ޔުމްނުގެ އާއިލާއިން ވާހަކަ ދެއްކި މޫމިން މައުމޫން ބުނީ ފަރުވާ އަށް މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާ އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ
ބުރުޒުމަގުގައި ހުންނަ ހ.. ފެންޓޯނިއޯގެއިން ވެއްޓުނު 21 އަހަރުގެ ޔުމްނަށް އިތުރު ފަރުވާ ދޭން މެލޭޝިއާއަށް ފުރުވާލަން ތައްޔާރު ވެއްޖެ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މިރޭ ވާހަކަ ދެއްކި މޫމިން މައުމޫން ބުނީ ފަރުވާ އަށް މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާ އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާ ފްލައިޓު ހަމަޖެހުމާއެކު ފުރަން ނިންމާފައިވާ ކަމަށެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މައުލޫމާތު ދޭން ޕަވަ އޮފް އެޓާނީ ދީފައިވާ މޫމިން މައުމޫން އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރު އެއްޗެއް ނުބުނެ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓިފައި ވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އިއްޔެ ފުލުހުން ވަނީ މި މައްސަލައިގެ ތުހުމަތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ޔުމްނުއާއެކު އުޅުނު ރައުދު މުހައްމަދު ޒިލާލް ހައްޔަރު ކޮށްފަ އެވެ.
އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރުގައި ވާ ގޮތުން، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވެ އެވެ.