އެފްއޭއޯއިން 1996 ވަނަ އަހަރު ހެދި ދިރާސާއިން ޔަގީންވި ގޮތުގައި ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދު ވިނަ ހެއްދިދާނެ އެވެ. މޫދު ވިނަ ޓަނެއް ދުނިޔޭގައި އުޅެނީ 3،000 ޑޮލަރަށެވެ. މިއީ ރާއްޖޭން އެކްސްޕޯޓް ކުރާ ކަނޑު މަހަށްވުރެ އަގު ބޮޑު އެއްޗެކެވެ
މޫދު ވިނައޭ ބުނީމައި ދިވެހިން ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ފަހަކަށް އައިސް ރަށްރަށުގައި ޓޫރިޒަމް ފައްކާވުމާއެކު ކޮންމެ ބަޔަކު ވެސް ބޭނުންވަނީ މޫދު ރީތިކޮށް ސާފުކޮށް ބާއްވާށެވެ. ދޮންވެލީގެ ރީތި މޫދެކެވެ. އެހެންވެ މޫދުގައި ސަތަރި ފަތުރައިގެން ނަމަވެސް މޫދު ވިނަ މަރާލެވޭ ތޯ ބަލަ އެވެ. އެކަމަކު ހަގީގަތަކި މޫދު ވިނައިގެ ގިނަ ބާވަތްތަކަކީ ގިނަ އަދަދަކަށް އާމްދަނީ ލިބޭ "މަސްވެރިކަމެއްގެ" ގެ ގޮތުގައި ގިނަ ގައުމުތަކުގައި ކުރާ ކަމެކެވެ. މަސްވެރިކަމާއި ގުދުރަތީ ތިމާވެށީ ހިޔާމަތް ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ މޫދު ވިނަ ނުވަތަ "ސީވިޑް" މާކެޓު 2023 ވަނަ އަހަރު ހުރީ 17.14 ބިިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރު މި މާކެޓުވަނީ ފުޅާވެ 19 ބިލިއަން ޑޮލަރު ފަހަނަ އަޅާ ގޮސްފައިވެ އެވެ. އަދި 2032 ވަނަ އަހަރު މި މާކެޓު 34 ބިލިއަން ޑޮލަރު ހުރަސް ކުރާނެ ކަމަށް އަންދާޒާ ތަކުން ދައްކަ އެވެ. ސަރުކާރުން މިދިޔަ ހަފުތާގައި މޫދު ވިނަ ވިޔަފާރި އުސޫލުން ހެއްދުމުގެ މަސައްކަތް ބ. އަތޮޅުގައި ފެށުމާ ހަމައަށް ރާއްޖޭގައި މިކަމުގެ އަމަލި އެއްވެސް ކަމެއް ކޮށްފައެއް ނެއްތެވެ.
ސުވާލަކީ ރާއްޖޭގައި މޫދު ވިނަ ހެއްދިދާނެ ހެއްޔެވެ؟ މިހާތަނަށް މިކަން ނުކޮށް އޮތީ ކީއް ވެގެން ހެއްޔެވެ؟ މިކަން ރާއްޖޭގައި ކުރެވިދާނެކަމުގެ ކިހާ ޔަގީންކަމެއް އެބައޮތް ހެއްޔެވެ؟
މޫދު ވިނައިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެ ކަމަށް ކިތަންމެ ދިރާސާއަކުން ފެންނަން އެބައޮތެވެ. މިފަދަ އެއް ދިރާސާއަކީ ދުނިޔޭގެ ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) އިން ރާއްޖޭގައި ހެދި ދިރާސާތަކުން ދައްކާ ގޮތުން މޫދުވިނަ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާލާ ކުރެވިދާނެ އެވެ.
އެފްއޭއޯގެ ޓީމަކުން 1996 ވަނަ އަހަރު ރާއްޖެ އައިސް ހަ މަސް ދުވަހު ލ. އަތޮޅުގައި ހެދި ދިރާސާގައި ބުނެފައިވާ ގޮތުން އެ މަސައްކަތުން 600 ގޯނި މޫދުވިނަ ވަނީ ހެއްދި އެވެ. މިއީ ގާތްގަނޑަކަށް 10،000 ކިލޯއަށް ވުރެ ބަރު މޫދު ވިނަ އެވެ.
މި އަދަދަކީ ވިޔަފާރި އުސޫލުން މިކަން ކުރަން އެކަށީގެންވާ މިންވަރެއް ކަމަށް އެފްއޭއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ދިރާސާއަށްފަހު އެފްއޭއޯގެ އެހީގައި ޖަޕާން އޯވަސީސް ވޮލަންޓިއާސް ސާވިސް (ޖޭއޯވީއެސް) އިން ފޮނުވި މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ވެސް ހިންގި އެވެ. ނަމަވެސް އޭގެ ފަހުން 30 އަހަރު ވެގެން ދިޔައިރު މިކަމުގެ އަމަލީއެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ. ތިބީ ހުސް އަނގަ ތަޅާށެވެ.
