ސީއީއޯ ރިޝްވާން ވިދާޅުވެފައިވާ ގޮތުގައި މިހާރު ތިލަފުށީގައި ގާއިމްކުރާ ޕޯޓާއެކު މިހާރު މުދާ ހުސްކުރަން 10-7 ދުވަހުން ހުސްކުރާ ބޯޓު 48 ގަޑިއިރު ތެރޭ ހުސްކުރަން ފެށޭނެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށީގައި މިހާރު ހަދަމުން ގެންދާ ބަނދަރުގެ މަސައްކަތް ނިމުމާއެކު އެންމެ ބޮޑެތި ދެ ބޯޓަށް އެއް ފަހަރާ ހިދުމަތް ދިނުމުގެ ގާބިލްކަން ފުރަތަމަ ފަހަރަށް އުފެދިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި، އެމްޕީއެލްގެ ސީއިއޯގެ މަގާމާ މި އަހަރުގެ ފެބްރުއަރީ މަހު ހަވާލުވެވަޑައިގެންނެވި ސީއިއޯ، ކުރީގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ފުރުއްވި މުހައްމަދު ރިޝްވާނު ދުވަހު ނޫސް މިހާރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހި ބަލްކް ޕޯޓުގެ 70 މީޓަރުގެ ކީވޯލްއާއެކު ބޮޑު ބަދަލެއް އެ ކުންފުނީގެ ވިޔަފާރި އަށް އަންނާނެ އެވެ. މިއީ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ގެ މަޝްރޫއެއްކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ތިޔަ ބޭފުޅުންނަށް ބޭރުން ފެންނާނެ ބޮޑެތި ބޯޓު ފަހަރު. މިތަން [ތިލަފުށި ބަލްކް ޕޯޓް] ނިމުމުން އެ ގެންދާނީ ތިލަފުއްޓަށް. މިހާރު ކީވޯލްއަށް ކުރެވޭނީ އެއް ފަހަރާ އެންމެ ބޯޓެއް. މިހާރު ހިދުމަތް ދެވެނީ ހަތް ދުވަހު ހަތް ދުވަހުން [ހަފުތާއަކު] އެއް ބޯޓަށް. އެކަަމަކު އަންނަ އަހަރުން ފެށިގެން އެއް ފަަހަރާ ދެ ބޯޓަށް ކައިރި ކުރެވޭނެ ކެޕޭސީޓީ އުފެދިގެންދާނެ،" ރިޝްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބަދަލާއެކު މުދަލުގެ އަގު ހެޔޮވާން ވެސް ފުރުސަތު ލިބިގެންދާނެ އެވެ. ސަބަބެއްގެ ގޮތުގައި ކުރިން އައިޖީއެމްޗް ހިންގުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ރިޝްވާން ވިދާޅުވީ ބޯޓުތައް ބަނދަރުގައި އޮންނަ ދުވަހުގެ އަދަދު މަދުވުމެވެ.
"ބޯޓު އޮންނަ ކޮންމެ ދުވަހަކަށް ބަނދަރަށް ފައިސާ ދައްކަމުން ގެންދާނެ. މީގެމާނައަކީ އެ އަދަދު މުދަލަށް ހިމަނަމުންނޭ ދާނީ. މިކަމުން އަގު ކުޑަ ކުރެވިގެންދާނެ،" ރިޝްވާން ވިދާޅުވި އެވެ.
ސީއީއޯ ރިޝްވާން ވިދާޅުވި ގޮތުގައި ތިލަފުށީގައި މިހާރު ކުރިއަށް ކުރިއަށް ގެންދާ 30 މީޓަރުގެ ކީވޯލް ހެދުމުގެ މަަޝްރޫއާއެކު މާލެ ވިޔަފާރި ބަނދަރަށް ލޯޑް ކުޑަވެގެންދާނެ އެވެ. މި މަޝްރޫ އަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު އަންނަ މަހު ނިމުމާއެކު ކޮންމެ ދުވަހަކު ވެސް ހުސް ކޮންޓެއިނަރުތައް ތިލަފުއްޓަށް ގެންގޮސް ޖާގަ ހެދޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މިހާރު ނޫހަށް ދެއްވި އިންޓަވިއުގައި ސީއީއޯ ވިދާޅުވެފައިވާ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ އާ ޕޯޓަށް ބަދަލު ކުރުމުގެ ބިޔަ މަޝްރޫއަށެވެ، އެކަން ކޮށް ހުރިހާ މަސައްކަތެއް ނިންމާލެވޭނީ 2027 ވަނަ އަހަރުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މި މަސައްކަތް ނިމުމާއެކު މާލޭގެ މިހާރު ޕޯޓް ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދި މި ތަނުން ސީ ޓު އެއާ ކާގޯއަށް ހާއްސަ ޓާމިނަލެއް ހެދޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.