ޝަމްއާން ފްރޭމެއް ނުކުރޭ، މައްސަލައިގެ ތަފްސީލް މާދަމާ ހާމަކުރަނީ

"އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު --

ފުލުހުންގެ ބަންދުގައި މި ވަގުތު ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކޮށްފައިވާ ކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލައާ ގުޅޭ ތަފްސީލުތައް އަންނަ ހަފްތާގައި ފުލުހުން ހާމަކުރާނެ ކަމަށް ހޯލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ. 

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭގެ އަނެއް ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް، އަދި އެ މުއްދަތު ހަމަވުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދު ކޮށްފަ އެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ތުހުމަތު ކުރައްވާފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިހްސާން ވަނީ މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.  

"އަޅުގަނޑަށް ކަށަވަރުވޭ އެ މައްސަލާގައި މިހާރު ހައްޔަރުގައި އޮތް ބޭފުޅާ އޮތީ އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން ސާބިތު ހެކި ފެނިގެން ކަން،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ގާނޫނާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެ މީހަކު ހުރި މަގާމަކަށް ނުބަލައި މި ސަރުކާރުން ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ފަސްނުޖެހޭނެ އެވެ. 

"އެ މީހާއަކީ ވެރިއެއްތޯ ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެ މީހާއަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ ކޮން މަގާމެއްގައި ހުރި މީހެއްތޯ އަޅުގަނޑުމެން ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ،" އޭނާ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ، ޝަމްއާންގެ މައްސަލައިގެ އިތުރު ތަފްސީލްތައް ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާ ހިސާބުން އާންމު ކުރާނެ ކަމަށާއި، އެ މައުލޫމާތު މާދަމާގެ ވަގުތެއްގައި ފުލުހުން ހިއްސާ ކުރާނެކަމަށް ބެލެވޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.