ގޭގައި ކަމެއް ހިނގިކަން އެނގުނީ މާފަހުން، މައްސަލައަށް ނުފޫޒެއް ނުފޯރުވަން: މިނިސްޓަރު އަމީން

"މިކަން ހިނގާ ދިޔައީ އަޅުގަނޑުގެ އެޕާޓްމެންޓަކު ނޫން. މި ހަރަކާތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ. އަދި އެޕާޓްމެންޓުން ބޭރުގައި އަދި ގެއިން ބޭރުގައި ހިނގާ އެއްވެސް ކަމެއް ކޮންޓްރޯލެއް އަޅުގަނޑުގެ އަތުގައި ނޯންނާނެ،"

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ "ކަމެއް ހިނގިކަން" އެނގުނީ މާ ފަހުން ކަމަށާއި، މައްސަލައިގެ ތަހުގީގަށް ނުފޫޒު ނުފޯރުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީންގެ ގޭގައި "ޕާޓީ" ކުރުމަށްފަހު ޒުވާނުންތަކެއް އެރޭ ދަންވަރު މަސްތުގެ ހާލަތުގައި އެގެއިން ނުކުމުގެން ދިއުމަށްފަހު އެމީހުން ބައިބައިވެ، އެތަނުން އަންހެނަކާއި ފިރިހެނަކު ގެއަކަށް ވަދެ އުޅެނިކޮށް އަންހެން ކުއްޖާ ވަނީ ޖެހިގެން ހުރި ގުދަން އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފަ އެވެ.

ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ޔުމްނު ފުރާޅު މައްޗަށް ވެއްޓުނީ ޖެހިގެން ހުރި ގޭގެ ފެންލައިޓުންނެވެ. 

އެމީހުން "ޕާޓީ" ކުރީ މިނިސްޓަރު އަމީންގެ ގޭގައި ކަމަށް އަޑުތައް ފެތުރޭތާ ދެތިން ދުވަސްވެފައިވީ ނަމަވެސް، ފުލުހުން މައުލޫމާތު ދިން އިރު އެކަން ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަ ހޫނުވެ މިރޭ ގިނަ އަދަދެއްގެ ޒުވާނުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދަނިކޮށް މިނިސްޓަރު ވަނީ ސްޓޭޓްމެންޓެއް ނެރެފަ އެވެ.

މިނިސްޓަރު އަމީން މިރޭ އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގައި "ގެދަރިން" އެއް ބޭއްވި ކަމަށެވެ. އެ އިމާރާތަކީ އޭނާގެ އަމިއްލަ އިމާރާތެއް ނޫން ކަމަށާއި ގޭގެ ވެރިންގެ ގޮތުގައި އޭނާގެ އިތުރުން ތިން ބެއިން ވެސް ތިބޭ ކަމަށެވެ.

"މިކަން ހިނގާ ދިޔައީ އަޅުގަނޑުގެ އެޕާޓްމެންޓަކު ނޫން. މި ހަރަކާތާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ. އަދި އެޕާޓްމެންޓުން ބޭރުގައި އަދި ގެއިން ބޭރުގައި ހިނގާ އެއްވެސް ކަމެއް ކޮންޓްރޯލެއް އަޅުގަނޑުގެ އަތުގައި ނޯންނާނެ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މި "ގެދަރިން"ގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކުދިން ބައިވެރިވި ކަމަށާއި، ހާދިސާއަށްފަހު އެމީހުންނާ ސުވާލު ކުރުމަށް ފުލުހުން ގެންދިޔަ ކަމަށެވެ.

"މިކަން ހިނގާ ދިޔަކަމުގެ މައުލޫމާތު އަޅުގަނޑަށް ލިބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި. މި މައްސަލައިގައި ތަހުގީގީ އަދި ތަންފީޒީ އެއްވެސް ބާރެއް އަޅުގަނޑު އަތަކު ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވެފައި ވަނީ މިއަދާ ހަމައަށް ވެސް ތަހުގީގީ އިދާރާއަކަށް އަދި ސަރުކާރުގެ އެއްވެސް ފަރާތަކަށް މި މައްސަލައާ ގުޅިގެން އެއްވެސް ފޯނުކޯލެއް ކޮށްފައި ނުވާނެ ކަމަށާއި، މައްސަލައިގައި ތަހުގީގާ ގުޅޭ އެއްވެސް އަޕްޑޭޓެއް ވެސް ހޯދާފައި ނުވާނެ ކަމަށެވެ.

އަދި އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވައި ނުވާނެ ކަމަށާއި، ސޯޝަލް މީޑިއާގައި ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.