އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ފަދަކަމެއް ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޒުވާން އަންހެނަކު ފުރާޅެއްގެ މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާކަން އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައިގައި އެ ކަންކަމަށް ރިއާޔަތްކުރާނެކަމުގެ ޔަގީންކަން އެޗްއާރްސީއެމުން ވަނީ ދީފަ އެވެ.
"މި ކަންކަން ކޮމިޝަންގެ ސަމާލުކަމަށް އައުމާ ހިސާބުން މި ކޮމިޝަނުން ވަނީ އަނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައި. އެގޮތުން، އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި. އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދު ވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށެވެ.
އެގޮތުން، އޮންގާރަ ދުވަހުގެ ރެޔާއި މިއަދު ފުލުހުންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފެޓޭޖް އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވެސް ބުންޏެވެ.
"2025 އެޕްރިލް 22 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަކޮށްފައިނުވާއިރު، ހަމައެކަނި މި ހާދިސާގައި އަނިޔާވި ފަރާތުގެ މައުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭތީ މިއީވެސް ކޮމިޝަނުން ކަންބޮޑުވާ ކަމެއް. އަދި މީގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިވްޓިމައިޒްވެގެން ގޮސްފައިވާތީ، މިއީވެސް ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން ބުންޏެވެ.
އެޗްއާރްސީއެމުން ބުނީ ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިއަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިއަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް މައުލޫމާތު ހިއްސާ ކުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަހްގީގުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެ ފަދަކަމެއް ކަމަށެވެ.
ފުލުހުން ވަނީ އަންގާރަ ދުވަހުގެ ރޭ ސިއްރުކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންހެން ކުއްޖާގެ އިތުރުން އޭނާއާއެކު ފަހުވަގުތާ ޖެހެންދެން އުޅުނު ރައުދު އަހުމަދު ޒިލާލްގެ ވީޑިއޯ ދައްކާފަ އެވެ. މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު ވަނީ އެ ވީޑިއޯތައް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކާފަ އެވެ.