ޖީޑީޕީ ދުވެލި ރަނގަޅު މަގެއްގައި | ޖެނުއަރީ މަހު 7.0 ޕަސެންޓުގައި

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުގެ އުފެއްދުންތެރިކަން ޖެނުއަރީ މަހު ވަނީ އިތުރުވެފަ އެވެ.

ރަށެއްގައި އިމާރާތެއްގެ މަސައްކަތް ކުރަނީ : އިމާރާތް ކުރުމުގެ ދާއިރާ ވެސް ވަނީ ކުރިއަރަން ފަށާފަ -- މިރާ

މި އަހަރުގެ މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 7.0 ޕަސެންޓުގައި ހުރިކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ އެންމެފަހުގެ މަންތްލީ އިންޑިކޭޓާސް އޮފް އިކޮނޮމިކް ގްރޯތް (އެމްއައިއީޖީ) ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖޭގެ ޖީޑީޕީގެ މާކެޓް ޕްރައިސްއަކީ 9,920 ބިލިއަން ރުފިޔާ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ޖީޑީޕީ 7.4 ޕަސެންޓުގެ އުފުލުމެކެވެ. އަދި ފެބްރުއަރީ މަސް ވަކިން ބަލާނަަމަ ޖީޑީޕީ ހުރީ 7.0 ޕަސެންޓުގަ އެވެ. 

މައިގަނޑު ސިނާއަތްތަކުން ކުރިއެރުން

ޖެނުއަރީ މަހު ޖީޑީޕީއަށް ހިއްސާކުރާ މައިގަނޑު ސިނާއަތްތަކުން ކުރިއެރުން ލިބިފައިވެ އެވެ. ޖީޑީޕީ އަށް ހިއްސާ ކުރާ ދާއިރާތަކުގެ ތެރޭން އެކޮމޮޑޭޝަން އަދި ފުޑްގެ ބައިގެ ޖުމްލަ އަގު ހުރީ 2.4 ބިލިއަން ރުފިޔާގަ އެވެ. މި ސެކްޓާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 20 ޕަސެންޓުގެ ކުރިއެރުމެއް އަދި ޖެނުއަރީ މަހާ އަޅާ ބަލާއިރު 15.9 ޕަަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ. މި ސެންޓާއިން މި ކުރިއެރުން ފެނުމުގެ މައިގަނޑު އެއް ސަބަަބަކީ ޓޫރިސްޓު ބެޑްނައިޓްސް ނުވަތަ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރު ވެގެން ގޮސްފައިވުމެވެ. މި މުއްދަތުގައި ޓޫރިސްޓު ބެޑްނައިޓްސް 17.2% އިތުރުވެފައިވެ އެވެ. 

ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަންގެ ދާއިރާގެ ޖުމްލަ އަގުހުރީ 1.3 ބިލިއަން ރުފިޔާގަ އެވެ.  މި ދާއިރާ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ކިޔާނަމަ 9.4 ޕަސެންޓު އަދި ޑިސެމްބަރު މަހާއި މިއަހަރުގެ ޖެނުއަރީ މަހާ އަޅާ ކިޔާނަމަ 13.4 ޕަސެންޓުގެ ކުރިއެރުން ހޯދާފައިވެ އެވެ. މި ސިނާއަތުން ކުރިއަރައިގެން ދިޔަ މައިގަނޑު ސަބަބަކީ ވައިގެ މަގުން އުފުލާ ކާގޯ އިތުރުވުމާއި ޖުމްލަ އިމްޕޯޓަށް އައި ކުރިއެރުމެވެ. 

އާއްމު ވިޔަފާރީގެ ބައިގެ ޖުމްލަ އަގު 835 މިލިއަން ރުފިޔާގައި ހުރިއިރު މި ސެކްޓަރު ޑިސެމްބަރު މަހު -11.2% ޕަސެންޓް ދަށްވެފައިވެ އެވެ. ނަމަވެސް ދަށްވި އަދަދު މިދިޔަ ޖެނުއަރީ މަހު ވަނީ 0.1 ޕަސެންޓަށް ކުޑަވެފަ އެވެ. މި ދަށްވުމުގެ 
މައިގަނޑު ސަބަބަކީ އިމްޕޯޓް މުދަލުގެ އަގު އުފުލިގެން ދިއުން ކަމަށް ބެލެވެ އެވެ. 

