ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހާއްސަ ކޮމިޝަނެއް އުފައްދަވައިފި

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ތިން މެމްބަރުންގެ ހާއްސަ ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

މާލޭގެ އިމާރާތަކުން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ތިން މެމްބަރުންގެ ހާއްސަ ކޮމިޝަންގައި އިސްކޮށް އައްޔަނުކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެވެ.

ދެން އެ ކޮމިޝަނަށް އައްޔަނުކުރައްވާފައިވަނީ، ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދު އެވެ.

މި ކޮމިޝަން އުފައްދާފައިވަނީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛

  •  ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
  •  ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
  •  ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
  •  ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
  •  ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
  •  ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި، އެނޫން ވެސް މަޢުލޫމާތު ހޯދުން.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް ރައީސް އުފައްދަވާފައިމިވަނީ، އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ މިނިވަންކަމާއި ނަޒާހާތްތެރިކަމާމެދު ސުވާލު އުފައްދައި، މާލޭގައި ޒުވާނުން އިސްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. 

މި މައްސަލަ އިންސާފުވެރިކަމާ އެކު ތަހުގީގުކޮށް، ކަން ހިނގައިދިޔަ ގޮތުގެ ހަގީގަތް ހާމަކުރަން މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ތުހުމަތުތައް އަމާޒުވެފައިވަނިކޮށް، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެގެ ވަގުތެއްގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ކުރިއަށްދާއިރު އޭނައާއެކު ހ. ފެންޓޯނިއާގެ ސިޑިމަތީގައި މަސްތުގެ ހާލަތުގައި ފަހު ވަގުތު އުޅުނު ރައުދު މުހައްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަފުތާ ބަންދުގައި ބޭއްވި "މަސްތުގެ ޕާޓީ" ގައި ބައިވެރި އެންމެންގެ ބަޔާން ނަގައި، ފުލުހުން މަނާކޮށް އަދި އެމީހުންގެ ފޯނުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ޔުމްނު ރޭގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.