ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އާއި ޗީފް އިންޓާނަލް އޮޑިޓަރުން އައްޔަން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ލުއި ދީފި އެވެ.
ޕީސީބީން ބުނީ، އެ އުސޫލަށް ބަދަލުތައް ގެނައީ އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާ ވެސް ގިނަ ބަޔަކަށް އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން، ސީއެފްއޯގެ މަގާމު އަދާކުރެވޭނީ އެކައުންޓިން އެންޑް ފައިނޭންސިން ދައިރާ އިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ މީހުންނަށް ކަމަށާއި އަދި އެ މީހުން އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އޮޑިޓިން މިންގަނޑުތަކަށް ތަބާވަން ޖެހޭނެ އެވެ.
ސީއެފްއޯގެ އިތުރުން ޗީފް އިންޓާނަލް އޮޑިޓަރު ވެސް އޮޑިޓިން، އެކައުންޓިން އަދި ފައިނޭންސިން ދައިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެ މަގާމުގައި ތިބޭ މީހުން ޖަވާބުދާރީ ވާން ޖެހޭނީ ވެސް އޮޑިޓް ކޮމިޓީއަށެވެ.
ނަމަވެސް ކުރިން އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުން އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް)ގެ މެމްބަރަކަށް ވާންޖެހޭ ގޮތަށް އޮތް އޮތުން، އަލަށް އެކުލަވައިލި އުސޫލުގައި މިހާރު ވަނީ ލުއިކޮށްފަ އެވެ.