ސަރުކާރުން ކުރާ މުހިންމު މަސައްކަތްތަކާއި ރައްޔިތުންނާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދޭން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ވަޓްސްއެފް ޗެނަލެއް އުފައްދައިފި އެވެ.
ރައީސް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތުތަކާއި ރައްޔިތުންނާ ގުޅުންހުރި މެސެޖުތައް ދުވަހުން ދުވަހަށް ފޯރުކޮށްދިނުމަށްޓަކައި، އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވާފައިވާ ކަމަށެވެ.
ރައީސް ވަނީ އެ ވަޓްސްއެޕް ޗެނަލްއާ ގުޅުމުގެ ދައުވަތު ރައްޔިތުންނަށް ދެއްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމުގައި ޒަމާނީ މިފަދަ ޕްލެޓްފޯމުތައް ބޭނުންކުރައްވަމުންނެވެ.
މިގޮތުން، އެކްސް، ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް މެދުވެރިކުރައްވައި ވެސް ރައްޔިތުންގެ ހިދުމަތުގައި ކުރައްވާ މަސައްކަތްތައް ގަވާއިދުން ހިއްސާކުރައްވަމުން ގެންދަވަ އެވެ.
މީގެއިތުރުން، ރައީސް ދާދިފަހުން ވަނީ "ރައްޔިތުންނާ އެކު"ގެ ނަމުގައި ޕޮޑްކާސްޓެއް ވެސް ފައްޓަވައިފަ އެވެ. އެ ޕޮޑްކާސްޓު މެދުވެރިކުރައްވައި، ރައީސް ގެންދަވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވަމުންނެވެ.