ ހިންގަވަމުން ގެންދަވަނީ ސީދާ ގާސިމެއް ނޫނެވެ. ފެކްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް ތިއްބެވީ ދެ ޒުވާނެކެވެ. ގާސިމްގެ ދެ ބޭފުޅެކެވެ.

ލާމުތާގެ މަސްވެރިންގެ މުޒާހަރާއާ ގުޅޭ ހަބަރެއް

މުޒާހަރާއަށް ނުކުތް ލާމުތާގެ މަސްވެރިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން ދިޔައީ ކިރުވި މަހަށް ވާ 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެވޭނެ މަގެއް ހޯދައިދޭށެވެ. މުޒާހަރާ ހޫނުވެ އެންމެ ފަހުން ފެކްޓްރީގެ އޮޕަރޭޝަން "ޒީރޯ" އަށް ގެންދަން ޖެހުނުއިރު ވެސް ވިލާގެ ވެރިން މާލޭ ހެޑް އޮފީހުން ނުކުންނެވުމުގެ ވިސްނުމެއް އިއްޔެ އާހަމައަށް ނުގެންގުޅުއްވަ އެވެ. އެންމެފަހުން ގޮތް ހުސްވުމުން އިއްޔެގެ ވަގުތެއްގައި ވިލާގެ ފްލައިމީ ޗާޓަރު ކޮށްގެން އިސްވެރިން ވަޑައިގެން މާންދޫގައި މަަސްވެރިންނާ ވަނީ ބައްދަލު ކުރި އެވެ. މިކަން ކުރަން މަޖުބޫރުވި ސަބަބަކީ މާންދޫގެ އޮޕަރޭޝަން ހުއްޓާލައިގެން ތިބޭ ކޮންމެ ދުވަހަކު މިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް އެ ކުންފުންޏަށްވާން ފެށުމުންނެވެ. އެހެންވެ، އެކި ގޮތްގޮތުން އޮޕަރޭޝަން ހިންގަން ފުރުސަތު ދޭން އެ ކުންފުނިން ތަފާތު މަސައްކަތް ކުރި އެވެ. ފުލުހުންގެ އެހީ އަށް އެދުނެވެ. ކުންފުނި ހިންގަން ފުރުސަތު ދޭން މަސްވެރިން ގާތުގައި އެދުނެވެ. އެކަމަކު މަސްވެރިންގެ ވާހަކައަކީ ކިރުވި ކަމަށް ފައިސާ ނުދީ ފެކްޓްރީ ހިންގުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ލާމުތާގެ މަސްވެރިންގެ މުޒާހަރާގައި ބައިވެރިވާ ދޯންޏެއްގެ ކެޔޮޅަކު ބުނި ގޮތުގައި އެ މީހުންގެ ޖީބުން ފައިސާ ނަގައިގެން އަމިއްލައަށް ޑީސަލް އަޅައިގެން ދޯނީގެ ހަރަދުތަކަށް ހަރަދު ކޮށް ބާނައިގެން ގެނެސް ހިލޭ މާންދޫއަށް މަސްކޮޅު ދިނުމަކީ އިންސާފެއް ނޫނެވެ.

"މަސްވެރިން އެދުނީ މައިގަނޑު އެންމެ ކަމަށް އެއީ ކިރި މަހަށް ފައިސާ ދޭން. ދެން ހުރި ކަންކަން މެނޭޖު ކުރެވިދާނެ. އެކަމަކު ތެޔޮ އަގު ބޮޑު ދުވަސްވަރެއްގައި އަބަދު ޖީބުން ފައިސާ ހަރަދު ކޮށްގެން މިކަމެއް ނުކުރެވޭނެ. މިލިއަނެއްހާ ރުފިޔާ ދޭން ޖެހޭ ހިސާބަށް ދިޔައީމަ މުޒާހަރާ ކުރަން ޖެހުނީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މަސްވެރިން އެދުނީ މައިގަނޑު އެންމެ ކަމަށް އެއީ ކިރި މަހަށް ފައިސާ ދޭން. ދެން ހުރި ކަންކަން މެނޭޖު ކުރެވިދާނެ. އެކަމަކު ތެޔޮ އަގު ބޮޑު ދުވަސްވަރެއްގައި އަބަދު ޖީބުން ފައިސާ ހަރަދު ކޮށްގެން މިކަމެއް ނުކުރެވޭނެ.

