ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ސީސީޓީވީ ފުޓޭޖްތަކާ ގުޅޭ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދުމެވެ.
ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޝަމީމަށް މަގުމަތިން ހަމަލާ ދިން މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ، ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމާއި ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި ދަފްތަރު ނަންބަރު ދރ 2247، އަހުމަދު މައިސާން ހާޝިމާއި ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފާއި ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިންގެ އިތުރުން ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނާއި އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރުގެ މައްޗަށެވެ.
މި ހަތް މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނު ހަރިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި، އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ ސީސީޓީވީ ފުޓޭޖްތަކާ ގުޅޭ ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފެދުމެވެ.
ހުކުމުގައިވާ ގޮތުން، ދައުވާތައް ސާބިތު ކުރުމުގެ އެންމެ އަސާސީ އަދި އެންމެ މުހިންމު ހެއްކަކީ ސީސީޓީވީ ފުޓޭޖް ކަމަށްވާއިރު، ސީސީޓީވީ ފުޓޭޖާއި ހާދިސާ ހިނގާފައިވާ ގަޑިއާ ދިމާ ނުވާ ކަމަށެވެ. އަދި އެ ފަރަގު އައީ ކީއްވެގެންކަން ދައުލަތުން ޝަރީއަތުގައި ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ގާޒީ އިބްރާހީމް އިހުސާން ކުރެއްވި ހުކުމުގައިވެ އެވެ.
އެއީ އެންމެ އަސާސީ ހެއްކަން ވާއިރު، އެ ހެކީގެ ކްރެޑިބިލިޓީ ގެއްލިދާނެފަދަ ކަމެއް ތަހުގީގު މަރުހަލާގައި ފުލުހުންނަށް އަދި ދައުލަތަށް ފާހަގަވި ނަމަވެސް، އެކަމަށްޓަކައި ހެއްކަށް ދެވޭ ބުރަދަން ދެމެހެއްޓުމަށް އެފަރާތްތަކުން ފިޔަވަޅެއް އަޅާފައި ނުވާކަން ވެސް ގާޒީ ވަނީ ހުކުމުގައި ފާހަގަކުރައްވާފަ އެވެ.
"މިކަން ކުރިން އެނގި، މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްކަން ޝަރީއަތަށް ސާފުވާ މިންވަރަށް ހެކި ހުށަހެޅުނުނަމަ މި މައްސަލައިގެ ނިންމުން ތަފާތުވީހެވެ." ހުކުމުގައިވެ އެވެ.
ދައުލަތުން ބުނީ ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ މި ހަތް މީހުންގެ ތެރެއިން މިދުހަތު ކަމަށެވެ. އަދި، ސައިކަލުގައި މިދުހަތު ގޮވައިގެން އެތަނަށް ދިޔައީ ޖަޒްލާން ކަމަށާއި، ހަމަލާއަށްފަހު އޭނާ ގޮވައިގެން އެތަނުން ދިޔައީ ވެސް ޖަޒުލާން ކަމަށެވެ. ހަމަލާ ދޭން ބޭނުން ކުރި ސައިކަލު ހޯދައިދިނީ ދައުވާކޮށްފައިވާ މައިސާން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މި މައްސަލައިގައި ދައުވާ ކުރި އަނެއް ހަތަރު މީހުންނަކީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި މީހުންނެވެ. ހަމަލާއަށްފަހު ސައިކަލުގައި ތިބި ދެ މީހުންނާއެކު ހަތަރު މީހުން ކާރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނެފައި ވަނީ މިއީ މާލޭގައި ކުށް ކުރާ ގުރޫޕަކުން ދުރާލާ ރާވައިގެން "ކޮމަން އިންޓެންޝަން" އެއްގައި ދީފައިވާ ހަމަލާއެއް ކަމަށެވެ.