ކޮވިޑަށް ދުނިޔެ ބަންދުވި 2020 ވަނަ އަހަރުގެ މެއި މަހު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަލްޑިވްސް ރެސިލިއެންޓް ރީފްސް ޕްރޮޖެކްޓުން ރާއްޖޭން އާ ބާވަތެއްގެ މޫދު ވިނައެއް ފެނުނުކަން ރަސްމީކޮށް އިއުލާނު ކުރި އެވެ. މިއީ ކިލޯއެއް އެތައް ހާސް ޑޮލަރަށް ދުނިޔޭގެ ބާޒާރުގައި ވިއްކާ ޝެއަމޮޑޯސިއާ ސެރަލަޓަ ބާވަތުގެ މޫނު ވިނަ އެވެ. އައްޑޫ ނޭޗާ ޕާކް ސަރަހައްދުން މި ބާވަތުގެ ވިނަ ފެނުން ނޫން އިތުރު ކަމެއް ދިވެހި ސަރުކާރަކުން އޭރަކު ވެސް ނުކުރެ އެވެ. ރާއްޖޭގައި ހަތް ބާވަތެއްގެ މޫދުވިނަ ހެދޭއިރު މީގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރިކުރާ މޫދުވިނަ ވެސް ހިމެނެ އެވެ. އެކަމަކު އޭރު އޮތް ސަރުކާރުން އަޅައެއް ނުލި އެވެ. އެ ސަރުކާރުން ކަނޑު ގޮވާން ކުރުމޭ ފަޅު ގޮވާން ކުރުމޭ ކިޔުންނޫން ކަމެއް ނުކުރެ އެވެ.
ރާއްޖޭގައި ވިޔަފާރި އުސޫލުން ހެއްދިދާނެ އަދި ފައިދާ ނެގިދާނެ ވިޔަފާރިއެއް ނަމަވެސް މިހާތަނަށް މި ކަންކޮށްފައެއް ނެތެވެ. ނަމަވެސް ދުނިޔޭގެ ބާޒާރަށް ބަލާއިރު ހިއްކާފައި ހުންނަ މޫދުވިނަ ޓަނެއްގެ އަގު މި ވަގުތު ވެސް ހުރީ 3،000-1000 ޑޮލަރާ ދެމެދުގަ އެވެ.
މާނައަކީ މިހާރު ރާއްޖޭން ތައިލެންޑަށް ބޭރުކުރާ މަސް ޓަނެއްގެ އަގަށްވުރެ ބޮޑު އަގު މޫދުވިނަ ޓަނަކަށް ލިބެން އޮތުމެވެ. މި ބާޒާރަކީ ޖަޕާން އާއި އެމެރިކާ އަދި މިނޫން ވެސް ގައުމުތަކުގައި ބޮޑު ޑިމާންޑެއް އޮތް އެއްޗެކެވެ. އަދި މޫދު ވިނައަކީ ޗައިނާގައި އެންމެ ބޮޑު ޑިމާންޑް އޮތް ކާނާގެ ބާވަތެވެ. ޗައިނާ ގޭބިސީތަކެއްގެ މީހަކު ހަފުތާއެއްގެ މައްޗަށް ތިން ފަހަރު ކެއުމުގައި މޫދު ވިނަ ބޭނުން ކުރެ އެވެ.
ޗައިނާގެ ބާޒާރުގައި މި ވަރުގެ ބޮޑު ޑިމާންޑެއް އޮތުމަކީ މިހާރު ރާއްޖެއަށް އޮތް ބޮޑު އެޑްވާންޓޭޖް އެކެވެ. ސަބަބަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީޓްރޭޑް އެއްބަސްވުމާއެކު ރާއްޖޭން ޓެކްސް ނުލައި މި ބާވަތް ޗައިނާ އަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތުމެވެ. އެކަމަކު ކިތަންމެ ފުރުސަތެއް އޮތަސް ސުވާލަކީ މި ކަން ކުރަން ރާއްޖޭން ބޭނުން ވޭ ހެއްޔެވެ؟ މިހާރު ގައިމު ވެސް ފުރުސަތު އެބައޮތެވެ. ބޭނުން ވަނީ ކަން ކުރާނެ ބައެކެވެ. މިފަހަރު ފެއްޓި މަސައްކަތުން މިކަން ކާމިޔާބު ވެދާނެ ހެއްޔެވެ؟