ޓޫރިސްޓުން އަންނަ މިންވަރަށް މަޑުޖެހުމެއް ނެތް | އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އަންނަމުންދާ ޓޫރިސްޓުންގެ ދުވަހުން ދުވަހަށް މައްޗަށް ގޮސް، އެ ސިނާއަތުން ލިބޭ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 ޕަސަންޓު ވަނީ އިތުރުވެފަ އެވެ.

މީގެއިތުރުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި 89،865 ފަތުރުވެރިންނަށް ވުރެ 16.1 ޕަސެންޓުގެ އިތުރު މިންވަރެކެވެ.

މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު 6،957 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެއީ ފަތުރުވެރިކަމުގެ ސީޒަނަށް އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ ޑިސެމްބަރު އަދި ޖެނުއަރީގައި ހުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.

މި މަހުގެ 15އާ ހިސާބަށް މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 693،869 ފަތުރުވެރިންނަށް ވުރެ 6.2 ޕަސެންޓު އިތުރުވެ، 736،775 ފަތުރުވެރިން ހަމަކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ 7،017 ގަ އެވެ. 

މި އަހަރު އެންމެ ގިނަ ޓޫރިސްން ނިސްބަތްވާ 10 ގައުމަކީ:

  • ޗައިނާ: 81،001 (11 އިންސައްތަ އިތުރު އަދަދެއް)
  • އިނގިރޭސިވިލާތް: 80،535 (10.9 އިންސައްތަ އިތުރު އަދަދެއް)
  • ރަޝިއާ: 76،243 (10.3 އިންސައްތަ އިތުރު އަދަދެއް)
  • އިޓަލީވިލާތް: 63،995 (8.7 އިންސައްތަ އިތުރު އަދަދެއް)
  • ޖަރުމަނުވިލާތް: 57،081 (7.7 އިންސައްތަ އިތުރު އަދަދެއް)
  • އިންޑިއާ: 36،941 (5 އިންސައްތަ އިތުރު އަދަދެއް)
  • ފަރެންސޭސިވިލާތް: 28،983 (3.9 އިންސައްތަ އިތުރު އަދަދެއް)
  • އެމެރިކާ: 23،720 (3.2 އިންސައްތަ އިތުރު އަދަދެއް)
  • ސިވިޓްޒަލެންޑް: 16،766 (2.3 އިންސައްތަ އިތުރު އަދަދެއް)
  • ޕޯލަންޑް: 14،184 (1.9 އިންސައްތަ އިތުރު އަދަދެއް)

މި އަހަރުގެ އެހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު:

  • ރިސޯޓްތަކަށް: 516،174 (70.1 އިންސައްތަ މީހުން)
  • ހޮޓާތަކަށް: 21،852 (3 އިންސައްތަ މީހުން)
  • ގެސްޓްހައުސްތަކަށް: 179،878 (24.2 އިންސައްތަ މީހުން)
  • ސަފާރީތަކަށް: 18،379 (2.5 އިންސައްތަ މީހުން)

މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމާއެކު، ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތައް ކަމުގައިވާ، ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޓީ.އެފް) ގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ ވަނީ އިތުރުވެފަ އެވެ. 

އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އާމްދަނީތަކުގެ ޖުމުލަ މިވަނީ 12.4 ޕަސެންޓުން އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.