އުމުރު ޔަގީންކުރަން ލާޒިމުކޮށް، ދުންފަތުގެ ޖެނެރޭޝަން ބޭން ގެންނަން އިސްލާހެއް

ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވޭ

ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން، ދައުލަތުގެ ރަސްމީ ލިޔެކިޔުމަކުން އުމުރު ޔަގީންކުރަންޖެހޭ ގޮތަށް ލާޒިމުކޮށް، ދުންފަތް މަނާކުރުމުގެ "ޖެނެރޭޝަން ބޭން" ގެންނަން ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ތައާރަފް ކުރާ "ޖެނެރޭޝަން ބޭން" ގެންނާނީ ޖެނުއަރީ 01، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައި އަދި އުފަންވަމުންދާ ކުދިންނަށް ކަމަށް ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު، ދުންފަތުގެ ބާވަތްތައް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އަދި ދުންފަތުގެ ބާވަތެއް ގަންނަ މީހާގެ އުމުރު ހަމަނުވާކަމަށް ޝައްކު ކުރެވޭނެމަ، އެ މީހެއްގެ އައިޑީކާޑު ނުވަތަ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

މީގެއިތުރުން، މި ބިލު މެދުވެރިކޮށް، ސަރުކާރުން މިހާރު ވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ އާއި އެހެނިހެން އާލާތްތައް ވެސް މަނާކޮށްފަ އެވެ.

އޭގެ މާނައަކީ، ރޯލްޑް ޓޮބޭކޯ ނުވަތަ ސިނގިރޭޓު އޮޅަން ބޭނުންކުރާ އާލާތްތައް ވެސް މި ބިލު ގާނޫނަކަށް ވުމުން މަނާވާނެ ކަމެވެ.

މި ބިލަށް އަމަލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ، އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.