މާލީ ދާއިރާގެ އަގު 559 މިލިއަން ރުފިޔާގައި ހުރިއިރު މި ދާއިރާއިން 2.2 ޕަަސެންޓުގެ ކުރިއެރުމެއް ފެނެ އެވެ. މި ސެކްޓާއިން ކުރިއެރުން ލިބުމުގެ ސަބަބަކީ މާލީ ހިދުމަތްދޭ ތަންތަން އިތުރުވުމާއި އިންޝުއަރެންސް ސެކްޓަރަށް އައިސްފައިވާ ކުރިއެރުމެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގެ އަގު ހުރީ 416 މިލިއަން ރުފިޔާގަ އެވެ. މި ސެންޓާ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 15.9% ކުރިއަރާފައިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މި ދާއިރާގެ އިމްޕޯޓް އިތުރުވެ އިމާރާތް ކުރުމުގެ ހަރަކާތްތަަކަށް އައި ކުރިއެރުމެވެ. 

މަސްވެރިކަމުގެ ސިނާއަތުގެ ޖުމްލަ އަގު ހުރީ 190 މިލިއަން ރުފިޔާގަ އެވެ. މި ސިނާއަތުގެ ކުރިއެރުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު -46.5% ޕަސެންޓް ދަށްވިނަމަވެސް ޑިސެމްބަރު މަހާ އަޅާ ކިޔާނަމަ މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން 96.1%. ކުރިއެރުމެއް ލިބިފައިވެ އެވެ. 

ސަރުކާރުގެ އަމާޒު ޖީޑީޕީ 10 ބިލިއަނަށް

ސަރުކާރުން ދަނީ ރާއްޖޭގެ ޖީޑީޕީ މަތި ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިކޮނޮމިކް ރިފޯމް އެޖެންޑާ ތަންފީޒުކުރުމުގެ ތެރެއިން 2028 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން 10 ބިލިއަން ޑޮލަރާ ހަމައަށް ގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އިގުތިސޯދީ ގޮތުން ރާއްޖެ އޮތީ އަލުން ފަށަން ޖެހިފައިވާ ހިސާބެއްގައި ކަމަށެވެ. ނިޒާމީ ގޮތުން ހުރި މައްސަލަތައް ހައްލުކޮށް، ސަރުކާރުގެ ތަސައްވުރާ އެގޮތަށް މުޅި ރާއްޖޭ ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމުކޮށް، ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރުމަކީ ވެސް މި އެޖެންޑާގައި ތަސައްވުރުކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖީޑީޕީ ނަމްބަރު އެކުލަވާލާ ގޮތް

ޖީޑީޕީ އިތުރުވާ މިންވަރަކީ ގައުމެއްގެ އިގްތިސޯދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމު ގޮތެއްގައި ބޭނުން ކުރާ އެއް އިންޑިކޭޓަރެވެ. ނުވަތަ މިންގަނޑެވެ. ޖީޑީޕީ ދެގޮތަކަށް ދައްކަ އެވެ. އެއް ގޮތަކީ "ނޮމިނަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ އެ އަހަރެއްގެ އަގުން ދެއްކުމެވެ. ދެވަނަ ގޮތަކީ "ރިއަލް ޖީޑީޕީ" ނުވަތަ ޖީޑީޕީ ދާއިމީ އަގުން ދެއްކުމެވެ. ރާއްޖޭގައި ރިއަލް ޖީޑީޕީ މިހާރު އަންދާޒާ ކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގަށް ބަލައިގެންނެވެ. ރިއަލް ޖީޑީޕީ އެކުލަވައި ލެވެނީ މުދަލާއި ހިދުމަތުގެ އަގު ތަކަށް އަންނަ ބަދަލުތައް ނުހިމަނަ އެވެ. އެހެންވެ ގައުމެއްގެ އުފެއްދުންތެރިކަންކުރިއަރާ މިންވަރު ދެނެގަނެވޭނީ ރިއަލް ޖީޑީޕީ އިންނެވެ. ނޮމިނަލް ޖީޑީޕީ އާއި ރިއަލް ޖީޑީޕީގެ ފަރަގަކީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން އުފެއްދުންތެރިކަމަށް އަންނަ ބަދަލު ތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.