ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކޮށްފި

މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައެވެ.

ރައުދު އަހުމަދު ޒިލާލް --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އޭނާ އާއެކު އެގޭތެރޭގައި ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކޮށްފި އެވެ.

މި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ރައުދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު 18:20 ގައެވެ.

މި ހާދިސާ ހިނގުމުގެ ކުރިން ރައުދު އަދި ޔުމްނު ހިމެނޭހެން ޒުވާނުންތަކެއް ވަނީ އެރޭ މއ. މާންދޫގޭދެކުނު ގޭގައި މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފަ އެވެ. ޕާޓީއަށްފަހު އެރޭ ދަންވަރު އެމީހުން އެގެއިން ނުކުމެ، ކަށިވެލިގެއަށް ވަދުމަށްފަހު ރައުދު އަދި ޔުމްނު ދިޔައީ ފެންޓެނޯއީ އަށެވެ. އެއީ އެމީހުންނާ ގުޅުން ހުރި ގެއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ޔުމްނުއާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އުޅުނީ ރައުދު އެވެ. އޭނާ ވެއްޓުމަށްފަހު ގާތްގަނޑަކަށް 30 މިނެޓެއް ހާއިރު ޔުމްނު ހޯދަން އުޅުމަށްފަހު ރައުދު ވަނީ އެގެއިން ގޮސްފަ އެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.

ފުލުހުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު މާންދޫގޭދެކުނު ބައިގައި ހަރަކާތްތެރިވި އަށް ޒުވާނުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރަށް ބޮޑުބޭބެ ކިޔާ ދެ މީހުން ވެސް ހިމެނެ އެވެ.

އެއީ؛

  •  އައިޝަތު ލަޔާލީ އިގްބާލް، 22
  •  އިޒްދިޔާން މުހައްމަދު މައުމޫން، 28
  •  ހުސެއިން ހަމީސް އަލީ، 28
  •  އިޖާޒް ޖާއިޒް، 24
  •  އައިމިނަތު ޖުނައިނާ ޖަމްޝީދު، 24
  •  ޔޫސުފް ޔައްސާރް އަބްދުލްގަފޫރު، 28
  •  ޔޫސުފް އަހުމަދު އަކްރަމް

ފުލުހުން މިއަދު ހަވީރު ބުނީ ރައުދުގެ އިތުރުން މި އެންމެންގެ ފޯނުތައް ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން މާންދޫގޭގެ ދެކުނު ބައިގެ ޓެރަސް އާއި 2 އަދި 4 ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭ 3 ވަނަ ފަންގިފިލާ ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ޕާޓީ ކުރި މިނިސްޓަރު އަމީންގެ ގެ ބަލައިފާސްކުރަން ޖެހޭފަދަ ޒަރޫރަތެއް ނެތް ކަމަށެވެ. ނަމަވެސް މިއަދު ރާގު ބަދަލުވެ، މާންދޫގޭ ދެކުނު ބައިގައި ހިނގައި ދިޔަ ކަންކަން ދެނެގަތުމަށް ވަކި ތަހުގީގެއް ހިންގާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި އެވެ. މި މައްސަލައިގައި ފުލުހުންގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަދި ނެތް ވަސީލަތެއް ނަމަ ރާއްޖޭން ބޭރަށް ފޮނުވައިގެން ވެސް ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ޕާޓީ ކުރި މީހުންގެ ތެރެއިން ރައީސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.