ސިފައިންގެ ބާރު އިތުރުވުމަކީ ކޮންމެ ދިވެއްސަކަށް ލިބެންޖެހޭ ފަހުރެއް: ރައީސް

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް. --ފޮޓޯ: ރައީސް އޮފީސް

ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި، ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި، ސިފައިންގެ ބާރު އިތުރުކުރުމަކީ ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރި ވާންޖެހޭނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި، ގައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ކުރެވޭ ކޮންމެ ގައުމީ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި، އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ މަސައްކަތެކެވެ.

އަދި އެކަމާ މަލާމާތްކުރާ މީހުންނަކީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ގައުމިއްޔަތުކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުންގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަޔަސް ވަރިހަމަވާ ވިސްނުމުގެ މީހުންނެވެ.

އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ، ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް ކަމަށާއި، މި ގައުމަށް އުފަން، ކޮންމެ މައް ދިވެއްސެއްގެ ހިތުގައި ގައުމީ ލޯބި ހުންނަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް. --ފޮޓޯ: ރައީސް އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރުވެސް، އަދި މިއަދާއި މާދަމާވެސް އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކަށަވަރުކަމާ އެކީގައި ކުރިއަށްއޮތް ޖީލުތަކަށް ފޯރުކޮށްދެއްވުން ކަމަށާއި، އެ ވާޖިބު އަދާކުރެއްވުމުގައި އެންމެ މުހިންމު ބައިވެރިންނަކީ ދިވެހި ސިފައިންކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ދިވެހި ގައުމު ހިމާޔަތްކުރާނީ ހުރިހައި މާނައެއްގައިވެސް މިނިވަންކަން ކަށަވަރުކުރަމުންކަމުގައްޔާއި، އޭގެތެރޭގައި އިގުތިސާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަންވެސް ހިމެނޭ ކަމަށެވެ.

ރާއްޖެއަކީ ކުޑަ އާބާދީއެއް ކަމުގައި ވީނަމަވެސް، ސަރަހައްދުގެ ގޮތުން ބިޔަ ގައުމެއް ކަމަށާއި، ރާއްޖޭގެ 99 އިންސައްތަ ކަމުގައިވާ ކަނޑުގެ ސަރަހައްދަކީވެސް ދިވެހި ގައުމުގެ ބައެއް ކަން އެ މަނިކުފާނު ހަނދުމަފުޅުކޮށް އެރުވި އެވެ. އަދި ރާއްޖޭގައި ހިކިފައި އޮތް ސަރަހައްދަކީ ގައުމުގެ އެކެއް އިންސައްތަ ކަމުގައި ވުމަކީ، މިނިވަންކަމަށް ފަރުވާކުޑަކޮށް ގައުމު ހިމާޔަތް ނުކުރާންވީ ސަބަބެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް. --ފޮޓޯ: ރައީސް އޮފީސް

ދިވެހި އެކްސްކްލޫސިވް އިކޮނޯމިކް ޒޯން (އީއީޒެޑް)ގެ ބޮޑު ބިޔަ ސަރަހައްދު ވަޔާއި ކަނޑާއި އެއްގަމު މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ހާސިލުކުރެވިފައިވާ ކުރިއެރުންތަކަކީ އަދި ފެށުމެއް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ. 

ދިވެހި ސިޔާދަތީ ބާރުގެ ތެރޭގައި ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް، ވޭތުވެ ދިޔަ ތަނުގައި ގާއިމުކުރެވިފައި ނުވި ސަބަބާމެދު ސުވާލު އުފައްދަވައި، މާ ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދޭނޭ މަގު ފަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ އަޒުމުފުޅުގައި ސާބިތުވެ ހުންނެވިކަން ރައީސް ވަނީ ހާމަކުރައްވާފަ އެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި އަސްކަރިއްޔާ ހަރުދަނާކުރެއްވުމަކީވެސް ސަރުކާރުގެ ވަށާޖެހޭ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށާއި، ނެޝަނަލް ސާވިސްގެ ހިދުމަތަށް ކުރިމަތިލުމަށް ދާދި އަވަހަށް ހުޅުވާލާނެ އެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ބޭއްވި 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް. --ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސް ވަނީ އެމްއެންޑީއެފުން އަލަށް ތައާރަފުކުރި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ. 

މީގެއިތުރުން އެ މަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ހާސިލުކުރި ފަރާތްތަކަށާއި، ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން އަދި ފިރިހެން ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވައި، ޕާކިސްތާނު އާމީ ޓީމްސް ސްޕްރިޓް (ޕެޓްސް)ގައި ކާމިޔާބު ހޯދި އަދި އެންމެ ހަށިހެޔޮ ޔުނިޓުގެ ގޮތުގައި ހޮވުނު ޔުނިޓަށް ފިލާ ހަވާލުކޮށްދެއްވާފަ އެވެ. 

އަދި އެ މަނިކުފާނު ވަނީ، އަސާސީ ތަމްރީން ކޯހުގެ ދަސްވެނިން ހުވާކުރުމުން، އެ ސިފައިންނާ ރަމްޒީގޮތުން ބަޑިހަވާލުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.