މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ ޖުމްލަ 2.79 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހަރަދުވެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު ސަބްސިޑީއަށް ކުރި ހޭދަ، މި އަހަރުގެ މިހާތަނަށް ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑުތަނުން ކުޑަކޮށްފި އެވެ.
ދައުލަތުގެ މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޭ އެހީ އާއި ސަބްސިޑީގެ ބަޔަށް ހަރަދުވެފައި ވަނީ ޖުމްލަ 2.79 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ކަމަށް ހަރަދުވެފައި ވަނީ ޖުމްލަ 2.8 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ސަބްސިޑީއަށް ކުރި ހޭދަ ވަނީ ގާތްގަނޑަކަށް ހަތަރު ބައިކުޅަ އެއް ބަޔަކށް ވުރެ ބޮޑުތަނުން މަދުވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 އިންސައްތައިން ދަށްކުރެވިފަ އެވެ. އެގޮތުން 2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން، 17 އެޕްރީލްގެ ނިޔަލަށް ހިނގާފައިވަނީ 19.3 އިންސައްތަ އެވެ. މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 އިންސައްތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާއިރު، 7.8 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.
މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފަ އެވެ. އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާއިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 އިންސައްތަ އެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 އިންސައްތައިން އިތުރުވެފަ އެވެ.