ވޯލްޑް ބޭންކުން ބުނީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމަށް އަންނަ އަސަރު ރާއްޖެއަށް ފޯރައިފިނަމަ ރާއްޖެއަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ އެވެ.
ދުނިޔޭގައި މިހާރު ކުރިއަށްދާ "އިގްތިސޯދީ ތަޅާފޮޅުން" ތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުއްޓަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުން އިގްތިސޯދީ ކުރިއެރުން 5.2 % އަށް މަތިވާނެ ކަމަށް އަންދާޒާކޮށްފި އެވެ.
ވޯލްޑް ބޭންކުން މިމަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ އިގްތިސޯދުގެ ހާލަތު ބަޔާންކޮށް ނެރުނު މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް 2025 ގައި ބުނެފައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޓާމިނަލް ނިންމުމުން ޓޫރިސްޜުން އަންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭއިރު، މެދު މުއްދަތުގައި އެވްރެޖްކޮށް 5.2 ޕަސެންޓްގެ އިގްތިސާދީ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދުނިޔޭގެ އިގްތިސޯދީ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައި ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުން ދުނިޔޭގެ އިގްތިސޯދުގެ ދުވެލި ލަސްވުމާއެކު ޓޫރިޒަމަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެހެންވެއްޖެ ހާލަތެއްގައި ޓޫރިމަށް އަރާ ލޮޅެއްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ދުނިޔޭގެ މާލީ ހާލަތުގެ ސަބަބުން ފައިސާ ލިބުން ދަތިވެ މީގެ ސަބަބުން ދަރަނި އަދާ ކުރުން ފަދަ ކަންކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެއްގެ މައްޗަށް އަލި އަޅުއްވާލާފައިވެ އެވެ. މީގެ އިތުރުން ބޭރުގައި މުދަލުގެ އަގު އުފުލޭ ހާލަތެއް އަތުވެއްޖެނަމަ ރާއްޖޭން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް އިތުުރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިކަމުން ސަމާލަތް ވުމަށް ހަރަދުތައް ކުޑަކުމަކީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ވަނީ އާއްމުކޮށް އެ ބޭންކުގެ ރިޕޯޓްތަކުގައި އަންދާޒާ ކުރާ ރާއްޖޭގެ ދަރަންޏާއި ހަރަދުގެ މައްޗަށް މިފަހަރުގެ ރިޕޯޓުގައިވެސް އަލި އަޅުއްވާލާފަ އެވެ. މިގޮތުން ކުރިންވެސް ބުނެފައިވާ ގޮތަށް ހަރަދުކުޑަ ނުކޮށްފިނަމަ އިގްތިސޯދީ ކުރިއެރުން 2027 ވަނަ އަހަރު ދަށަށް ދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ދަރަނި އެ އަހަރު 135.7 ޕަސެންޓަށް އުފުލޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ބޮޑެތި އެހީތަކެއްދޭ ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ މައްޗަށް ރިޕޯޓެއް ނެރުނުއިރު ރާއްޖޭން ދަނީ އިގްތިސޯދީ ގޮތުން ހުރި ހުރަސްތައް ނައްތާލަން ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރިޒާވު ވަރުގަދަ ކުރަން ޓޫރިޒަމް ސެކްޓާއިން ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ވަނީ ފަށާފަ އެވެ. އަދި މިކަމުގެ ސަބަބުން ދަރަނި އަދާކުރުމާއި އަސާސީ މުދާ އިމްޕޯޓް ކުރުމުގެ ގާބިލްކަން ވަނީ އިތުރުވެފަ އެވެ. މިދިޔަ ދެ މަސް ތެރޭ ރިޒާވުން ނަގައިގެން 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ދަރަނި ވަނީ އަދާކޮށްފަ އެވެ. އަދި ރާއްޖޭގެ އާމްދަނީ އިތުރުވެ ބަޖެޓް ޑެފިސިޓް ދަށްވަމުންދާކަން ފިނޭންސުން އާއްމުކުރާ ހަފުތާގެ މާލީ ހިސާބުތަކުން ދައްކަ އެވެ.