ހައްގުތައް ހަނިވާކަމަށް ވިދާޅުވެ، އިންތިހާބުގެ ދެވަނަ ބުރު އުވާލަން ފައްޔާޒްގެ ތާއީދެއް ނެތް

އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލަކަށް ވެގެންނުވާނެ ކަމަށް ވިދާޅުވެ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ ދެކޮޅުކަން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހާމަކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމުގެ އަޑުތަކެއް އިވެމުންދާ ދަނޑިވަޅެއްގައި، އެމްޑީޕީގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ތާއީދުކުރައްވައިފަ އެވެ.

"ޕްރިފެރެންޝަލް ވޯޓް އާއިއެކު ނަމަ އެއްބުރުން ވޯޓުލައި ނިންމާ، ސަރުކާރެއް އުފައްދާ އުސޫލަކީ ރަގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅިގެން ފައްޔާޒް އެކްސްގައި ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށެވެ.

އަދި ކޮރަޕްޝަނަށް ދައުލަތުގެ އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް. މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ފައްޔާޒް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުއްޓެވެ. 

މިގޮތުން، ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް، މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަސައްކަތް ފައްޓަވައިފަ އެވެ. އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގެންފަ އެވެ.

އަދި މިހާރު އެކަމަށް ސޯޝަލް މީޑިއާގައި ސަރުކާރާ އެއްކޮޅު ފަރާތްތަކުން ދަނީ ކެމްޕޭނެއް ވެސް ކުރަމުންނެވެ. އެގޮތުން އެކަމަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި ދަނީ ގިނަ ޕޯސްޓްތަކެއް ކުރަމުންނެވެ.

ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވެފައި ވަނީ އެގޮތަށް ބަދަލު ކުރާނީ ރަގަޅަށް ދިރާސާކުރުމަށްފަހު، އެއީ ގައުމަށް އެންމެ ރަގަޅު ގޮތް ކަމަށް ފެންނަ ނަމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.