އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އެމަނިކުފާނެވެ.
މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މިއީ 40 އަހަރަށްފަހު މުސްލިމުންގެ ދެ ހަރަމްފުޅުގެ ތެރެއިން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް ވަޑައިގަންނަވާ ތާރީހީ ދުވަހެކެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ. އެމަނިކުފާނަށް ވަޑައިގަތުމުން އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފަ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިނިސްޓަރު ޝަހީމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައިވެ އެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޡުންނާއި އިމާމުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
މިނިސްޓްރީ އިން ބުނީރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އަދި، ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާނީ ވެސް ޑރ. ސަލާހުލް ބުދައިރެވެ. އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ވެސް ދެއްވާނެ އެވެ. އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އެމަނިކުފާނެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.