ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯގެއިން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ހޫނުވެފައިވަނިކޮށް، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވައިފި އެވެ.
މިކަމާ ގުޅިގެން ޝުޖާއުގެ ބަހެއް އަދި ލިބިފައިނުވި ނަމަވެސް، އިސްތިއުފާ ދެއްވަން އޭނާ ނިންމަވާފައިމިވަނީ، ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ބުނެ، ފާއިތުވި ރޭތަކުގައި ޒުވާނުން އެއްވެ މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުން ގެންދަނީ ޝުޖާއުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.
ނަމަވެސް، އޭނާ އިސްތިއުފާ ދެއްވީ މިކަމާ ގުޅިގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.
ޝުޖާއު، ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކޮށްފައިވަނީ، މި ސަރުކާރުގައި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.