"މިކަމުގަ އިތުރަށް ކަންބޮޑުވާން މިޖެހެނީ އެ މައްސަލަ ޕޮލިޓިސައިޒްކޮށް ސިޔާސީ ކުރެއްވުމުގެ ގޮތުން [ރައީސް] ވާހަކަފުޅު ދައްކަވާފައި ވާތީވެ،" އިމްތިޔާޒް ވިދާޅުވި އެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ކުރެއްވުމުން ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މި ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލައި މަޖާކުރަން" ޕްރޮމޯޓް ކުރި ފަރާތްތައް ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ މި ހާދިސާއާ މަސްތުވާތަކެއްޗާ ވެސް ގުޅުން އޮތުމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސީދާ ނަންނުގެންނެވިޔަސް، އެ މަނިކުފާނު އިޝާރާތް ކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި މެނިފެސްޓޯގައި ޒުވާނުންނާއި މުނިފޫހިފިލުވުމާއި ފަންނުވެރިން ކުރިއެރުވުމުގެ ބައިގައި ހިމެނި ބިރަކާ ނުލައި މަޖާކުރުމުގެ ސިޔާސަތަށެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ ވަނީ ރައީސްގެ އެވާހަކަފުޅު ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއީ ފުލުހުންގެ ފަރާތުން ހިންގާ ތަހުގީގާ މެދުވެސް އެތައް ސުވާލުތަކެއް އުފެދި ޒުވާނުންނާއި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދާ މައްސަލައެއް ކަމަށެވެ.
"މިކަމުގަ އިތުރަށް ކަންބޮޑުވާން މިޖެހެނީ އެ މައްސަލަ ޕޮލިޓިސައިޒްކޮށް ސިޔާސީ ކުރެއްވުމުގެ ގޮތުން [ރައީސް] ވާހަކަފުޅު ދައްކަވާފައި ވާތީވެ،" އިމްތިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އެގޮތަށް ވާހަކަފުޅު ދެއްކެވީ އެއްގޮތަކަށް ވެސް ރަގަޅު ނިޔަތެއް އޮވެގެން ނޫން ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އެ ވާހަކައިގެ ސަބަބުން މައްސަލައިގެ ތަހުގީގަށް ނުރަގަޅު ގޮތެއް މެދުވެރިވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި، އެމްޑީޕީން ނެރުނު ސިތާސަތުގެ މާނަ ރައީސް އޮޅުވާލައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މެނިފެސްޓޫގައި ހިމެނި އެ މަފުހޫމަކީ ޒުވާނުންނާއި އެންމެނަށް ވެސް "އާޓިސްޓިކް ފްރީޑަމް" އަދި "ކްރިއޭޓިވް ފްރީޑަމް" ލިބެން ޖެހޭނެކަން ޔަގީންކުރުމާއި ޒުވާނުން ބާރުވެރި ކުރުވުން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
"އޭރު އެ ހުށަހެޅި ހެށަހެޅުންތަކާ އެކު މެނިފެސްޓޯއަށް 105،000 މީހުންގެ ވޯޓު ވެސް ލިބުނު،" އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ދަނީ ރަގަޅަށް ނޫން ކަމަށެވެ. މައްސަލައިގެ ތަހުގީގު ރަގަޅަށް ހިގައިނުގަނެވެނީސް ނޫސްވެރިންނާ ބައްދަލުކޮށް މައްސަލައިގައި ވަކިގޮތަކަށް ނިންމުމުން ވެސް އުފެދުނީ އިތުރު ސުވާލުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެބޭފުޅުން އެ ވިދާޅުވީ އެކުއްޖާ ކޮންމެސް ގޮތަކުން ވެއްޓިފަވާ ކަމަށް، އެހެން އެއްވެސް ފަރާތެއްގެ ޝާމިލުވުމެއް ބައިވެރިވުމެއް ނުވާކަން ދެއްކުމުގެ ގޮތުން އެބޭފުޅުން މީޑިއާއަށް ހާމަކުރެއްވި ވާހަކަފުޅުތަކުން އަޅުގަނޑުމެންނަށް ދޭހަވީ. އެހެންވީމަ މީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ތަހުގީގުގެ އެއްވެސް މިންވަރެއް ކުރިއަށް ގޮސްފައި ނުވާއިރުގަ ފުލުހުން އިމީޑިއޭޓް ކޮންކްލޫޝަނަކާ ހަމައަށް ގެންދިޔަ ގެންދިއުން،" އިމްތިޔާޒް ވިދާޅުވި އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން މަގުމައްޗަށް ނުކުމެ ކުރަމުން އެދަނީ ސިޔާސީ އިހުތިޖާޖުތަކެއް ނޫންކަން ވެސް ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފަ އެވެ.