ބަންކަރިން އިން އުންމީދީ ނަތީޖާ ފެނޭ، މަސައްކަތް ޓާގެޓަށް ދޭ

ސައީދު ވިދާޅުވި ގޮތުގައި ބަންކަރިންގެ ގާނޫނެއް ހެދުމުގެ މަސައްކަތް ކުރާއިރު މި އަހަރު ހޯރަފުށި ސަރަހައްދުގައި ބަންކަރިން ބަނދަރުގެ އަމަލީ މަސައްކަތް ފަށަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު މުހައްމަދު ސައީދު ބަންކަރިން ވިޔަފާރި އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި ފެށި ފްލޯޓިން ބަންކަރިންގެ މަސައްކަތުގައި އުންމީދީ ނަތީޖާ ތަކެއް ފެންނަމުންދާ ކަމަށާ އެ މަަސައްކަތް ޓާގެޓް ކުރިއަށް ގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަންކަރިން ފެށުމުގެ ވާހަކަ ދައްކާތާ 40 ހަކަށް އަހަރުފަހުން މި ސަރުކާރުގެ ފެށި ބަންކަރިންގެ ވިޔަފާރިއާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ އަށް ފައިދާއެއް ލިބެން އޮތް އަދި ކުރިން ނުފެށި ހުރި ކަންކަން ފަށައިގެން ކުރިއަށް ގެންދަން ކަމަށާ، ބަންކަރިންއަކީ ވެސް އެގޮތަށް ފަށައިގެން ފުޅާ ކުރަމުން ގެންދާ ވިޔަފާރިއެއް ކަމަށެވެ. އަދި އެ ވިޔަފާރި ފެށީ ބަނދަރެއް ނެތި ފްލޯޓިންކޮށް ނަމަވެސް ރޭވިގޮތަށް ކުރިއަށްދާކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"މި މަސައްކަތް ހަވާލުކުރީ އެސްޓީއޯއަށް. އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އެބަދޭ. ޓާގެޓް ކުރިގޮތަށް ކުރިއަށްދޭ. އުތުރުގައި ޕޯޓެއް ނެތް. އަޅުގަނޑުމެން ހުއްޓިގެން މި ތިބެނީއެއް ނޫން. ބަންކަރިން މަސައްކަތުގައި އުޅޭ ފަރާތްތަކާ އެބަ ބައްދަލު ކުރަން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ބަންކަރިންއާ ބެހޭ ގާނޫނެއްވެސް ހަދަމުންދާ ކަމަށާ މިއާއެކު ބަންކަރިން ވިޔަފާރީގެ ބަނދަރުތަކާއި ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން ގެންދާ ކަމަށެވެ.

"މި އިންފްރާސްޓްރަކްޗާ އަށް ފައިދާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އިރާދުކުރެއްވިއްޔާ މި އަހަރުތެރޭގައި މަސައްކަތް ފެށުމަކީ ޓާގެޓެއް،" ސައީދު ވިދާޅުވި އެވެ.

ބަންކަރިން ވިޔަފާރި - ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ބަންކަރިންގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ އަހަހުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތް ފެށީ އުތުރުން ދަތުރު ކުރާ އުޅަނދު ފަހަރަށް ހިދުމަތް ދޭން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓްއެއް ގާއިމްކޮށްގެންނެވެ. އެ ސަރަޙައްދަކީ ކޮންމެ ދުވަހަކުވެސް 200އަށްވުރެ ގިނަ އާގުބޯޓުފަހަރާއި އެނޫންވެސް އެތައް އުޅަނދުތަކެއް ދަތުރުކުރާ ސަރަޙައްދެކެވެ. އެ ބޯޓުފަހަރުގައި އެތައް ބިލިއަން ޑޮލަރުގެ މުދާ ކޮންޓެއިނަރުތަކުގައި މި ސަރަޙައްދުން އުފުލައެވެ. މި ވިޔަފާރި ފެށުމަށްފަހު އެސްޓީއޯ އިން ބައެއް ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދަނީ ދެމުންނެވެ. ސަރުކާރުން މި ވިޔަފާރި ފެށުމާއެކު ބުނެފައިވަނީ ފުރަތަމަ އަހަރު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.