މީގެ ކުރީން 2015 ވަނަ އަހަރު ބޮޑު ދެ ބިންހެލުމެއްގައި ގާތްގަނޑަކަށް 9،000 މީހުން މަރުވެ، ޒަމާންވީ ފައްޅިތަކާއި 824،000 އަށް ވުރެ ގިނަ ގެ ހިމެނޭ ގޮތަށް މުޅި ރަށްތައް ހަލާކުވި އެވެ.
ނޭޕާލަށް 6.6 މެގްނެޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސް، ހަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ބިންހެލުމާއެކު ނޭޕާލުގެ ހުޅަނގު އުތުރުގެ ޑޯޓީ ޑިސްޓްރިކްޓްގެ އެތައް ގެއެއް ވެސް ވަނީ ހަލާކު ވެގެން ގޮސްފަ އެވެ.
ޑޯޓީގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ބޮލާ ބަޓާ ވިދާޅުވީ ފަރުބަދަ މަތިން ހުޅަނގު ސަރަހައްދަށް އައި ބިންހެލުމުގައި އަށް ގެއެއް ވެއްޓުނު އިރު މަރުވި މީހުންގެ ތެރެއިން ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ.
"ދަ ކަތުމަންޑޫ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 13 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ ދެ އަންހެން ކުދިންނާއި 40 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.
މިހާރު ގްރައުންޑް ރެސްކިއު ޓީމެއް އެ ސަރަހައްދުގައި ގާއިމުވެފައިވާއިރު ކައިރީގައި އޮންނަ ސުރްހާޓް އަދި ނޭޕާލްގުންޖް ޓައުން ތަކުގައި ދެ ހެލިކޮޕްޓަރު ސްޓޭންޑްބައިގައި އެބައޮތް ކަމަށް ވެސް އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓް ކުރެ އެވެ.
މި ބިންހެލުމާ ގުޅިގެން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއި ދިން ޕްރިލިމިނަރީ ރޭޓިން އަކީ 5.6 މެގްނެޓިއުޑެވެ. ނަމަވެސް ނޭޕާލްގެ ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނާ ގޮތުގައި ބިންހެލުމުގެ މެގްނިޓިއުޑް 6.6 އަށް އަރަ އެވެ.
މީގެ ކުރީން 2015 ވަނަ އަހަރު ބޮޑު ދެ ބިންހެލުމެއްގައި ގާތްގަނޑަކަށް 9،000 މީހުން މަރުވެ، ޒަމާންވީ ފައްޅިތަކާއި 824،000 އަށް ވުރެ ގިނަ ގެ ހިމެނޭ ގޮތަށް ރަށްތައް ހަލާކުވި އެވެ. އޭރު ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވުމުން އެ ގެއްލުންތައް އަލުން ބިނާ ކުރުމުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ.