"ސިފައިންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހާހާހިނދަކު ދިވެހިންގެ މިނިވަންކަން ދެމިއޮންނާނެ"

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރުގެ ނުގުޑާ އަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ގައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރާއްޖެ އެއް ވެރިކަމެއްގެ އަމުރުމައުރޫފުގެ ދަށުގައި، މުސްތަގިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، ގައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ދިވެހި އަސްކަރިއްޔާއިން ވަމުންދާ ގުރުބާނީގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރުގެ ނުގުޑާ އަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ގައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ވަމުންދާ ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ގައުމު ދިފާއުކޮށް، އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ސިފައިންގެ ލަޝްކަރުން ކަމަށެވެ.

"ސިފައިން، އަމިއްލަ ނަފުސާ އާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު. ގައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިން،" ރައީސް ވިދާޅުވި އެވެ.

"ގައުމުގެ ހައްގުގައި ހޭވައްލާ ތައްޔާރު" އަށް ތިބެވީ އަބަދުވެސް ދިވެހި ސިފައިން ކަމަށާއި، ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ހާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން މިދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިން. ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ގައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި އަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އަސްކަރީ ހިނގާލުމެއް މާލޭގައި ބާއްވާފަ އެވެ. އަދި މިއަދު ހެނދުނު ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.