ޔުމްނު ވެއްޓުން | ތަހުގީގީ އިދާރާތަކާއި ކޮމިޝަނަށް ފުރުސަތު ދޭން ޖެހޭ

މަސްތުގެ ހާލަތުގައި ޒުވާނުންގެ އަމަލްތަކެއްގެ ސަބަބުން ދިމާވި މިހަސްސާސް ހާލަތުން ދިވެހި ގައުމު އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ޔުމްނުގެ ހައްގުގައި ކުރާ މުޒާހަރާ -- ފޮޓޯ: އަލައިކާ

ދިވެހި ދައުލަތުގެ ހައިބަވަންތަކަމާއި ކެރިފޯރުންތެރިކަމާއިއެކު ދިވެހިންނަށް ރަގަޅު ގޮތް ހޯދައިދިނުމަކީ ދައުލަތުގެ އެންމެ ބޮޑު ޒިންމާ އެވެ. ވަކި ފަރުދަކާއި ވަކި ޖަމާއަތެއްގެ މަސްލަހަތަށްވުރެ ގައުމު ބޮޑެވެ. ޒުވާން ހައްވާ ޔުމްނު މަސްތުވެގެން އިމާރާތަކުން ވެއްޓުނު މައްސަލާގައި އިންސާފު ހޯދުމުގެ ނަމުގައި މާލޭގައި ކޮންމެ ރެއަކު ގެންދަނީ މުޒާހަރާތަކެއް ކުރަމުންނެވެ. ގާނޫނީ ސަރުކާރަށް އިންތިހާއަށް ޑިމާންޑްތައް ޒުވާނުންގެ ފަރާތުން ދަނީ ހުށަހަޅަމުން ނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ގޯސް ހަދާފައިވާ ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސިޔާސީ ގޮތުން ދަނީ އިންތިހާއަށް ޕްރެޝަރު ކުރަމުންނެވެ. އެހެންނަމަވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ ރޯއައުގުރާނަ ގޮވުމާއި ބޭއަދަބީ ބަސްތަކުން އަނެކުންގެ އަބުރަށް ހުތުރު ކުރުމަކީ އިންސާފް ލިބޭނެ ކަމެއް ނޫން ކަމެވެ.

މަސްތުގެ ހާލަތުގައި ޒުވާނުންގެ އަމަލްތަކެއްގެ ސަބަބުން ދިމާވި މިހައްސާސް ހާލަތުން ދިވެހި ގައުމު އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ގަރާރަކުން މިނިވަން ރިޔާސީ ކޮމިޝަނެއް މިމައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާއިރު، ފުލުހުންގެ ކޮމިޝަނަރު ވެސް ވަނީ މިހާރު ބަދަލުވެފަ އެވެ.

ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރު ޖެނެރަލް ވަނީ މިމައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިޝަރަކު އިހުމާލްވެ، ގޯސް ހަދާފައިވޭ ތޯ ބެލުމަށް އަމުރު ކުރައްވާފަ އެވެ. އިންސާފަކީ މަގުމަތިން ގޮށްމުށުގެ ބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. ބޭއަދަބީ އަމަލްތަކާއި ބޭ އަދަބީ ބަސްތަކުން އިންސާފެއް ދުވަހަކު ވެސް ނުލިބޭނެކަން ޔަގީނެވެ.

ޒުވާނުންނެއް ކަމަކު މަގުތަކަށް ނިކުމެ ކޮންމެ ގޮތެއް ވަރިހަމަކޮށް، ދުލަށް އައިހާ އެއްޗެއް ގޮވައި، އައުގުރާނައާއި ބޭއަދަބީ ބަސްތަކުން މުޅި މާހައުލު ކިލަނބު ކުރުމަކީ އިންސާފަށް އޮތް މަގެއް ނޫނެވެ. މިހާރު ސިޔާސީ ވެފައިވާ މިމުޒާހަރާގައި ރިވެތި މަންޒަރުތަކެއް ނުފެނެ އެވެ. ހެޔޮލަފާ އަޑުތަކެއް ނީވެ އެވެ. އެހެންކަމުން މި މުޒާހަރާތަކުގެ މަގުސަދާމެދު އެތައް ގޮތަކުން ސުވާލު އުފެދޭ ހާލަތަށް ކަންތައްތައް ވަނީ ގޮސްފަ އެވެ.

ފުލުހުންގެ މުއައްސަސާ އަށާއި ދައުލަތުގެ އިދާރާތަކަށް ކުޑައިމީސް ބަސްތައް އެބަ ރައްދު ކުރެ އެވެ. އިސްތިސްނާއެއް ނެތި ހުރިހާ ފުލުހުންނަށް ބޭއަދަބީ ބަސްތަކުން މުއާމަލާތު ކުރެ އެވެ. ކީއްވެގެން ކޮން މަގުސަދެއް ހާސިލް ކުރަން ހެއްޔެވެ؟

ސަރުކާރާއި ފުލުހުން ޖަވާބުދާރީ ކުރުވުމަށް އިންސާފް ހޯދުމަށްކަމަށް ބުނެ ކުރަމުންދާ މުޒާހަރާގެ ފުޓޭޖްތައް އާއިލާ އެކުގައި ބަލާލެވޭވަރަށްވުރެ ދަށު ދަރަޖައިގެ ވާހަކަތައް ގިނަ އެވެ. ދޭތެރެ ދޭތެރެއިން، މުޒާހަރާގެ ބައިވެރިއަކު ހަމައިން ނެއްޓިގެން ރޯއައުގުރާނަ ގޮވަނީ އެވެ. ބޭއަދަބީ ބަސްތަކުން ފަތި ފައްޗަށް އަމުނާލަނީ އެވެ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިއީ އިންސާފު ހޯދޭނެ މަގެއް ވެސް ނޫނެވެ.

ރައީސް ޑރ. މުއިއްޒު މިމައްސަލާގައި އެކުލަވާލައިފައިވާ ރިޔާސީ ކޮމިޝަނާއި ފުލުހުންނަށާއި މުވައްސަސާތަކަށް މައްސަލަ މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ފުރުސަތުދޭން ޖެހެ އެވެ.

ރައްޔިތުންގެ ތެރެއިން ބައެއްގެ ނުރަނގަޅު ޕްރެޝަރަށް ފުލުހުން ޖަވާބުދާރީވާން ޖެހުމުގެ ސަބަބުން ކޮމިޝަނާއި ފުލުހުންގެ އަސްލު މަސައްކަތަށް ހެޔޮ ނަތީޖާ ހޯދުން ލަސްވެގެން ހިނގައިދާނެ އެވެ.

ދިވެހި ރައްޔިތުން ކޮންމެ ފަސް އަހަރަކުން ވޯޓުން ސަރުކާރެއް އެކުލަވާލަން ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބު ކުރަނީ މަގުމަތިން ގޮންމުށުގެ ބާރުން ކަންކަން ނިންމުގެ ބަދަލުގައި ތަހުޒީބުކަމާއި ބުއްދީގެ ހަމަތަކުން ކަންތައްތައް ހަމަޖެއްސުމަށެވެ. ނޫންނަމަވެސް ގައުމުގައި ހިނގާނީ ޖަންގަލީގެ ގާނޫނާއި ހަމަ އެވެ. މުވައްސަސާތަކަށް ވެސް އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް އޮތް މާހައުލު ގެއްލި ބިރުވެރިކަމެއް އުފެދިދާނެ އެވެ. އެހެންކަމުން މަސްތުވެ ވެއްޓުނު ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި މުވައްސަސާތަކަށް ފުރިހަމައަށް ފުރުސަތުދޭށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.