ޝުޖާއު އިސްތިއުފާ ދެއްވުމުން އެކްޓިން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ ދިނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަށެވެ. ނަމަވެސް ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މަގާމު ނަވީންއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމުން، ވަގުތީ ގޮތުން އެ މަގާމަށް އިސްމާއިލް ނަވީން އައްޔަނު ކޮށްފި އެވެ.
މިރޭގެ ވަގުތެއްގައި ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން އެކްޓިން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ ދިނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަށެވެ. ނަމަވެސް ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މަގާމު ނަވީންއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވީ ފުލުހުންމިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ ޔުމްނުގެ މައްސަލައިގައި މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށްވެފައި، މި ތަހުގީގުގެ ކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ނަވީން ކަމަށެވެ. އޭނާއާ ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހަވާލުކުރެއްވީ އެހެންވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ބުނެ، ފާއިތުވި ރޭތަކުގައި ޒުވާނުން އެއްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުން ގެންދަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ޝުޖާއު، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކޮށްފައިވަނީ، މި ސަރުކާރުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައިވާއިރު، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައި، ފިޔަވަޅު އެޅުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ވަނީ އަންގައިފަ އެވެ.