ޔުމްނު ފަރުވާ އަށް 800،000 ޑޮލަރު ބޭނުންވެ އެވެ. އެ ފައިސާ ހޯދުމުގެ މަސައްކަތް އާއިލާއިން ދަނީ ކުރަމުންނެވެ.
އިމާރާތަކުން ވެއްޓުނު ހާދިސާގައި އަނިޔާވި ހައްވާ ޔުމްނު ރަޝީދު 21، ގެ ފަރުވާ އަށް އެންސްޕާއިން ދިން 25،000 ޑޮލަރު ދީފައިވާއިރު 12 މީހުންގެ ޓިކެޓު ދީފައިވެ އެވެ. މިރޭ އުމްނު ވަނީ މެލޭޝިއާ އަށް އިތުރު ފަރުވާ އަށް ފުރާފަ އެވެ.
އުންމު ވެއްޓިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނިފައިވަނީ އެ ދުވަހު ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ. ނަމަވެސް ރާއްޖޭން ބޭރުން ފަރުވާއަށް ގެންދަން ޑޮކްޓަރުން ހުއްދަ ދިނުމާއެކު މިހާރު ވަނީ ބޭރަށް ފުރުވާލާފަ އެވެ.
ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައި ދީފައިވެ އެވެ. އެހެންވެ، ޔުމްނު މެލޭޝިއާއަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) ގައުމީ ބޭސް ފަރުވާގެ ނިޒާމުގެ ތެރޭން އެންސްޕާއިން ދީފައިވެ އެވެ. މީގެ އިތުރުން 12 މީހުންގެ ޓިކެޓުގެ ފައިސާ ވެސް ދީފައިވެ އެވެ.
އާއްމު ގޮތެއްގައި އެންސްޕާ އިން އެހީގެ ގޮތުގައި ދެނީ ބަލިމީހާ އާއި އެހީތެރިޔާއަށް ޓިކެޓެކެވެ. އަދި އެވްރެޖުކޮށް ދެނީ 500 ޑޮލަރު ވަރެވެ. މިއީ މިފަހުން ބަލި މީހަކަށ އެންސްޕާއިން މިވަރުގެ ބޮޑު ހޭދައެއް ކުރި ފުރަތަމަ ފަހަރެވެ.
އާއިލާ އިން ބުނެފައިވާ ގޮތުގައި ޔުމްނުގެ ފަރުވާ އަށް 800،000 ރުފިޔާ ހަރަދުވެ އެވެ. އެހެންވެ ޓިކްޓޮކްގައި މިރޭ ހިންގި ހަރަކާތެއްގައި 700،000ރ. ވަނީ އެއްކޮށްފަ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ކުރިއަށްދާއިރު އޭނައާއެކު ހ. ފެންޓޯނިއާގެ ސިޑިމަތީގައި މަސްތުގެ ހާލަތުގައި ފަހު ވަގުތު އުޅުނު ރައުދު މުހައްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހަފުތާ ބަންދުގައި ބޭއްވި "މަސްތުގެ ޕާޓީ" ގައި ބައިވެރި އެންމެންގެ ބަޔާން ނަގައި، ފުލުހުން މަނާކޮށް އަދި އެމީހުންގެ ފޯނުތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.