ލާމު މަސް ދޯންޏެއްގެ ކެޔޮޅެއް

މަސްވެރިން ބުނާ ގޮތުގައި މާންދޫއަށް މިހާރު މަސް ގަންނަމުން ގެންދަނީ މަސްވެރިންނާއެކު އެއްވެސް އެއްބަސްވުމެއް ހަދައިގެން ނޫނެވެ. އެހެންވެ މިހާރު ދޭން ހުރި ފައިސާކޮޅު ދިނުމަށް ފަހު މަހަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ މީހުންނަށް ކުރިއަށް އޮތްތަނުގައި ވެސް ބޭނުންވާނެ އެވެ. ސަބަބަކީ މިހާރު އެ ކުންފުނިން އެކަން އިންސާފެއް ނެތް ގޮތެއްގައި ކުރުމާއި އިތުބާރު ގެއްލުމެވެ.

ލާމުތާގެ މަސްވެރިން މާންދޫގައި މުޒާހަރާ ކުރަނީ: އެ މީހުން ބޭނުން ވަނީ ފައިސާކޮޅު އެކަނި -- މަސްވެރިންގެ ފޮޓޯއެއް

"މަސް އެކްސްޕޯޓް ކުރާ ކެރިއަރު އައިސްފައި އޮންނަ ބައެއް ފަހަރު ފެކްޓްރީގައި އެވަރަށް މަސް ނެތްނަމަ އަގު މައްޗަށް ޖައްސާލާނެ. އެކަމަކު ނުރަސްމީ އަގެއްގެ ގޮތުގަ އެކަން ކުރަނީ. ބޯނަސް ކިލޯއެކޭ ކިޔާފަ އެއް ރުފިޔާ ޖައްސާލާ. އެކަމަކު ހަމަ ބޯޓަށް ބޭނުންވާ 2،500 މެޓްރިކް ޓަނުގެ މަސް ހަމަވާއިރަށް އެއްކަލަ ބޯނަސް އެއް ރުފިޔާ ގެއްލޭނެ. އެހެންވެ އެނގޭ އެ މިހުންގެ ކެޕޭސިޓީ. އެހެންވީމަ މަސްވެރިންނަށް ދޭން ޖެހޭ އެއްޗެއް ނުދެނީކަން ޔަގީންވޭ،" މާންދޫ ބަނދަރުގައި އޮތް ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

މަސްވެރިން މުޒާހަރާ ހުއްޓުވަން މިހާރު ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެއީ 21 މިލިއަންގެ ތެރޭން 8.7 މިލިއަން ރުފިޔާ ދިނުމެވެ. އެކަމަށް އިއްޔެ ލާމަށް ވަޑައިގެން ވިލާގެ ދެ ވެރިން ކަމަށްވާ ސިޔާދު ގާސިމާއި މުހައްމަދު ގާސިމް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އެކަމަކު މަސްވެރިން ބުނާ ގޮތުގައި ފެކްޓްރީގެ "ބަންދު" ދޫކޮށްލާލީ ފައިސާ ދިނުމުންނެވެ. މުޅި ރާއްޖެއަށް ވިލާއިން މި ދެއްކީ ލަދު ހަޔާތް ކުޑަ މަންޒަރެކެވެ. ބޮޑު ފެކްޓަރީ ހަދައި މަސް ގަނެ މަސްވެރިންނަށް ލާރި ނުދީ އެހެން ތިބެން ލަދެއް ނުގަނޭ ހެއްޔެވެ؟ މިކަމުން މަސްވެރި އާއިލާތަކަށް ކުރާނެ އަސަރު ވަޒަން ކޮށްލަން ނޭނގެނީ ހެއްޔެވެ؟

ކޮމެންޓް

1
450
މާލި
1 year ago

ލަދު ހަޔާތް ނެތް ބަޔަކު ލަދެއް ނުގަންނާނެ އެއީ ލަދު ގަންނާނެ ބައެއް ނޫން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.